ޔޫރޯ 2024 ގެ ގްރޫޕް ޑީގައި މިރޭ އޮސްޓްރިއާއިން ނެދަލޭންޑްސް ކައިރިން މޮޅުވެއްޖެއެވެ.
މިރޭ ބާލިންގައި ކުޅުނު މެޗުގައި އޮސްޓްރީއާއިން ނެދަލޭންޑްސް ބަލިކުރީ 3-2 ގެ ނަތީޖާއަކުންނެވެ. އެ ނަތީޖާއާއެކު ގްރޫޕް ޑީގެ އެއްވަނަ ހޯދީ އޮސްޓްރިއާއިންނެވެ. އެއީ ތިން މެޗުން ހަ ޕޮއިންޓާއެކުގައެވެ. އަދި ދެވަނަ ހޯދީ ފްރާންސުންނެވެ. އެއީ ހަތަރު ޕޮއިންޓާއެކުގައެވެ. ނެދަލޭންޑްސް ގަދަ 16 އަށް ދިޔައީ ތިންވަނައިގައެވެ. އެވެސް ހަތަރު ގޯލާއެކުގައެވެ.
މިރޭގެ މެޗަށް ނެދަލޭންޑްސް ނުކުތީ ގަދަ 16 ޔަގީންވެފައި އޮވެގެންނެވެ. އެއީ ރޭ އަލްބޭނިއާއަށް ސްޕެއިން ބަލިނުކުރެވި އޮތުމުން، މެޗަށް ނުކުތްއިރު ލިބިފައި އޮތް ހަތަރު ޕޮއިންޓާއެކު، އެންމެ ނަތީޖާ ރަނގަޅު ތިންވަނަ ޓީމުތަކުގެ ތެރޭ ހިމެނޭނެކަން ޔަގީންވެފައި އޮތުމުންނެވެ. އެހެން ނަމަވެސް، އެޓީމަށް އެއްވަނަ މުހިއްމެވެ. އެހެންކަމުން މިރޭގެ މެޗަށް ނުކުތީ މޮޅަކާއެކު އެ ފުރުސަތު ހޯދުމަށެވެ.
އަނެއްކޮޅުން ނުކުތް އޮސްޓްރިއާއަށް އެއްވަރުކޮށްގެންވެސް ގަދަ 16 ޔަގީންކުރެވެން އޮތް ނަމަވެސް، އެޓީމުން މެޗަށް ނުކުތީ ގަދަ ދެ ޓީމުގައި ހިމެނިގެން އަނެއް ބުރަށް ދާން ކަމަށް ކޯޗު، ރަލްފް ރަންގްނިކް ބުނެފައިވެއެވެ. އެހެންކަމުން އެޓީމުން ނުކުތީ ފެންވަރު ސާބިތުކޮށްދޭށެވެ.
މިރޭގެ މެޗުގެ ފުރަތަމަ ހާފުގައި ރަނގަޅަށް ކުޅެ، އޮސްޓްރިއާ އިން ވަނީ ޕްރެސިންގައި ނެދަލޭންޑްސް ހާސްކޮށްލައިފައެވެ. އަވަސް އަވަސްކޮށް، ކުޅުންތެރިންނަށް ގާތްކޮށް ކުޅެމުންދިޔަ އިރު، އެޓީމުން މެޗުގެ ކުރީކޮޅުގައި ލީޑުވެސް ނެގިއެވެ. މެޗުގެ ހަވަނަ މިނެޓުގައި އަރިމަތިން އެލެކްސެންޑާ ޕްރާސް ހުރަސްކުރި ބޯޅަ، ދިފާއުކުރަން އުޅުމުގެ ތެރޭގައި އެ ބޯޅަ ބައިކޮޅަށް ގޯލަށް ވަނީ ޑޮންޔެލް މަލެން ފައިގައި ޖެހިފައެވެ.
ނެދަލޭންޑްސްއިން ކުޅެގަންނަން މެޗުގައި ކުރި މަސައްކަތަށް އޮސްޓްރިއާގެ އަވަސް ކުޅުމަށް ހުރަސްތަކެއް ކުރިމަތިވެފައިވާ އިރު، ޓިޖާނީ ރެއިންޑާސް އާއި މެމްފިސް ޑިޕާއީގެ ހަމަލާތައް ފާހަގަވެގެން ގޮސްފައިވެއެވެ. އޭގެ އިތުރުން ރެއިންޑާސްގެ ހިތްގައިމު ޕާހަށް އޭރިއާ ތެރެއަށް ވަދެ، ވަރަށް ހުސްކޮށް އޮވެ މަލެން ފޮނުވާލި ހަމަލާ ދިޔައީ ތިރިތިރިން ދަނޑިކައިރިން ބޭރަށެވެ.
އޮސްޓްރީއާއިން މެޗުގައި ލީޑު އިތުރަށް ފުޅާކުރުމާ ގާތަށް ޖެހިލި އިރު، ދުރުން މާސެލް ސަބިޓްޒާ ފޮނުވާލި ހަމަލާ ކީޕަރު ވާބްރުގެން މަތަކުރިއެވެ. އޭގެފަހުން އޭރިއާ ތެރެއަށް ހުރަސްވެގެން ދިޔަ ބޯޅައިގައި އާނަޓޮވިޗަށް، ރަނގަަޅަށް ބޯޅަ ފޮނުވާ ލެވޭ ގޮތެއް ނުވިއެވެ.
ދެވަނަ ހާފަށް ނުކުތް ގޮތަށް ނުކުމެ، 47 ވަނަ މިނެޓުގައި ކޯޑީ ގަކްޕޯ ވަނީ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. އޭރިއާ އަރިމަތިން ގޯލުގެ ދުރު ކަނަށް ބޯޅަ ވައްދާލައިގެން ގަކްޕޯ ޖެހި އެ ގޯލުން ނެދަލޭންޑްސް އުންމީދު ހޯދިއެވެ. އެ އުންމީދާއެކު ކުޅެން ފެށި ނަމަވެސް، މާ ގިނަ ވަގުތެއް ނުދީ އޮސްޓްރިއާއިން އަނެއްކާވެސް ލީޑު ނެގިއެވެ. މެޗުގެ 59 ވަނަ މިނެޓުގައި އެ ގޯލު ޖެހީ ގްރިލިޓްޗް ނަގައިދިން ހުރަހަކުން ރޮމާނޯ ޝްމިޑެވެ.
އެ ގޯލާއެކު މެޗު އަނެއްކާވެސް ޝައުގުވެރިވެގެން ދިޔައެވެ. އެހެން ނަމަވެސް ނެދަލޭންޑްސްއިން ހިތްވަރު ދޫނުކޮށް، މެޗުގެ ނަތީޖާ އަނެއްކާވެސް ހަމަހަމަ ކުރިއެވެ. 76 ވަނަ މިނެޓުގައި ނެދަލޭންޑްސްއިން ނަތީޖާ ހަމަހަމަކުރީ ވާޖިލް ވެން ޑައިކް އޭރިއާ ތެރެއަށް ފޮނުވާލި ހިލޭ ޖެހުން ވައިގެ ތެރޭގައި ބޯޅަ އޮއްވައި ގޯލަށް ވައްދާލައިގެން މެމްފިސް ޑިޕާއީއެވެ. ޑިޕާއީގެ އެ ގޯލު ސައްހަތޯ ބަލަން ވީއޭއާރް ބެލި ނަމަވެސް ރެފްރީ ނިންމީ ގޯލެއް ކަމަށެވެ.
މެޗުގެ ދެވަނަ ހާފު، ތަފާތު ފޯރިގަދަކޮށް ފެނިގެން ގޮސްފައިވާ އިރު، އެ ޝައުގުވެރިކަން ބޮޑުވީ 80 ވަނަ މިނެޓުގައި އޮސްޓްރިއާއިން އަނެއްކާވެސް ލީޑު ނެގުމުންނެވެ. އޭރިއާ ތެރެއަށް ވަދެ، ހަނިކަނުން ގޯލުގެ މަތީ ކަނަށް ބޯޅަ އަމާޒުކޮށްލައި މާސެލް ސަބިޓްޒާ ޖެހީ ހިތްގައިމު ގޯލެކެވެ.
އެ ގޯލަށްފަހުވެސް މޮޅަށް ކުޅުނު އޮސްޓްރިއާއިން ހަމަލާތައް ގިނަކޮށް ފެނިގެން ގޮސްފައިވާ އިރު، އޮސްޓްރިއާއިން އެއްވަނަ ޔަގީންކުރީ މުހިއްމު ނަތީޖާއަަކާއެކުގައެވެ. ފަހުވަގުތު ނެދަލޭންޑްސްއިން ދެ ހަމަލާއެއްގައި ނުރައްކާ ކުރި ނަމަވެސް އެޓީމުން ނިންމާލަން ޖެހުނީ ތިންވަނައިގައެވެ.
ޔޫރޯ 2024
ޔޫރޯ 2024
ޔޫރޯ 2024