ޔޫރޯ 2024ގެ "ގްރޫޕު ސީ"ގެ ފުރަތަމަ ދެ މެޗުގެ ގޯސްތައް ތަކުރާރުނުކޮށް، މިރޭގެ މެޗުގައި ރެފްރީގެ ފުރަތަމަ ކަށިގަނޑާއެކު ޑެންމާކަށް ޕްރެޝަރުކުރަން ފަށާނެ ކަމަށް ސާބިއާގެ ކޯޗު ޑްރޭގަން ސްޓޮއިކޮވިޗް ބުނެފިއެވެ.
ގްރޫޕުގައި ސާބިއާ އިން އިންގްލެންޑް އަދި ސްލޮވީނިއާއާ ދެކޮޅަށް ކުޅުނު މެޗުގައިވެސް ފާހަގަވެގެންދިޔައީ އެ ޓީމުގެ ފެށުން ގޯސްވެގެންދިޔަ ތަނެވެ. އިންގްލެންޑާ ދެކޮޅަށް ކުޅެ، 1-0ގެ ނަތީޖާއަކުން ސާބިއާ ބަލިވި މެޗުގައި ޖޫޑް ބެލިންހަމް ގޯލު ޖެހީ މެޗުގެ 13 ވަނަ މިނެޓުގައެވެ. ދެވަނަ މެޗުގައި ސްލޮވޭނިއާ އިން ގޯލެއް ޖަހާފައިވަނިކޮށް ސާބިއާ އަށް ނަތީޖާ ހަމަހަމަ ކުރެވުނީ ދެވަނަ ހާފުގެ އިތުރު ވަގުތުކޮޅުގެ ތެރޭގައެވެ.
ޑެންމާކާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސާބިއާގެ ކޯޗު ސްޓޮއިކޮވިޗްވެސް ވަނީ ފުރަތަމަ ދެ މެޗުގައި ފެށުން ގޯސްކަން ފާހަގަކޮށްފައެވެ. އަދި ކުރިއަށް އޮތް މެޗުގައި މަސައްކަތް ކުރާނީ އެކަން ރަނގަޅު ކުރުމަށް ކަމަށް އޭނާ ބުންޏެވެ.
"އެއީ އަހަރެމެން ރަނގަޅުކުރުމަށް މަސައްކަތްކުރާނެ ކަމެއް. އަހަރެމެން ފުރަތަަމަ 45 މިނެޓުގައި ޑެންމާކަށް އެފަދަ ފައިދާއެއް ނުދޭނަން. އަހަރެމެންނަށް މެޗުގެ ފުރިހަމަ ކޮންޓްރޯލު ހޯދުމާއެކު ހުރިހާ ކަމެއްވެސް ބަދަލުވެގެންދާނެ،" އޭނާ ބުންޏެވެ.
މި ވަގުތު އެއް ޕޮއިންޓާއެކު ގްރޫޕުގެ ފުލުގައި އޮތް ސާބިއާއަށް ގަދަ 16ގެ ޖާގައެއް ހޯދުމުގެ ފުރުސަތެއް އޮތީ މިރޭ ކުޅޭ މެޗުގައި ޑެންމާކް ބަލިކޮށްގެންނެވެ. އެ މެޗުން އެއްވަރުވިޔަސް، ސާބިއާއަށް ގަދަ 16ގެ ފުރުސަތު ގެއްލޭނެއެވެ.
ޔޫރޯ 2024 ގައި ޑެންމާކާ ދެކޮޅަށް ސާބިއާ އިން ނުކުންނާނީ ރާއްޖޭގަޑިން މިރޭ 12:00 ގައެވެ.
ޔޫރޯ 2024
ޔޫރޯ 2024
ޔޫރޯ 2024