ގިނަ ތަރިންތަކެއް އެކުލެވޭ އިންގްލެންޑް އަތުން ޕޮއިންޓެއް ހޯދައި، ސްލޮވޭނިއާ އިން ޔޫރޯ 2024 ގެ ގަދަ 16 ގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.

ޖަރުމަންގެ ކޮލޯން ސްޓޭޑިއަމްގައި މިރޭ "ގްރޫޕު ސީ" ގައި އިންގްލެންޑާއި ސްލޮވޭނިއާ ބައްދަލުކުރި މެޗު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ގޯލެއް ނުޖެހި އެއްވަރުވެގެންނެވެ. އެއް ވަގުތެއްގައި ކުޅުނު ގްރޫޕުގެ އަނެއް މެޗު ވެސް ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ގޯލެއް ނުޖެހި އެއްވަރުވެގެންނެވެ. އެ މެޗުގައި ބައްދަލުކުރީ ޑެންމާކާއި ސާބިއާއެވެ.

އެ ނަތީޖާތަކާއެކު "ގްރޫޕު ސީ" ގެ އެއްވަނައިގައި ނިންމާލި އިންގްލެންޑަށް ތިން މެޗުން ލިބިފައިވަނީ ފަސް ޕޮއިންޓެވެ. ދެވަނައިގައި ނިންމާލި ޑެންމާކާއި ތިންވަނައިގައި ނިންމާލި ސްލޮވޭނިއާއަށް، އެއިން ކޮންމެ ޓީމަކަށް ވެސް ލިބިފައިވަނީ ތިން ޕޮއިންޓެވެ. ހުރިހާ ގޮތަކުން ވެސް ދެ ޓީމު އެއްވަރުވެފައި އޮތް އިރު، ޑެންމާކަށް ކުރި ލިބެނީ ޑިސިޕްލިނަރީ ޕޮއިންޓުން ކުރީގައި އޮތުމުންނެވެ. އަދި ސާބިއާ މުބާރާތް ނިންމާލީ ދެ ޕޮއިންޓާއެކުއެވެ. މި ގްރޫޕުން އިންގްލެންޑާއެކު ޑެންމާކާއި ސްލޮވޭނިއާ ވެސް ގަދަ 16 އަށް ދަތުރުކުރާނެއެވެ. ސްލޮވޭނިއާއަށް ފުރުސަތު ލިބެނީ ގްރޫޕުތަކުގެ ތިންވަނަ ހޯދާ ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ހޯދާ ހަތަރު ޓީމުގެ ތެރޭގައި ހިމެނޭނެތީއެވެ.

މި މެޗަށް ނުކުތް އިރު، އިންގްލެންޑް އޮތީ ފުރަތަމަ މެޗުގައި ސާބިއާ ކައިރިން މޮޅުވެ، ޑެންމާކާ އެއްވަރުކޮށްފައެވެ. އެ ނަތީޖާތަކާއެކު އެޓީމަށް އޮތީ ގަދަ 16 ޔަގީންވެފައެވެ. އެހެންނަމަވެސް އެއްވަނަ ހޯދަން އިންގްލެންޑަށް އޮތީ މޮޅެއް މުހިންމުވެފައެވެ. ސްލޮވީނިއާއަށް އެއްވަރުކޮށްގެންވެސް ގަދަ 16 އަށް ފުރުސަތު އޮތް އިރު، އެޓީމުން މިހާތަނަށް ކުޅުނު ދެ މެޗުން އެއްވަރުކޮށް، ދެ ޕޮއިންޓާއެކު އޮތުމުން، އެޓީމު މޮޅުވެއްޖެ ނަމަ، ގަދަ ދެ ޓީމުގައި ހިމެނުމަށް ފުރުސަތު އޮތެވެ.

މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުން ވެސް ފެނިގެންދިޔައީ ދާދި ހަމަހަމަ ކުޅުމެކެވެ. އިންގްލެންޑުން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަމަވެސް، ދެ ޓީމަށް ވެސް މާބޮޑު ހުސް ފުރުސަތެއް ތަނަވަސްކުރެވިފައެއް ނުވެއެވެ.

މެޗުގެ ހަތަރުވަނަ މިނެޓުގައި ސްލޮވޭނިއާގެ ހަމަލާއެއް ފެނިގެންދިޔައެވެ. ޕީޓާ ސްޓޮޔަނޮވިޗް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ބެންޖަމިން ޝެޝްކޯ ބޮލުން ފޮނުވާލި ބޯޅަ، މާބޮޑު އުނދަގުލެއް ނެތި އިންގްލެންޑް ކީޕަރު ޖޯޑަން ޕިކްފޯޑް ވަނީ ހޯދައިފައެވެ.

މެޗުގެ ފުރަތަމަ ހާފު ނިމެން ދިހަ މިނެޓަށް ވެފައިވަނިކޮށް، އިންގްލެންޑުގެ ދެ ނުރައްކަލެއް ފެނިގެންދިޔައެވެ. އެގޮތުން ގޯލުގެ ކަނަކާ އަމާޒުކޮށް، ފިލް ފޮޑެން ފޮނުވާލި ހިލޭ ޖެހުން، ސްލޮވޭނިއާ ކީޕަރު ޔާން އޮބްލަކް ވަނީ މަތަކޮށްފައެވެ. އަދި ކިއެރެން ޓްރިޕިއާ ނަގައިދިން ނުރައްކާތެރި ހުރަސް، ޕެނަލްޓީ އޭރިއާ ތެރެއިން ކެޕްޓަން ހެރީ ކޭންގެ ފައިގައި ލައްވާލައިފައެއް ނުވެއެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ގޯލެއް ނުޖެހި އެއްވަރުވެގެންނެވެ.

ވަރުގަދަ އެޓޭކިން ކުޅުމެއް ކުޅެމުންދިޔަ އިންގްލެންޑަށް ވަނީ މެޗުގެ 57 ވަނަ މިނެޓުގައި ރަނގަޅު ފުރުސަތެއް ލިބިފައެވެ. ފިލް ފޮޑެން ނަގައިދިން ކޯނަރަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ، ޖޯން ސްޓޯންސް ބޮލުން ފޮނުވާލި ހަމަލާ، ގޯލު ލައިންމަތިން ސްލޮވޭނިއާގެ ބެންޖަމިން ޝެޝްކޯ ވަނީ ދިފާއުކޮށްފައެވެ.

މެޗުގެ 75 ވަނަ މިނެޓުގައި ވެސް އިންގްލެންޑަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ފިލް ފޮޑެން ދިން ބޯޅައައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ޑެކްލަން ރައިސް ފޮނުވާލި އެ ހަމަލާ، ސްލޮވޭނިއާގެ ގޯލާ އަމާޒުވެފައެއް ނުވެއެވެ.

ދެވަނަ ހާފުގެ އިތުރު ވަގުތުކޮޅުގެ ތެރޭގައި އިންގްލެންޑަށް އިތުރު ފުރުސަތެއް ލިބިގެންދިޔައެވެ. ކޭން ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ކޯލް ޕާމާ ފޮނުވާލި ހަމަލާ، ސްލޮވޭނިއާ ކީޕަރު އޮބްލަކް ވަނީ މަތަކޮށްފައެވެ.