ޔޫރޯ 2024ގެ "ގްރޫޕު ސީ"ގައި ސާބިއާ ބަލިކޮށް، ލަވަ ކިޔަމުން އުފާފާޅުކުރަން ބޭނުންވާ ކަމަށް ޑެންމާކުގެ ކޯޗު ކެސްޕާ ޖުލްމަންޑް ބުނެފިއެވެ.
ގްރޫޕު ސްޓޭޖުގައި ޑެންމާކުން ކުޅުނު ފުރަތަމަ ދެ މެޗުގައި ސްލޮވޭނިއާ އަދި އިންގްލެންޑް އަތުންވެސް ވަނީ އެއްވަރުވެފައެވެ. އެހެންކަމުން ގްރޫޕު ސްޓޭޖުގެ ފަހު މެޗުގައި މިރޭ ސާބިއާ ބަލިކޮށްގެން ޑެންމާކަށް ގަދަ 16 ޔަގީންކުރެވޭނެއެވެ. ނަމަވެސް އެއްވަރުވެއްޖެ ނަމަ، އެ ގްރޫޕުގައި އިންގްލެންޑާއި ސްލޮވޭނިއާ ބައްދަލުކުރާ މެޗުގެ ނަތީޖާއަށް އިންތިޒާރުކުރަން ޖެހޭނެއެވެ.
މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ޑެންމާކު ކޯޗު ޖުލްމަންޑް ބުނީ އެ ޓީމުން އަބަދުވެސް ބޭނުންވަނީ މޮޅުވުމަށް ކަމަށާއި ސާބިއާ އަތުންވެސް ބޭނުންވަނީ މޮޅެއް ކަމަށެވެ.
"އަހަރެމެންނަކީ އަބަދުވެސް މޮޅުވާން ބޭނުންވާ ޓީމެއް. މެޗުތަކުން މޮޅުވެ، އަހަރެމެން ބޭނުންވަނީ އެކަން ފާހަގަކުރުމުގެ ގޮތުން ލަވަކިޔަން. އަހަރެމެން މެޗަށް ނުކުންނާނީ މޮޅެއް ހޯދަން،" އޭނާ ބުންޏެވެ.
ކޯޗު ޖުލްމަންޑް ބުނީ ޑެންމާކުން ފިޒިކަލް އަދި ޓެކްނިކަލް ކުޅުމެއް ދައްކާނެ ކަމަށް ބެލެވޭ ކަމަށެވެ. އަދި ޑެންމާކުން ކައުންޓާ އެޓޭކުގައި ނުރައްކާ ކުރުމަށް މަސައްކަތްކުރާނެ ކަމުގެ އިޝާރާތެއްވެސް އޭނާ ދިނެވެ.
"ސާބިއާ އިން ވަރަށް ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅޭ. އެ ޓީމުން ބޭނުންވަނީ ކުޅެން، ދަނޑުމަތީގައި އެ ޓީމު ފެންނަނީ ފިޒިކަލީ ވަރަށް ވަރުގަދަކޮށް. އެ ޓީމުން ރަނގަޅަށް ކުޅޭ ނަމަ، ކުޅެނީ ވަރަށް ރަނގަޅަށް. އަހަރެމެންނަށް ޕްރެޝަރާ ކުރިމަތިލާން ޖެހިދާނެ، އެކަމަކު އަހަރެމެންނަށް ޑިފެންސް ކުރެވޭނެ،" އޭނާ ބުންޏެވެ.
ޖުލްމަންޑް އިތުރަށް ބުނީ ސާބިއާގެ ކުޅުން ހުއްޓުވުމަށް މަސައްކަތް ކުރުމުގެ އިތުރުން ގޯލު ޖެހުމަށްވެސް ފުރުސަތުތައް ތަނަވަސްކުރުމަށް ޑެންމާކުން މަސައްކަތްކުރާނެ ކަމަށާއި މެޗުން މޮޅެއް ހޯދިދާނެ ކަމަށް ވަރަށް ބޮޑަށް ގަބޫލުކުރާ ކަމަށެވެ.
ޔޫރޯ 2024ގައި ޑެންމާކުން ސާބިއާއާ ދެކޮޅަށް ނުކުންނާނީ ރާއްޖޭ ގަޑިން މިރޭ 12:00 ގައެވެ.
ޔޫރޯ 2024
ޔޫރޯ 2024
ޔޫރޯ 2024