ޔޫރޯ 2024 ގެ ގްރޫޕް ސީގައި މިރޭ ޑެންމާކާއި ސާބިއާ ކުޅުނު މެޗު އެއްވަރުވެއްޖެއެވެ.
މިރޭގެ މެޗުގައި ސާބިއާއާއި ޑެންމާކު އެއްވަރުވީ 0-0 ގެ ނަތީޖާއަކުންނެވެ. އެ ނަތީޖާއާއެކު ގްރޫޕް ސީގެ އެއްވަނަ ލިބުނީ އިންގްލެންޑަށެވެ. އެއީ ތިން މެޗުން ފަސް ޕޮއިންޓާއެކުގައެވެ. ޑެންމާކު ތިން މެޗުން އެއްވަރުވެ، ތިން ޕޮއިންޓް ހޯދި އިރު، އެޓީމަށް ދެވަނަ ލިބުނީ ޑިސިޕްލިނަރީ ޕޮއިންޓަށް ބަލައިގެންނެވެ. އެއީ ސްލޮވީނިއާއާ ޕޮއިންޓް، ފައިދާ ގޯލު، ޖެހި ގޯލުގެ އިތުރުން ހެޑް ޓު ހެޑް އަދި ކޮޅަށް ވަން ގޯލުވެސް އެއްވަރުވުމުންނެވެ. ސާބިއާ ދިޔައީ އެ ގްރޫޕްގެ ފުލަށެވެ.
މިރޭގެ މެޗަށް ނުކުތް އިރު، ދެޓީމަށް އޮތީ މޮޅުވާން ޖެހޭ ފަދަ ހާލަތެކެވެ. ޑެންމާކަށް މެޗު އެއްވަރުކޮށްލައިގެން ގަދަ 16 ލިބެން އޮތް އިރު، އެޓީމު ބަލިވެއްޖެނަމަ، ދެން އޮތީ އަމިއްލަ ބާރު ނެތް ހާލަތެކެވެ. އަނެއްކޮޅުން ސާބިއާއަށްވެސް ގަދަ 16ގެ ފުރުސަތު އޮތީ ހުޅުވިފައެވެ. އެއީ ޑެންމާކު ބަލިކޮށްގެން އަމިއްލަ ބާރުގައި ހޯދެން އޮތް ފުރުސަތެކެވެ. މިރޭގެ މެޗަށް ސާބިއާއިން ނުކުތީ ފުރަތަމަ މެޗުގައި އިންގްލެންޑް ކައިރިން ބަލިވެ، ދެން ކުޅުނު މެޗުގައި ސްލޮވީނިއާއާ އެއްވަރުވެފައި އޮވެގެންނެވެ.
ޑެންމާކުން ދެ ޕޮއިންޓާއެކު މިރޭގެ މެޗަށް ނުކުތް އިރު، އެޓީމުން ސްލޮވީނިއާ އަދި އިންގްލެންޑް ކައިރީވެސް ވީ އެއްވަރެވެ. މިދިޔަ ޔޫރޯ 2020 ގެ ސެމީ ފައިނަލްގައި ކުޅުނު ޑެންމާކުން މިރޭގެ މެޗަށް ނުކުތީ ގަދަ 16 ގެ އުންމީދު ބޮޑުކޮށެވެ.
މެޗުގެ ފުރަތަމަ 15 ވަރަކަށް މިނެޓުގައި ހަމަލާއެއް ފެނިގެން ގޮސްފައި ނުވާ އިރު، ޑެންމާކުން ދިޔައީ ރަނގަޅަށް ބޯލަ ހިފަހައްޓައި، ފުރުސަތަކަށް އިންތިޒާރުކުރަމުންނެވެ. އެޓީމުން މެޗުގް 15 ވަނަ މިނެޓުގައި ފުރަތަމަ ފުރުސަތެއް ތަނަވަސްކުރިވެސް މެއެވެ. އަރިމަތިން މަތިމަތިން ހުރަސްވެގެން ދިޔަ ބޯޅައަށް ރައިޓް ބެކް އެލެކްސެންޑާ ބަހް ކުރިއަށް ޖެހި، އޭރިއާ ތެރެއަށް ވަދެފައި ބޮލުން ބޯޅަ ފޮނުވާލި ނަމަވެސް، އެ ބޯޅަ ދިޔައީ ގޯލާ އަމާޒުނުވެ ބޭރަށެވެ.
