އިންގްލެންޑް ޓީމަށް އަމާޒުވާ ފާޑުކިޔުންތަކަށް ކުޅުންތެރިން ސަމާލުކަން ނުދިނުމަށް އެޓީމުގެ ކޯޗު ގެރެތު ސައުތުގޭޓް ގޮވާލައިފިއެވެ.

ޔޫރޯ 2024 ގެ "ގްރޫޕު ސީ" ގައި ޑެންމާކް އަތުން 1-1 ގެ ނަތީޖާއަކުން އެއްވަރުވި މެޗުގައި އިންގްލެންޑުން ދެއްކި ކުޅުމަށް ފާޑުކިޔައި، އިނގިރޭސި ފުޓުބޯޅަ ލެޖެންޑް އަދި ފުޓުބޯޅަ އެނަލިސްޓް ގޭރީ ލިނެކާ އޭނާގެ ޕޮޑްކާސްޓުގައި ދެއްކި ވާހަކަތަކަށް އިންގްލެންޑް ކެޕްޓަން ހެރީ ކޭން އަދި މިޑްފީލްޑަރު ޑެކްލައިން ރައިސް ވަނީ ދާދިފަހުން ރައްދު ދީފައެވެ.

ގްރޫޕު ސްޓޭޖުގެ ފަހު މެޗުގައި މިރޭ އިންގްލެންޑުން ސްލޮވީނިއާއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ސައުތުގޭޓް ބުނީ ލިނެކާ ދެއްކި ވާހަކަތައް އޭނާއަށް ނޭނގޭ ކަމަށާއި އެ ވާހަކަތައް އަޑު އަހާފައި ނުވާނެ ކަމަށެވެ.

"އަހަރެންނަށް މުހިންމީ ކުޅުންތެރިން ގޮވައިގެން މުބާރާތުގައި ކުރިއަށްދިއުން. އަހަރެމެންނަކީ ބޮޑެތި އުންމީދުތަކެއް ކުރާ، މަގުސަދު އެނގޭ ވަރުގަދަ ޓީމެއް. ބޭރު ތެރެއިން ދައްކާ ވާހަކައަށް ސަމާލުކަން ދޭން އަހަރެން ބޭނުމެއް ނޫން. އަދި ކުޅުންތެރިން ވެސް އެ ގޮތުގައި ތިބެން އަހަރެން ބޭނުމީ،" އޭނާ ބުންޏެވެ.

ސައުތުގޭޓް ބުނީ ބޭރުތެރެއިން ދައްކާ ވާހަކަތަކަށް ރައްދުދީގެން ލިބޭނެ އެއްވެސް ފައިދާއެއް ނޯންނާނެ ކަމަށާއި އަބަދުވެސް އެފަދަ ވާހަކަތައް ދައްކާނެ ކަމަށެވެ. އަދި އެފަދަ ވާހަކަތަކުން އެއްވެސް އަސަރެއް ޓީމަށް ކޮށްގެން ނުވާނެ ކަމަށް ވެސް އޭނާ ބުންޏެވެ.

މުބާރާތުގެ ފޭވަރިޓުންގެ ގޮތުގައި ނުކުތް އިންގްލެންޑުގެ ނަތީޖާތަކާއެކު އެޓީމަށް ގަދަ 16 ގެ ޖާގައެއް ގެއްލުމުގެ ބިރާ ވެސް ކުރިމަތިލާން ޖެހުނެވެ. ނަމަވެސް މިހާރު "ގްރޫޕު ސީ"ގެ ތިންވަނަ ހޯދިޔަސް، އިންގްލެންޑަށް ފުރުސަތު އޮންނާނެއެވެ. އެހެންކަމުން މިރޭ ސްލޮވޭލިއާއާ ދެކޮޅަށް ނުކުންނަ އިރު، އިންގްލެންޑަށް ވަނީ ގަދަ 16 ގެ ޖާގައެއް ކަށަވަރުވެފައެވެ.

"ގްރޫޕު ސީ" ގެ އެއްވަނައިގައި މިވަގުތު އޮތް އިންގްލެންޑަށް ދެ މެޗުން ލިބިފައިވަނީ ހަތަރު ޕޮއިންޓެވެ. ދެވަނައިގައި އޮތް ޑެންމާކާއި ތިންވަނައިގައި އޮތް ސްލޮވޭނިއާއަށް، އެއިން ކޮންމެ ޓީމަކަށް ވެސް ލިބިފައިވަނީ ދެ ޕޮއިންޓެވެ. ގްރޫޕުގެ ފުލުގައި އޮތީ އެއް ޕޮއިންޓާއެކު ސާބިއާއެވެ.

ޔޫރޯ 2024 ގައި ސްލޮވީނިއާއާ ދެކޮޅަށް އިންގްލެންޑް ނުކުންނާނީ ރާއްޖޭގަޑިން މިރޭ 12:00 ގައެވެ.