ޔޫރޯ 2024 ގައި ދައްކަމުން އަންނަ ކުޅުމާއެކު އިންގްލެންޑަށް ފާޑުކިޔުންތައް އަމާޒުވަމުން ދިޔަ ނަމަވެސް، އެޓީމަކީ އަދިވެސް މުބާރާތުގެ ފޭވަރިޓެއް ކަމަށް ސްލޮވޭނިއާގެ ކޯޗު މަޓިއާޒް ކެކް ބުނެފިއެވެ.
މުބާރާތުގެ ފޭވަރިޓުންގެ ގޮތުގައި ނުކުތް އިންގްލެންޑުގެ ނަތީޖާތަކާއެކު އެޓީމަށް ގަދަ 16 ގެ ޖާގައެއް ގެއްލުމުގެ ބިރާ ވެސް ކުރިމަތިލާން ޖެހުނެވެ. ނަމަވެސް މިހާރު "ގްރޫޕު ސީ"ގެ ތިންވަނަ ހޯދިޔަސް، އިންގްލެންޑަށް ފުރުސަތު އޮންނާނެއެވެ. އެހެންކަމުން މިރޭ ސްލޮވޭލިއާއާ ދެކޮޅަށް ނުކުންނަ އިރު، އިންގްލެންޑަށް ވަނީ ގަދަ 16 ގެ ޖާގައެއް ކަށަވަރުވެފައެވެ.
ގްރޫޕު ސްޓޭޖުގެ ފަހު މެޗުގައި އިންގްލެންޑް ބަލިކޮށްގެން ސްލޮވޭނިއާއަށް ވެސް ގަދަ 16 ގެ ޖާގައެއް ކަށަވަރުކުރެވެން އެބައޮތެވެ. ނަމަވެސް އެއްވަރުވެއްޖެ ނަމަ، ގްރޫޕުގައި ޑެންމާކާއި ސާބިއާ ބައްދަލުކުރާ މެޗުގެ ނަތީޖާއަށް އިންތިޒާރުކުރަން ޖެހޭނެއެވެ. ގްރޫޕުތަކުގެ ތިންވަނަ ހޯދާ ޓީމުތަކުގެ ތެރެއިން އެންމެ ނަތީޖާ ރަނގަޅު ޓީމުތަކުގެ ތެރޭގައި ހިމެނުމުގެ ފުރުސަތު އޮންނާނެއެވެ.
އިންގްލެންޑާ ގުޅޭގޮތުން ނޫސްވެރިންނާ ވާހަކަދައްކަމުން ސްލޮވޭނިއާގެ ކޯޗު ކެކް ބުނީ އިންގްލެންޑުގެ ފެންވަރާ މެދު ދެކޭ ގޮތް އަދިވެސް ބަދަލު ނުވާ ކަމަށާއި އެޓީމު އޮތް ހާލަތުގެ ފައިދާ ނެގުމަށް ސްލޮވޭނިއާއަށް ފަސޭހަވާނެ ކަމަށް ގަބޫލުނުކުރާ ކަމަށެވެ.
"އަހަރެމެން މި ނުކުންނަނީ ފޭވަރިޓަކާ ދެކޮޅަށް، ނުވަތަ މުބާރާތުގެ ފޭވަރިޓުންނާ ދެކޮޅަށް. އަހަރެމެން ވަރަށް ބޮޑަށް އިންގްލެންޑަށް އިހުތިރާމުކުރަން. އަހަރެމެންނަށް އެނގޭ އެޓީމުގެ ވަރުގަދަކަން، އަދި ވަކިވަކި ކުޅުންތެރިންގެ ފެންވަރު ވެސް އެނގޭ. އަދިވެސް ގަބޫލުކުރަނީ އެއީ ފޭވަރިޓެއް ކަމަށް،" އޭނާ ބުންޏެވެ.
ކެކް ބުނީ ޔޫރޯ މުބާރާތް އަދި ފެށުނީ ކަމަށާއި އިންގްލެންޑުގެ ފެންވަރާ މެދު ސުވާލުކުރަން ޖެހޭ އެއްވެސް ސަބަބެއް އަދި ނެތް ކަމަށެވެ.
"ގްރޫޕު ސީ" ގެ އެއްވަނައިގައި މިވަގުތު އޮތް އިންގްލެންޑަށް ދެ މެޗުން ލިބިފައިވަނީ ހަތަރު ޕޮއިންޓެވެ. ދެވަނައިގައި އޮތް ޑެންމާކާއި ތިންވަނައިގައި އޮތް ސްލޮވޭނިއާއަށް، އެއިން ކޮންމެ ޓީމަކަށް ވެސް ލިބިފައިވަނީ ދެ ޕޮއިންޓެވެ. ގްރޫޕުގެ ފުލުގައި އޮތީ އެއް ޕޮއިންޓާއެކު ސާބިއާއެވެ.
ޔޫރޯ 2024 ގައި އިންގްލެންޑާ ދެކޮޅަށް ސްލޮވޭނިއާ ނުކުންނާނީ ރާއްޖޭގަޑިން މިރޭ 12:00 ގައެވެ.
ޔޫރޯ 2024
ޔޫރޯ 2024
ޔޫރޯ 2024