އޭގެފަހުން ކްރިސްޓިއަން އެރިކްސަންގެ ނުރުއްކަލެއްވެސް ފެނިގެން ދިޔައެވެ. އޭނާގެ ރަސްމީ ދުރު ޝޮޓަކުން ބޯޅަ ގޯލާ އަމާޒުކޮށްލި ނަމަވެސް، އެ ބޯޅަ މަތަކުރީ ގޯލްކީޕަރެވެ. އެރިކްސަންގެ ބާރު ހަމަލާ ތިރިތިރިން ގޯލުގެ ކަނަށް އަމާޒުވާން ދަނިކޮށް، ސާބިއާގެ ގޯލްކީޕަރު ޕްރެޑްރާގް ރަޖްކޮވިޗް އަތުން ޖައްސާ ބޭރުކޮށްލިއެވެ. އޭގެފަހުންވެސް ޑެންމާކުން ނުރައްކާ ކުރަމުން ގޮސްފައިވާ އިރު، ރަސްމުސް ހޮއިލުންޑަށް ލިބުނު ފުރުސަތުގައި އޭނާއަށް ރަނގަޅަށް ބޯޅަ ފޮނުވައެއް ނުލެވުނެވެ. އަދި އޭރިއާ ތެރެއިން އޭނާ ޖޯނަސް ވިންޑަށް ފަހިކޮށްދިން ފުރުސަތު ގޯލަށް ފޮނުވާލަން އުޅެނިކޮށް، ވިންޑްގެ މިސްރާބު ކަސިޔާރުވީ ކައްސާލައިގެންނެވެ.
ދެވަނަ ހާފަށް ސާބިއާއިން ބަދަލުތަަކަކާއެކު ނުކުމެ ފެށުން ރަނގަޅު ކުރި ނަމަވެސް، އެޓީމަށް އެންމެ އެކަށީގެންވާ ގޮތެއްގައި ހަމަލާތައް އުފެއްދިފައެއް ނުވެއެވެ. އަނެއްކޮޅުން ޑެންމާކު ދިޔައީ ނުރައްކާ ކުރަމުންނެވެ. ބަދަލަކަށް ނުކުތް އަންދްރޭއާސް ސްކޯލް އޮލްސެން އޭރިއާ އަރިމައްޗަށް ވަދެ ފޮނުވާލި ބޯޅަ ގޯލާ އަމާޒުވާން ދަނިކޮށް ބްލޮކްވީ މިލެންކޮވިޗް ގައިގައި ޖެހިފައެވެ. އަދި އޭގެފަހުން އެރިކްސަން ނަގައިދިން ކޯނަރު، އޭރިއާ ތެރޭގައި ހުރި ޑިފެންޑަރު ވެސްޓެގާޑަށް ހުސްކޮށް ފޮނުވާލަން ލިބުނެވެ. އެ ބޯޅައަށް އަރައި ވެސްޓެގާޑް ފޮނުވާލި ހަމަލާ ދިޔައީ ސީދާ ގޯލްކީޕަރު އަތަށެވެ.
އޭގެފަހުން ސާބިއާއިން ކޮންމެވެސް ވަރަކަށް ނުރައްކާ ކޮށްފައިވެއެވެ. އެޓީމު ކެޓުމާ ދިމާލަށް ދާން ފެށުމުން މިޓްރޮވިޗާއި ފޯވަޑް ލައިނުން ކޮންމެވެސް ފުރުސަތަކަށް މަސައްކަތް ކޮށްފައިވާ އިރު، މިޓްރޮވިޗަށް ހުސްކޮށް ލިބުނު ފުރުސަތެއްގައި ގޯލާ އަމާޒުކޮށްލެވޭ ގޮތެއް ނުވިއެވެ. އަދި އޭގެފަހުން ވްލަހޮވިޗް ބޮލުން ޖެހި ބޯޅައާއި މިލިންކޮވިޗް ސަވިޗަށް ލިބުނު ފުރުސަތުގައިވެސް ގޯލެއް ނުޖެހި، ސާބިއާ ދިޔައީ ގްރޫޕުގެ ފުލަށެވެ.
ޔޫރޯ 2024
ޔޫރޯ 2024
ޔޫރޯ 2024