ހުޅުމާލޭ ތިންވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަޝްރޫއުގެ މަސައްކަތްތައް އަލުން ފަށައިފިއެވެ.

ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީ)އާ ހަވާލުކޮށްގެން ކުރިއަށްގެންދާ އެ މަޝްރޫއުގެ ދަށުން ޖުމުލަ 63 ހެކްޓަރުގެ ބިން ހިއްކަން ހަމަޖެހިފައިވާއިރު، އެ މަޝްރޫއު ފުރަތަމަ ފެށީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުއެވެ. އެ މަޝްރޫއުގެ ދަށުން މިހާތަނަށް ވަނީ 23 ހެކްޓަރުގެ ބިން ހިއްކައިފައެވެ.

ނަމަވެސް ރާއްޖޭގެ ފަރުތަކުން ގާ ހުދުވަމުންދާ ކަމަށް ފާހަގަކުރެވިގެން ބިން ހިއްކުމުގެ މަސައްކަތްތައް މަޑުޖައްސާލުމަށް އީޕީއޭގެ އާންމު އިއުލާނަކުން އެންގުމުން އެ މަޝްރޫއުގެ މަސައްކަތްތައް ވަގުތީ ގޮތުން ހުއްޓާލިއެވެ.

އެޗްޑީސީން ބުނީ، އެ މަޝްރޫއުގެ ދަށުން ބާކީ އޮތް 40 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް އަލުން ފެށީ އީޕީއޭގެ ހުއްދަ އަލުން ލިބުމުން ކަމަށެވެ.

ނަމަވެސް އެ ސަރަހައްދުގެ ފަޅުތެރޭގައި ހުރި ބައެއް އުޅަނދުތައް މިހާތަނަށްވެސް ނަގާފައި ނުވާތީ، އެ މަސައްކަތް ކުރިއަށް ގެންދަން ދަތިވާތީ، އެ ކުންފުނިން ވަނީ އެ ސަރަހައްދުގެ ފަޅުތެރޭގައި އަޅާފައިވާ އުޅަނދުތައް ވީހާވެސް އަވަހަކަށް ނަގައި ފަޅުތެރެ ހުސްކޮށްދިނުމަށް އެދިފައެވެ.