ޔޫރޯ 2024 ގައި ކުޅޭ 27 ވަނަ މިނެޓުގައި އަލްބޭނިއާއާއި ސްޕެއިން ވާދަކުރާ މެޗުގެ ލައިވް ބްލޮގަން "ވަން ސްޕޯޓްސް"ގެ ކިޔުންތެރިންނަށް މަރުހަބާ!

މިރޭގެ މެޗަށް ނުކުންނަ އިރު، ސްޕެއިނަށް އޮތީ ގަދަ 16 ޔަގީންވެފައި. އެއީ ގްރޫޕް ބީގެ އެއްވަނަ ޓީމުގެ ގޮތުގައި. ސްޕެއިނުން ކުޅުނު ފުރަތަމަ މެޗުގައި ކްރޮއޭޝިއާ ބަލިކުރީ 3-0 ގެ ނަތީޖާއަކުން. ދެން ކުޅުނު މެޗުގައި އިޓަލީ ބަލިކުރީ 1-0 ގެ ނަތީޖާއަކުން. އަލްބޭނިއާއިން ފުރަތަމަ މެޗުގައި 1-0 އިން އިޓަލީ އަތުން ބަލިވި ނަމަވެސް، ކްރޮއޭޝިއާއާ އެޓީމު ވަނީ 2-2 އިން އެއްވަރުކޮށްފައި. އެހެންވެ މިރޭ މޮޅުވެ، އުންމީދު ހޯދެން އެބައޮތް.

  • މިހާރު އޮތް ޓީމާ، 2008 ގައި އޮތް ރަން ޓީމާ އަޅައެއް ނުކިޔޭނެ: ސްޕެއިންގެ ކޯޗު

ސްޕެއިންގެ ރަނގަޅު ފޯމާއެކު އެޓީމުގެ ފެންވަރު މަތިކޮށް ގިނަ ވާހަކަތަކެއް ދައްކަމުން އަންނަ އިރު، ބައެއް މީހުން ސިފަކުރަނީ މިއީ 2008 ގައި ސްޕެއިންގައި އޮތް ސްކޮޑާ އެއްވަރު ސްކޮޑެއްގެ ގޮތުގައި.

"ކުރިން ބުނި ޓީމާ (2008 ގެ ޓީމް)އާ އަރައި ހަމަކުރަން އަދި ބައިވަރު ކަންތައްތަކެއް ކުރަން ޖެހޭ. އެއީ އެޓީމުން ޔޫރޯ ހޯދި،" ކޯޗު ޑެ ލަ ފުއެންޓޭ ޕްރި މެޗު ޕްރެސްގައި ބުނި.

"އަހަރެމެން (އެޓީމާ އަޅައިކިޔާވަރު ކުރަން) ހުރިހާ އޭރިއާއަކުން ކަންކަން ރަނގަޅުކުރަން ޖެހޭ. އެހެން ބުނީމަ ވެދާނެ މިއީ ނެގެޓިވް ވާހަކައެއް ބުނެވުނީ ކަމަށްވެސް. އެކަމަކު އެއީ ހަގީގަތް. އެއީ އަހަރެންގެ ގޯލު، އަބަދުވެސް ކަންކަން ރަނގަޅުކުރުން. މީގަ ރަނގަޅު ކަމަކަށް ބަލަންވީ ކަމަކީ މި ޓީމަށް ކަންކަން ރަނގަޅު ކުރަން ޖާގަ އޮތުން،" ޑެ ލަ ފުއެންޓޭ އިތުރަށް ބުނި.

  • ސްޕެއިނަކީ ވަކި "ޑީއެންއޭ"އެއްގެ ފުޓުބޯޅައެއް ކުޅޭ ޓީމެއް، ހާސްކަމެއް ނެތް: އަލްބޭނިއާގެ ކޯޗު

އަލްބޭނިއާގެ ތާރީހުގައިވެސް މިއީ ދެވަނަ ޔޫރޯ މުބާރާތް. އަލްބޭނިއާއަށް ގަދަ 16 ގެ އުންމީދެއް ދަމަހައްޓަން ސްޕެއިން ބަލިކުރުން ޖެހޭ. އެ ހާލަތުގައި ކްރޮއޭޝިއާވެސް މޮޅުވެއްޖެ ނަމަ، ދެން ޖެހޭނީ ޓައި ބްރޭކާގެ އުސޫލުތަކަށް ބަލަން. އަލްބޭނިއާއިން މޮޅުވެ، ކްރޮއޭޝިއާ ބަލިވާ ހާލަތުގައި ތިންވަނަ ޓީމުގެ ގޮތުގައި ގަދަ 16 އަށް ދާން އަލްބޭނިއާއަށް ފުރުސަތު އެބައޮތް.

"އަލަށް ގަދަ 16 އަށް ދާން ފުރުސަތު އޮވެ، ސްޕެއިނާ ދެކޮޅަށް ނުކުންނަން ޖެހުމަކީ ރަނގަޅު ކަމެއް. އަހަރެމެން ރަނގަޅަށް ގްރޫޕް ސްޓޭޖަށް ހޭނި، ކުރިއެރުންތަކެއް ހޯދަމުން އަންނަ މި ދަނޑިވަޅުގައި ކުޅެން މި ޖެހެނީ ދުނިޔޭގެ އެންމެ ވަރުގަދަ އެއް ޓީމާ. އެންމެ ވަރުގަދަ ކުޅުންތެރިންވެސް ތިބި ޓީމާ،" އަލްބޭނިއާގެ ކޯޗު، ބްރެޒިލްގެ ސިލްވީނިއޯ ޕްރީ މެޗު ޕްރެސްގައި ބުނި.