ދެކުނު އެމެރިކާގެ އެންމެ ބޮޑު ފުޓުބޯޅަ މުބާރާތް، ކޮޕާ އެމެރިކާގެ ގްރޫޕް ޑީގައި ރޭ ބްރެޒިލުން ކުޅުނު މެޗުގައި ކޮސްޓަ ރީކާއާ އެއްވަރުވެއްޖެއެވެ.

މިހާތަނަށް މުބާރާތް ނުވަ ފަހަރު ކާމިޔާބުކޮށްފައިވާ ބްރެޒިލަށް މިފަހަރުގެ ފެށުން މާޔޫސްކޮށް ގޮސްފައިވާ އިރު، ރޭ ހޮލީވުޑް ޕާކްގެ ސޯފައި ސްޓޭޑިއަމްގައި ކުޅުނު މެޗު އެއްވަރުވީ ގޯލެއް ނުޖެހި 0-0 ގެ ނަތީޖާއަކުންނެވެ. ދުނިޔޭގެ އެންމެ ވަރުގަދަ އެއް ފޯވަޑް ލައިނުން ކޮސްޓަ ރީކާ ކޮޅަށް ގޯލެއް ޖަހަން ކުރި މަސައްކަތް ކާމިޔާބެއް ނުވިއެވެ.

ބްރެޒިލުން މެޗުގެ 74 ޕަސެންޓް ވަގުތުގައި ބޯޅަ ހިފަހައްޓައިގެން ކުޅެ، 19 ޝޮޓެއް ހެދިއެވެ. މެޗުގެ 30 ވަނަ މިނެޓުގައި މާކީނިއޯސް ފޮނުވާލި ބޯޅައެއް ގޯލަށް ވައްދާލި ނަމަވެސް، ވީއޭއާރް ބަލައި ރެފްރީ ނިންމީ އެ ބޯޅަ ގޯލަށް ވައްދާލަން މާކީނިއޯސް މަސައްކަތް ކުރީ އޮފްސައިޑް މަގާމެއްގައި ހުރެގެން ކަމަށެވެ.

ރޭގެ މެޗުގެ ފަހު ހާފުގައި ޒުވާން ތަރި އެންޑްރިކްވެސް ކުޅެން އަރުވާފައިވެއެވެ. އޭނާއަށްވެސް ގޯލެއް ނުޖެހި، ރޭ ވެގެންދިޔައީ މާޔޫސީ ރެޔަކަށެވެ. ލޫކަސް ޕަކޭޓާގެ ހަމަލާއެއް ދަނޑިއަށްވެސް އަމާޒުވެފައިވާ އިރު، ބްރެޒިލްގެ ފޯވަޑް ލައިނުން ވަނީ ގިނަ ފުރުސަތުތަކެއް ބޭކާރު ކޮށްލައިފައެވެ.

އެ ގްރޫޕްގައި ރޭ ކޮލަމްބިއާއިން ޕެރަގުއާއީއާ ދެކޮޅަށް ކުޅުނު މެޗުގެ ތަރިއަކީ ކޮލަމްބިއާގެ ކެޕްޓަން ހަމޭސް ރޮޑްރިގޭޒްއެވެ. ބްރެޒިލްގެ ސައޮ ޕާލޯއަށް ކުޅެމުންދާ އުމުރުން 32 އަހަރުގެ ރޮޑްރިގޭޒް ރޭ ކޮލަމްބިއާއިން ޖެހި ދެ ގޯލަށްވެސް އެސިސްޓް ކޮށްދިން އިރު، އެ ޓީމު މޮޅުވީ 2-1 ގެ ނަތީޖާއަކުންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި ކޮލަމްބިއާއިން ލީޑު ނެގީ ހަމޭސްގެ ރީތި ބޯޅައަކުން، ޑެނިއަލް މުނޯޒް ޖެހި ގޯލަކުންނެވެ. އަދި އޭގެފަހުން ފުރަތަމަ ހާފުގެ ފަހު ކޮޅުގައި ހަމޭސްގެ ހިލޭ ޖެހުމަކުން ދެވަނަ ގޯލަށް ފުރުސަތު ތަނަވަސްކޮށްދިނެވެ. އެ ގޯލު ޖެހީ ކްރިސްޓަލް ޕެލެސްއަށް ކުޅެމުންދާ ޖެފަސަން ލާމާއެވެ.

ޕެރަގުއާއީއަށް މެޗުގައި ހަމައެކަނި ގޯލު ޖަހައިދިނީ ބްރައިޓަންއަށް ކުޅެމުން އަންނަ ޖޫލިއޯ އެންސީސޯއެވެ. އެއީ ދެވަނަ ހާފުގައި، މެޗުގެ 69 ވަނަ މިނެޓުގައެވެ.