މީގެ ކުރިން 1988 ވަނަ އަހަރު ނެދަލޭންޑްސްއިން ޔޫރޯ ތަށްޓެއް ހޯދާފައި އޮތުމަކީ ލިބޭ ސައިކޮލޮޖިކަލް ފައިދާއެއް ނޫން ކަމަށާއި، އޮސްޓްރިއާއިން އެކަމާ ނުވިސްނާނެ ކަމަށް ކޯޗު ރޮނާލްޑް ކޫމަން ބުނެފިއެވެ.

ރޭ ގްރޫޕް ބީގައި އަލްބޭނިއާއިން ކުޅުނު މެޗުގައި ސްޕެއިން ބަލިނުކުރެވުމުން، ނެދަލޭންޑްސްއަށް މިހާރު ވަނީ ގަދަ 16 ޔަގީންވެފައެވެ. އެއީ މިރޭގެ މެޗުން ބަލިވެ، ގްރޫޕްގެ ތިންވަނައަށް ދިޔަސް، ހަތަރު ޕޮއިންޓް ޔަގީންވެފައި އޮތުމުންނެވެ. އޮސްޓްރިއާ ކައިރިން ބަލިނުވެ ސަލާމަތްވެއްޖެނަމަ، ނެދަލޭންޑްސްއަށް ގަދަ ދެޓީމުގެ ތެރޭގައި ހިމެނިގެން ގަދަ 16 އަށް ދެވޭނެއެވެ. އަދި ފްރާންސް މެޗުގެ ނަތީޖާއަށް ބަލައި، އޮސްޓްރިއާ ކައިރިން މޮޅުވެގެން ނެދަލޭންޑްސްއަށް ގްރޫޕްގެ އެއްވަނަ ހޯދެންވެސް އެބައޮތެވެ.

މިރޭގެ މެޗަށް ނުކުންނަ އޮސްޓްރީއަށް، މެޗުން މޮޅުވެ ގަދަ ދެ ޓީމުގައި ހިމެނިގެން ގަދަ 16 އަށް ދެވެން އޮތް އިރު، ޕޮއިންޓަކުންވެސް އެޓީމަށް ފުރުސަތު އެބައޮތެވެ.

މިރޭގެ މެޗަށް ނުކުންނަ އިރު ޔޫރޯ ތާރީހު އޮތީ ނެދަލޭންޑްސް އަތުގައެވެ. އެޓީމަކީ ޗެމްޕިއަނުންގެ ލިސްޓްގައި ހިމެނޭ ޓީމެކެވެ. މިހާރުގެ ކޯޗު ކޫމަން ކުޅުނު އިރު، އޭނާގެ ހިއްސާއާއެކު ނެދަލޭންޑްސް ތަށި ހޯދީ، 1988 ވަނަ އަހަރުއެވެ. ކޯމަންގެ ނަޒަރުގައި އެ ތަށި ހޯދިފައި އޮތުމަކީ އޮސްޓްރިއާ ކަހަލަ ޓީމުތަކާ ދެކޮޅަށް ކުޅޭއިރު، ސައިކޮލޮކަލް ފައިދާ ލިބޭނެ ކަމެއް ނޫނެވެ.

"އަހަރެން ގަބޫލެއް ނުކުރަން 1988 ވަނަ އަހަރު ޗެމްޕިއަންކަން ހޯދިފައި އޮތުމަކީ އަހަރެމެންނަށް ލިބޭ ސައިކޮލޮޖިކަލް ފައިދާއެއް ކަމަކަށް. އެކަމާ އޮސްޓްރިއާއިންވެސް ނުވިސްނާނެ. އޮސްޓްރިއާއިން އެކަމާ ޖެހިލުންވެ ހަމަނިދި ނަގައެއްވެސް ނުލާނެ،" ކުރިން ބާސެލޯނާއަށް ކޯޗުކަން ކޮށްދިން ކޫމަން ބުންޏެވެ.

ޕްރީ މެޗު ޕްރެސްގައި ކޫމަން އޮސްޓްރިއާގެ ކުޅުމާ ގުޅޭ ގޮތުން ބުނީ، އެޓީމުގެ ޕްރެސިންއިން ސަލާމަތްވާން ގޮތެއް ހޯދަން ޖެހޭނެ ކަމަށެވެ. ރަލްފް ރަންގްނިކްގެ އޮސްޓްރިއާއިން ވަރަށް ހައިކޮށް ޕްރެސް ކޮށްގެން ކުޅޭ ކުޅުމާހެދި ނެދަލޭންޑްސް ހާސްވިޔަ ނުދޭން ގޮތެއް ވިސްނާނެ ކަމަށް ކޫމަން ބުންޏެވެ.

"އަހަރެމެންނަށް ވަރަށް ރަނގަޅަށް އެނގެން ޖެހޭނެ ބޯޅަ ހިފަހައްޓައިގެން ކުޅެންވީ ވަގުތާއި، އޮސްޓްރިއާއިން ޕްރެސް ކުރުމުން ދިގު ބޯޅަތައް ލާންވީ ވަގުތު. އެކަމަށް ފަރިތަކުރުންތަކުގައި ފޯކަސް ކޮށްފަ ހުންނާނެ. އޮސްޓްރިއާއިން އަހަރެމެން ކުޅުންތެރިން ޕްރެޝަރު ކޮށްލާނެ. އެހެންވީމަ އެކަމަށް ސަމާލުވާން ޖެހޭނެ،" ކޫމަން ބުންޏެވެ.

ނެދަލޭންޑްސްއާއި އޮސްޓްރިއާ ވާދަކުރާ ގްރޫޕް ޑީގެ މެޗު އޮންނާނީ މިރޭ ރާއްޖެ ގަޑިން 9:00 ގައެވެ.