ޔޫރޯ 2024 ގައި ޔޫކްރެއިން އަތުން ހޯދި ޕޮއިންޓާއެކު ބެލްޖިއަމަށް ގަދަ 16 ގެ ޖާގައެއް ކަށަވަރުވެއްޖެއެވެ.

ޖަރުމަންގެ ސްޓުޓްގާޓް އެރީނާގައި މިރޭ ބެލްޖިއަމާއި ޔޫކްރެއިން ބައްދަލުކުރި މެޗު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ގޯލެއް ނުޖެހި އެއްވަރުވެގެންނެވެ. އަދި އެއް ވަގުތެއްގައި ރުމޭނިއާ އާއި ސްލޮވާކިއާ ބައްދަލުކުރި މެޗު ނިމިގެންދިޔައީ 1-1 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ.

އެ ނަތީޖާތަކާއެކު "ގްރޫޕު އީ" ނިމިގެންދިޔައީ ޕޮއިންޓުގެ ގޮތުން ހުރިހާ ޓީމެއް އެއްވަރުވެގެންނެވެ. ކޮންމެ ޓީމަކަށް ވެސް ލިބިފައިވަނީ ހަތަރު ޕޮއިންޓެވެ. މި ގްރޫޕުން އެއްވަނައިގައި ނިންމާލި ރުމޭނިއާ އާއި ދެވަނައިގައި ނިންމާލި ބެލްޖިއަމް އަދި ތިންވަނައިގައި ނިންމާލި ސްލޮވާކިއާއަށް ވެސް ގަދަ 16 ގެ ޖާގައެއް ކަށަވަރުވެފައެވެ. ފައިދާ ގޯލުގެ ތަފާތުން ގްރޫޕުގެ ފުލުގައި އޮތުމުން ޔޫކްރެއިނަށް ވަނީ މުބާރާތް ނިންމާލަން ޖެހިފައެވެ.

މިރޭގެ މެޗަށް ނުކުތް އިރު، ބެލްޖިއަމަށް ޕޮއިންޓެއް ހޯދައިގެންވެސް، ގަދަ ދެ ޓީމުގެ ތެރޭގައި ހިމެނިގެން ގަދަ 16 ޔަގީން ކުރެވެން އޮތެވެ. އެއާއެކު ބެލްޖިއަމް ކެޓުމުގެ ފުރުސަތުވެސް އޮތެވެ. އެއީ މިރޭގެ މެޗުން ބަލިވެ، ރޮމޭނިއާ ކުޅޭ މެޗުން އެޓީމު ޕޮއިންޓެއް ހޯދައިފިނަމައެވެ. ޔުކްރެއިނަށް ވެސް ތިން ޕޮއިންޓާއެކު ގްރޫޕްގެ ގަދަ ދެޓީމުގެ ތެރޭގައި ހިމެނުމަށް ފުރުސަތު އޮތެވެ، ނަމަވެސް އެއްވަރުވެގެން ޔުކްރެއިނަށް ގަދަ 16 ލިބެން އޮތީ އަނެއް މެޗު އެއްވަރު ނުވެއްޖެ ހާލަތެއްގައެވެ.

ފުރަތަމަ ހާފުގައި ބެލްޖިއަމްގެ ފަރާތުން ވަރުގަދަ އެޓޭކެއް ފެނިގެންދިޔަ އިރު، ހާފުގެ ކުރީކޮޅުގައި ހުސް ފުރުސަތެއް ވެސް ލިބިގެންދިޔައެވެ. ކެޕްޓަން ކެވިން ޑި ބްރޭނާ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ ރޮމެލޫ ލުކާކޫ ފޮނުވާލި ހަމަލާ، ޔޫކްރެއިންގެ ކީޕަރު އަނަޓޮލީ ޓްރުބިން ވަނީ މަތަކޮށްފައެވެ.

