މިސްކިތްތައް ހިމެނޭ ގޮތުން އެކި ތަންތަނުން ވައްކަން ކުރުން އިތުރުވެފައިވާއިރު، ވައްކަންކުރާ މީހުންގެ ތެރެއިން މާލޭގައި އުޅޭ ކަމަށް ފާހަގަވެފައިވަނީ އެންމެ 46 މީހުން ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ގުޅޭ ކޮމިޓީ، 241 ކޮމިޓީގެ ބައްދަލުވުމުގައި މާފަންނު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ވަނީ ވައްކަން ކުރުން މިހާރު ގައުމީ ސަލާމަތަށް އޮތް ނުރައްކަލަކަށް ވެފައިވާކަން ފާހަގަކޮށް އެކަން ހައްލުކުރުމަށް އޮތް ސަރުކާރުގެ ސިޔާސަތާ ގުޅޭ ގޮތުން އިހުސާންއާ ސުވާލުކުރައްވައިފައެވެ.
އިހުސާން ވިދާޅުވީ، ވޭތުވެދިޔަ ހަ މަސް ދުވަހުގެ ތެރޭގައި ވައްކަންކުރާ ކަމަށް ފާހަގަކުރެވޭ 46 މީހުން 4000 ފަހަރު އެކި ގޮތް ގޮތުން ފުލުން ހުއްޓުވާފައިވާ ކަމަށެވެ. އޭގެ ތެެރެއިން އެންމެ ކްރިޓިކަލް ކަމަށް ފާހަގަކުރެވޭ 21 މީހުންނަށް އަމާޒުކޮށްގެން މިދިޔަ ހަފުތާ އިން ފެށިގެން އޮޕަރޭޝަނެއް ހިންގައި އޭގެ ތެރެއިން 10 މީހުން ޑުރަގް ފަރުވާއަށް ނަގާފައިވާ ކަމަށް ވިދާޅުވިއެވެ.
އަނެއް ހަތަރު މީހުން އެކި މައްސަލަތަކުގައި ބަންދުކޮށްފައި ތިބި އިރު، ދެން ބާކީ ތިބި ހަތް މީހުން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.
"މީގެ މައްސަލައަކީ އަޅުގަނޑުމެން އޭނަ ހައްޔަރުކޮށްގެން އޭނާގެ ޔޫރިން ޕޮޒިޓިވް ވެގެން ކޯޓަށް ގެންދިޔައީމަ އެ މީހުން ބުނާނެ ނޫނެކޭ ތިޔައީކީ ޑްރަގް މައްސަލައެއް ނޫނޭ، ތިއީ ކްރިމިނަލް މައްސަލައެކޭ، ކްރިމިނަލް ކޯޓަށް ގެންދިޔައިމައި ބުނެފާނެ ތިޔައީ ޑްރަގް މައްސަލައެކޭ. އެހެންވީމަ ގާނޫނުގައި ސާފުކޮށް ބައެއްކަންކަން އެބަޖެހޭ ބަޔާންކުރަން މި ކަހަލަ ހާލަތުގައި މީނަ ގެންދަން ޖެހެނީ ކުރިމިނަލް ކޯޓަށޭ، ބައެއް ފަހަރަށް ކޯޓުގެ އިހުތިސާސް ނެތޭ ކިޔައިފަ އެ މީހުން އެބަ ދޫކުރޭ، 24 ގަޑިއިރަށްވުރެ ގިނައިރު އެ މީހުން ބަންދުކޮށްފައި ބޭތިއްބުމުގެ ބާރެއް ފުލުހުންނަކަށް ނޯވޭ،" އެކަމަށް ހުރި ގޮންޖެހުން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު