ދުނިޔޭގެ އެންމެ އަގުހުރި އެއް ޓެކްނޮލޮޖީ ކުންފުނި ކަމުގައިވާ އެންވީޑިއާ އާއި އުރީދޫ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ކޯޕަންހޭގަންގައި ބޭއްވި ޓީއެމްފޯރަމްގެ ޑީޓީޑަބްލިއު24ގެ ތެރެއިން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ އުރީދޫ ގްރޫޕްގެ ސީއީއޯ އަޒީޒް އަލުތުމާން ފަޚްރޫ އާއި އެންވިޑިއާގެ ސީނިއާ ވައިސް ޕްރެޒިޑެންޓް އޮފް ޓެލެކޮމް، ރޮނީ ވަސިޝްތާއެވެ.

އުރީދޫން ބުނީ، މި އެއްބަސްވުމަކީ އެ ކުންފުނިން އެންވީޑިއާ ކްލައުޑް (އެންސީޕީ) ޕާޓްނަރަކަށްވެ، މީނާ (މެދުއިރުމައްޗާއި އުތުރު އެފްރިކާ) ސަރަހައްދުގެ އިތުރުން ރާއްޖޭގައި އެންމެ ބޮޑު ޑިޖިޓަލް އިންފްރާސްޓްރަކްޗާ ފޯރުކޮށްދޭ ކުންފުންