މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އާއި ގުޅިގެން ހުރަވީ ސްކޫލުގައި ގާއިމުކޮށްފައިވާ ވޮކޭޝަނަލް ހަބް "ހުނަރު ވެހި" އަށް ބޭނުންވާ ބައެއް ތަކެތި އެމްއޭސީއެލުން ހަދިޔާކޮށްފި އެވެ.

އެމްއޭސީއެލުން ބުނީ "ހުނަރު ވެހި" އަށް ހަދިޔާކުރި ތަކެތީގެ ތެރޭގައި ހިމެނެނީ ހުނަރުވެހީގައި ކުރިޔަށް ގެންދާ ތަމްރީނުތަކުގައި ބޭނުންކުރާ ތަކެތި ކަމަށެވެ.

"ހުނަރު ވެހި" އަކީ ރާއްޖޭގެ ތައުލީމީ ނިޒާމްގެ ތެރެއިން އުފެއްދުންތެރި އަދި ބިނާކުރަނިވި ތަމްރީނުތައް ދަރިވަރުންނަށް އުނގަންނައިދިނުމަށް މަގުފަހިކުރުމުގެ ގޮތުން އެމްއޭސީއެލްގެ އިޖުތިމާއީ ޒިންމާގެ ދަށުން ހުރަވީ ސްކޫލްގައި ހުޅުވި ތަނެއް ކަމަށް އެމްއޭސީއެލުން ބުންޏެވެ.

"ހުނަރު ވެހި" ގައި މިހާތަނަށް ތަފާތު އެކި ދާއިރާތަކުން ދަރިވަރުން އަންނަނީ ގައުމީ ފެންވަރުގެ ސެޓްފިކެޓް ލެވެލް 3 ގެ ކޯސްތައް ފުރިހަމަ ކުރަމުން ކަމަށް އެމްއޭސީއެލުން ބުންޏެވެ.

އެގޮތުން، މިވަގުތު ކިޔަވަމުން އަންނަ ދަރިވަރުންގެ ތެރެއިން 18 ދަރިވަރަކު އަންނަނީ އިލެކްޓްރިކަލް އިންސްޓޮލޭޝަން އެންޑް މެއިންޓެނަންސް ކޯސް އަދި 15 ދަރިވަރަކު ފަހަން ދަސްކުރުމުގެ ސެޓްފިކެޓް ލެވެލެ 3ގެ ކޯސް ފުރިހަމަ ކުރަމުން އަންނަ ކަމަށް އެމްއޭސީއެލުން ބުންޏެވެ.