ޔޫރޯ 2024 ގެ ގްރޫޕް އެފްގައި ތުރުކީން ކުޅޭ ފަހު މެޗުގައި މިރޭ ޗެކު ރިޕަބްލިކާ ދެކޮޅަށް ނުކުންނަ އިރު، ޓީމު އޮތީ ބައިބައިވެފައި ކަމަށާއި، ކޯޗު ވިންސެންޒޯ މޮންޓޭލާ އަތުން ޑްރެސިން ރޫމްގެ ކޮންޓްރޯލް ގެއްލިފައިވާ ކަމަށް ބައެއް މީޑިއާތަކުން ބުނެފިއެވެ.

ތުރުކީން މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި ޖޯޖިއާ ކައިރިން މޮޅުވީ 3-1 ގެ ނަތީޖާއަކުންނެވެ. އެހެން ނަމަވެސް، އެޓީމު ވަނީ އެންމެފަހުން ޕޯޗުގަލް ކައިރިން 3-0 އިން ބަލިވެފައެވެ. އެމެޗުގައި ތުރުކީގެ ފަރާތުން ދަށް ކުޅުމެއް ފެނިގެން ގޮސްފައިވާތީ، އެކަމަށް މީޑިއާތަކުން ވަނީ ކޯޗު، މޮންޓާލާއަށް ބޮޑު ޕްރެޝަރަކާ ކުރިމަތިކުރުވާފައެވެ.

ހާއްސަކޮށް ޓީމާ ގުޅުވައި ވަރަށް ގިނަ ވާހަކަތަކެއް މީޑިއާއިން ތިލަކޮށްފައިވެއެވެ. އޭގެ ތެރެއިން އެއް ވާހަކައަކީ ތުރުކީގެ އުންމީދީ ތަރި، ރެއާލް މެޑްރިޑްގެ އަރްދާ ގޫލާއާ ގުޅުވައިގެން ދެއްކި ވާހަކައެވެ، ތުރުކީގެ ބައެއް މީޑިއާތަކުން ބުނެފައި ވަނީ މޮންޓޭލާއާއި ގޫލާއާ ދެމެދު މައްސަލަ ގޯސްވެފައިވާ ކަމަށާއި، ޕޯޗުގަލް މެޗުގެ ފުރަތަމަ 11 އަށް ނުނެރުނީ އެހެންވެ ކަމަށެވެ. އަދި ގޫލާ ތަމްރީނުތަކުގައި ލައިގެން ހުރި ބިބެއް، ރުޅި އައިސްގެން އަތުލައިގެން ގޮސް އެހެން ކުޅުންތެރިޔަކަށް މޮންޓޭލާ ދޭ ވީޑިއޯއެއް އާންމު ވި ކަމަށްވެސް ބުނެފައިވެއެވެ.

ޕޯޗުގަލް މެޗުގެ ކުރީކޮޅުގައި ގޯލުތައް ޖެހި އިރު، އެމެޗުގައި މޮންޓޭލާ ގޫލާ ނެރުނީ ފަހު ކޮޅަށެވެ. އޭގެ އިތުރުން ކޯޗު މޮންޓޭލާ ބައެއް ކްލަބުތަކުގެ ކުޅުންތެރިން ހާއްސަކޮށް، ފުރުސަތު ދިނުމުގައި ތަފާތު ކުރާ ކަމަށްވެސް ބައެއް ނޫސްވެރިން ބުންޏެވެ.

އެ ހުރިހާ ތުހުމަތަކާއެކު ޕްރީ މެޗު ޕްރެސްގައި މޮންޓޭލާ ބުނީ "ގައުމަށް ލޯބިކުރާނަމަ، ގައުމީ ޓީމަށް ހިތްވަރު" ދިނުމަށެވެ. މޮންޓޭލާ ބުނީ ތުރުކީ ޓީމުގައި އެއްވެސް ބައިވުމެއް ނެތް ކަމަށާއި، ޓީމުން މީޑިއާގެ އެވާހަކަތައް ފެނިފައި ޖޯކު ޖަހާ ކަމަށެވެ. އޭނާ އިތުރަށް ބުނީ ގޫލާ ޕޯޗުގަލް މެޗަށް ނުނުކުތީ "ގްރޮއިން" އަނިޔާއެއްގެ ސަބަބުން ކަަމަށާއި، ތަމްރީނުތަކުގައި ނުރުހުންވެގެން އުޅުނު ކަމަށް ބުނެ ދައްކަނީ މުޅިން ދޮގު ވާހަކަތަކެއް ކަމަށެވެ.

ތުރުކީ ލީގު ފުޓުބޯޅައިގެ މެޗުތައް ވަރަށް ބޮޑަށް ވާދަވެރިކޮށް މިދިޔަ ސީޒަނުގައިވެސް ގޮސްފައިވާ އިރު، ރެފްރީންނަށް ހަމަލާ ދިނުމުގެ މައްސަލަތައްވެސް ފެނުނެވެ. އެ ކަންކަމާ ހެދި ފުޓުބޯޅައިގެ ތެރެއަށް ނުފޫޒު ވަދެފައިވާ ކަމަށް ބައެއް ފަރާތްތަކުން ބުނެފައިވެއެވެ.

ތުރުކީ އެފްއޭގެ ރައީސް މެހްމެތު ބުޔުކެކްސީ ވިދާޅުވީ އެ ގައުމުގެ މީޑިއާއިން ހިންގައިދެނީ ބަޔަކު ބޭނުންވާ ޒާތީ ކެމްޕޭނެއް ކަމަށެވެ. އަދި ކޯޗާ ދޭތެރޭ ފުރިހަމަ އިތުބާރު އެބައޮތް ކަމަށްވެސް އެފްއޭ ރައީސް ވިދާޅުވިއެވެ.

ތުރުކީން މިރޭ ޗެކް ރިޕަބްލިކާ ދެކޮޅަށް ކުޅޭ މެޗު އެއްވަރު ކޮށްލައިގެންވެސް އެޓީމަށް ގަދަ 16 އަށް ދެވޭނެއެވެ. އަދި މޮޅަކާއެކު ގްރޫޕްގެ ދެވަނައިގައި ތުރުކީއަށް ގަދަ 16 އަށް ދެވޭނެއެވެ. އެޓީމުން ޗެކާ ދެކޮޅަށް ނުކުންނަ މެޗު އޮންނާނީ މިރޭ މެންދަމު 12:00 ގައެވެ.