ޔޫރޯ 2024 ގައި ރޭ އިންގްލެންޑުން ކުޅުނު މެޗަށްފަހު، ކޯޗު ގެރެތު ސައުތުގޭޓަށް ސަޕޯޓަރުން ނުރުހުން ފާޅުކޮށްފިއެވެ.

ރޭ އިންގްލެންޑުން ގްރޫޕް ސްޓޭޖު ނިންމާލީ ސްލޮވޭނިއާ ކައިރިން 1-1 އިން އެއްވަރުވެގެންނެވެ. ގްރޫޕް ސީގެ އެއްވަނަ ޓީމުގެ ގޮތުގައި އިންގްލެންޑުން މިފަހަރު ޔޫރޯގެ ގަދަ 16 އަށް ދަތުރުކުރި ނަމަވެސް، އެޓީމުގެ ކުޅުމަށާއި ނަތީޖާތަކަށް ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައެވެ. ސަޕޯޓަރުން ރޭ ސައުތުގޭޓާ ދިމާލަށް ތަށި އުކީ، މެޗު ނިންމާފައި ސަޕޯޓަރުންނަށް ޝުކުރު އަދާކުރަން ދިޔުމުންނެވެ.

ރޭގެ މެޗު ކުރިންވެސް އިންގްލެންޑްގެ ބައެއް ލެޖެންޑުންގެ ފަރާތުން ގައުމީ ޓީމަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުކޮށްފައިވާ އިރު، ރޭގެ މެޗު ނިމުމުން ހުސް ތަށި އުކައި، އިންގްލެންޑް ސަޕޯޓަރުން ވަނީ ސައުތުގޭޓަށް ބޫ ކޮށްފައެވެ.

"އަހަންނެއް ނޫޅެން އެކަމުން ރެކޭކަށް. އެކަމަކު ސަޕޯޓަރުން ޓީމާއެކު ތިބުމަކީ އަހަންނަށް ވަރަށް މުހިއްމު ކަމެއް. އަހަންނަށް އެނގޭ ސަޕޯޓަރުން ރުޅި އަންނަ ސަބަބުވެސް. އަހަންނަށް އެނގޭ އިންގްލެންޑަށް އަސްލު ފެންވަރުގައި ނުކުޅެވޭކަންވެސް. އަހަރެން ދެކެ ރުޅި އަންނަންވީ. އެހެންވިޔަސް މި ޓީމަށް، ކުޅުންތެރިންނަށް ނުރުހުން ފާޅުކޮށްގެން ނުވާނެ،" ސައުތުގޭޓް ބުންޏެވެ.

އިންގްލެންޑުން މިފަހަރުގެ ގްރޫޕް ސްޓޭޖުގައި މޮޅުވީ އެންމެ މެޗަކުންނެވެ. އެއީ ފުރަތަމަ ސާބިއާ އަތުން ހޯދި އުނދަގޫ މޮޅެކެވެ. އޭގެފަހުން ޑެންމާކާ އެއްވަރުވެ، ދެން ރޭ ސްލޮވޭނިއާއާ އެއްވަރުވި އިރު، އެޓީމަށް ޖެހުނީ ޖުމުލަ ދެ ގޯލެވެ. ކޮޅަށް ވަނީ އެންމެ ގޯލެކެވެ. ގްރޫޕް ސީގައި ޖުމުލަ ޖެހީވެސް އެންމެ ހަތް ގޯލެވެ.

"ހަގީގަތުގައި ސަޕޯޓަރުން އެ އުފައްދަނީ ޓީމަށް އެންމެ އެކަށޭނެ މާހައުލެއް ނޫން. އަހަންނަކަށް ނުފެނޭ އެހެން ޓީމެއް ކޮލިފައިވެގެން އުފާފާޅުކުރަނިކޮށް، ސަޕޯޓަރުން އެހެން އުޅޭތަނެއް. އަހަންނަށް އެނގޭ އެންމެ މޮޅަށް ނުކުޅެވޭކަން. އެކަމަކު ހުރިހާ ޗެލެންޖެއްގެ ތެރެއިން ވަރަށް ބުރަކޮށް ހޯދާ މޮޅާއި، ޕޮއިންޓް މި ލިބެނީ. އެހެންވެ އަހަރެން ފަހުރުވެރިވޭ،" ސައުތުގޭޓް ރޭގެ މެޗަށްފަހު ބުންޏެވެ.