މެޗުގެ 20 ވަނަ މިނެޓުގައި ޔޫކްރެއިންގެ ނުރައްކާތެރި ހަމަލާއެއް ފެނިގެންދިޔައެވެ. ޕެނަލްޓީ އޭރިއާ ބޭރުން ރޯމަން ޔަރެމްޗުކް ފޮނުވާލި ބާރު އެ ހަމަލާ، ބެލްޖިއަމް ކީޕަރު ކޮއެލް ކަސްޓީލްސް ވަނީ މަތަކޮށްފައެވެ. އޭގެ ފަހުން މެޗުގެ 33 ވަނަ މިނެޓުގައި ބެލްޖިއަމްގެ ނުރައްކާތެރި ހިލޭ ޖެހުމެއް ފެނިގެންދިޔައެވެ. ޑި ބްރޭނާ ފޮނުވާލި އެ ހިލޭ ޖެހުން ދިޔައީ ޔޫކްރެއިން ގޯލުގެ އަރިމަތީ ދަނޑިކައިރިން ބޭރަށެވެ.

ފުރަތަމަ ހާފު ނިމެނިކޮށް، ދެ ޓީމަށް ވެސް ފުރުސަތެއް ލިބިގެންދިޔައެވެ. ބެލްޖިއަމް ގޯލު ކުރިމައްޗަށް ހުރަސްވި ބޯޅަ، ޔޫކްރެއިންގެ އާޓެމް ޑޮވްބީކްގެ ފައިގައި ލައްވާލާފައި ނުވާ އިރު، ބެލްޖިއަމް ކެޕްޓަން ޑި ބްރޭނާ ފޮނުވާލި ހަމަލާގެ ހުރަހަކަށްވީ ޔޫކްރެއިން ކީޕަރު ޓްރުބިންއެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ގޯލެއް ނުޖެހި އެއްވަރުވެގެންނެވެ.

މެޗުގެ 58 ވަނަ މިނެޓުގައި ބެލްޖިއަމްގެ ނުރައްކަލެއް ފެނިގެންދިޔައެވެ. ޔޫކްރެއިންގެ ގޯލު ކުރިމައްޗަށް ޖެރެމީ ޑޯކޫ ހުރަސްކޮށްލި ބޯޅަ، ޕެނަލްޓީ އޭރިއާ ތެރޭ ހުރި ބެލްޖިއަމް ފޯވަޑް ލުކާކޫގެ ފައިގައި ލައްވާލައިފައެއް ނުވެއެވެ. އޭގެ ހަތް މިނެޓު ފަހުން ވެސް ލުކާކޫއަށް ފުރުސަތެއް ލިބިގެންދިޔަ އިރު، އެ ހަމަލާގެ ހުރަހަކަށްވީ ޔޫކްރެއިންގެ ކީޕަރު ޓްރުބިންއެވެ.

މެޗުގެ 73 ވަނަ މިނެޓުގައި ބެލްޖިއަމްގެ ނުރައްކާތެރި ހަމަލާއެއް ފެނިގެންދިޔައެވެ. ލުކާކޫ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ޔަނެކް ކަރަސްކޯ ފޮނުވާލި ބާރު ހަމަލާ، ޔޫކްރެއިންގެ ކީޕަރު ޓްރުބިން ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައެވެ.

އޭގެ ފަހުން ޔޫކްރެއިނަށް ކައިރިކައިރީގައި ރަނގަޅު ދެ ފުރުސަތެއް ލިބިގެންދިޔައެވެ. ޕެނަލްޓީ އޭރިއާ ތެރެއިން އާޓެމް ޑޮބްވީކް ފޮނުވާލި ހަމަލާ ބެލްޖިއަމް ގޯލުގެ އަރިމަތީ ދަނޑިކައިރިން ބޭރަށް ދިޔަ އިރު، ރުސްލާން މަލިނޮވްސްކީ ނަގައިދިން ކޯނަރު ގޯލަށް ވަންނަން ދަނިކޮށް، ބެލްޖިއަމް ކީޕަރު ކަސްޓީލްސް ވަނީ ދިފާއުކޮށްފައެވެ.

މެޗު ނިމެނިކޮށް ދެ ޓީމަށް ވެސް ފުރުސަތު ލިބުނެވެ. ބެލްޖިއަމްގެ ޔޯހާން ބަކަޔޯކޯ ފޮނުވާލި ހަމަލާ ޔޫކްރެއިންގެ ގޯލާ އަމާޒުވެފައި ނުވާ އިރު، ޔޫކްރެއިންގެ މަލިނޮވްސްކޯ ހަމަލާގެ ހުރަހަކަށްވީ ބެލްޖިއަމް ޑިފެންޑަރު ޓިމޮތީ ކަސްޓަންޔޭއެވެ.