ޔޫއެފާ ޔޫރޯ 2024 ގެ ގްރޫޕް ބީގައި މިރޭ ކުޅުނު ފޯރިގަދަ މެޗުގައި ކްރޮއޭޝިއާއި އެންމެފަހުގެ ޗެމްޕިއަން އިޓަލީ އެއްވަރު ވެއްޖެއެވެ.

ލެއިޕްޒިގްގައި މިރޭ ކުޅުނު މެޗުގައި އިޓަލީ ކައިރިން ކްރޮއޭޝިއާ ކުރި ހޯދަން ދަނިކޮށް، އިޓަލީން ފަހުވަގުތު އެއްވަރުކުރީ 1-1 ގެ ނަތީޖާއަކުންނެވެ. މިރޭގެ ނަތީޖާއާއެކު ގްރޫޕް ބީގެ ދެވަނަ އިޓަލީއަށް ޔަގީންވި އިރު، ކްރޮއޭޝިއާ މުބާރާތުން ކެޓީ ތިންވަނައިގައި ދެ ޕޮއިންޓާއެކު އޮވެއެވެ. އިޓަލީ ގަދަ 16 އަށް ދިޔައީ ތިން މެޗުން ހަތަރު ޕޮއިންޓް ހޯދައިގެންނެވެ. އެ ގްރޫޕްގެ އެއްވަނަ ހޯދީ ސްޕެއިނެވެ. އަލްބޭނިއާ ނިންމާލީ ފުލުގައެވެ.

މިރޭގެ މެޗަށް ނުކުތް އިރު، ގަދަ 16 އިން ފުރުސަތު ހޯދުމަށް ކްރޮއޭޝިއާއަށް އޮތީ ހަނި ފުރުސަތެކެވެ. އެޓީމަށް ކޮންމެ ގޮތެއް ހަދާފައިވެސް އިޓަލީ ބަލިކުރަން ޖެހިފައި އޮތް އިރު، ދެން ކުޅެމުންދިޔަ އަނެއް މެޗުގައި އަލްބޭނިއާގެ ނަތީޖާއަށްވެސް އެޓީމަށް އޮތީ ބާރޯސާވާން ޖެހިފައެވެ. އެންމެފަހުގެ ޗެމްޕިއަން އިޓަލީން ޔޫރޯ 2024 ގައި ކުޅުނު ފުރަތަމަ މެޗުގައި ރަނގަޅު ކުޅުމަކާ އެކު 2-1 އިން އަލްބޭނިއާ ބަލިކުރި ނަމަވެސް، ދެން ޖެހުނު މެޗުގައި ސްޕެއިން ކައިރީ 1-0 އިން ވީ ބައްޔެވެ. ކްރޮއޭޝިއާ ފުރަތަމަ މެޗުގައި ސްޕެއިން ކައިރިން 3-0 އިން ބަލިވި އިރު، ދެން ކުޅުނު މެޗުގައި އަލްބޭނިއާއާ އެއްވަރުވީ 2-2 އިންނެވެ.

އިޓަލީއަށް މިރޭގެ މެޗު އެއްވަރު ކޮށްލައިގެންވެސް ގަދަ 16 ޔަގީން ކުރެވެން އޮތް އިރު، މެޗުގެ ފެށުން އެޓީމަށް ދިޔައީ ހާސްކަމެއްގެ ތެރޭގައެވެ. ފުރަތަމަ ކޮޅުގައި ކްރޮއޭޝިއާއިން ރަނގަޅަށް ބޯޅަ ހިފަހައްޓައިގެން ކުޅެ، ހަމަލާވެސް އުފެއްދިއެވެ. ފަސްވަނަ މިނެޓުގައި ލޫކާ ސުސިޗް އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާ، އިޓަލީގެ ކީޕަރު ޖިއާންލުއީޖީ ޑޮނަރޫމާ ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައެވެ.

ދިހަ ވަރަކަށް މިނެޓް ފަހުން އިޓަލީން ވަނީ މަޑުމަޑުން މެޗު ތެރެއަށް ވަދެ، ޓެމްޕޯގެ ކޮންޓްރޯލް ހޯދައިފައެވެ. މެޗުގެ 21 ވަނަ މިނެޓުގައި އެޓީމުގެ ފުރަތަމަ ހަމަލާ ފެނިގެން ދިޔަ އިރު، އޭރިއާ ތެރެއަށް އަރިމަތިން ހުރަސް ވެގެން އައި ބޯޅައަށް ރަނގަޅަށް އަރައި މަޓެއޯ ރެޓެގީ ބޮލުން ފޮނުވާލި ބޯޅަ ބޭރަށް ދިޔައީ ޖޮސްކޯ ގްވާޑިއޯލް ބޮލުގައި ޖެހިފައެވެ. އަދި އޭގެފަހުން ރެޓެގީގެ ނުރައްކާ ފާހަގަވިއެވެ.

ހާފު ނިމެން ދަނިކޮށް އިޓަލީއަށް ވަނީ ގޯލު ޖަހަން ރަނގަޅު ހުސް ފުރުސަތެއްވެސް ލިބި ބޭކާރުވިއެވެ. މަޓެއޯ ރެޓެގީއަށް ދުއްވާލި ބޯޅައަށް އޭނާ އަރައި، ފޮނުވާލި ހަމަލާ ކްރޮއޭޝިއާ ޑިފެންޑަރު މަތަކުރުމުން ލިބުނު ކޯނަރުގައި އިޓަލީން އުފެއްދި ހަމަލާގައި، އަލެސާންޑްރޯ ބަސްޓޯނީއަށް މުޅިން ހުސްކޮށް ލިބުނު ބޯޅަ، އޭރިއާ ތެރެއިން ބޮލުން ޖަހާ ގޯލަށް ފޮނުވާލުމުން މަތަކުރީ ކްރޮއޭޝިއާގެ ކީޕަރު ޑޮމިނިކް ލިވަކޮވިޗެވެ.

އޭގެ އިތުރުން، އިޓަލީގެ ލޮރެންޒޯ ޕެލެގްރީނީ ފޮނުވާލި ހަމަލާވެސް ހިފީ ކްރޮއޭޝިއާގެ ގޯލްކީޕަރު ލިވަކޮވިޗެވެ. ފުރަތަމަ ހާފު ހަމަހަމަކޮށް ގޮސް ނިމުނީ ގޯލެއް ނުޖެހިއެވެ. ދެވަނަ ހާފަށް ދެ ޓީމުންވެސް ބަދަލަކާއެކު ނުކުމެފައިވާ އިރު، ހާފުގެ ކުރީކޮޅުގައި ނުރައްކާ ކުރީ ހަމަ ކްރޮއޭޝިއާއެވެ.

ދެވަނަ ހާފުގެ ކުރީކޮޅުގައި ކްރޮއޭޝިއާއަށް ވަނީ ޕެނަލްޓީއެއް ލިބިފައެވެ. އަންދްރޭޖް ކްރަމަރިޗް ޖެހި ބޯޅަ ބަދަލަކަށް ނުކުތް ޑާވިޑޭ ފްރަޓޭސީ އަތުގައި ޖެހުމުން ރެފްރީ ވަނީ ވީއޭއާރް ބަލައި ޕެނަލްޓީއެއް ދީފައެވެ. އެ ޕެނަލްޓީ ލޫކާ މޮޑްރިޗް ފޮނުވާލި ނަމަވެސް، ޑޮނަރޫމާ ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައެވެ.

އެހެން ނަމަވެސް އެ ހިސާބުން މޮޑްރިޗް ހިތްވަރު ގެއްލުވައެއް ނުލިއެވެ. އޭގެ މިނެޓެއް ފަހުން އޭނާ ވަނީ ކްރޮއޭޝިއާއަށް ލީޑު ނަގައިދީފައެވެ. އޭރިއާ ތެރެއިން ބުޑިމީރް ބޮލުން ފޮނުވާލި ހަމަލާ ޑޮނަރޫމާ މަތަކުރި ނަމަވެސް، މޮޑްރިޗް ވަނީ ރީބައުންސް ބޯޅަ ގޯލުގެ މަތީ ދާގަނޑަށް އަމާޒުކޮށްލާފައި ކްރޮއޭޝިއާއަށް އުންމީދު ގެނެސްދީފައެވެ. އެ ގޯލާއެކު ކްރޮއޭޝިއާއަށް ގަދަ 16ގެ އުންމީދު އާވިއެވެ. އެއީ ގްރޫޕްގެ އަނެއް މެޗުގައި ސްޕެއިނުން އަލްބޭނިއާ ކައިރިން ލީޑު ކުރަމުން ދިޔުމުންނެވެ.

މިރޭ ޖެހި ގޯލާއެކު މޮޑްރިޗް ވެފައިވަނީ ޔޫރޯ މުބާރާތުގައި ގޯލު ޖެހި އެންމެ އުމުރުން ގިނަ ދުވަސްވީ ކުޅުންތެރިޔާއަށެވެ. އޭނާގެ އުމުރަކީ 38 އަހަރާއި 289 ދުވަހެވެ.

ފަހު ކޮޅުގައި އިޓަލީން ގޯލެއް ޖެހުމަށް ވަރަށް ގަދަޔަށް މަސައްކަތް ކުރިއެވެ. ފެޑެރީކޯ ޗިއޭސާއާއި ސަކަމަކާ އަދި ފްރެޓޭސީގެ ހަމަލާތައް ފެނުނެވެ. އޭގެ އިތުރުން ބަސްޓޯނީ އަތުންވެސް ފުރުސަތު ގެއްލި، އިޓަލީ ފަހު ސިކުންތަށްވެސް ދިޔައީ ހާސްކަމުގައެވެ. އެ ހާސްކަމުގައި އުޅެނިކޮށް، އިޓަލީއަށް މެޗު އެއްވަރުކުރެވުނީ އެންމެ ފަހު ސިކުންތުގައެވެ. އެޓީމަށް ގޯލު ޖަހައިދިނީ މަޓިއާ ޒަކަގްނީއެވެ. އޭރިއާ ކަނުން ގޯލު ކަނަށް ފޮނުވާލި އެ ހަމަލާއިން އިޓަލީއަށް ގަދަ 16 ޔަގީންވިއެވެ. އެއީ ގައުމީ ޓީމަށް އޭނާ ޖެހި ފުރަތަމަ ގޯލެވެ.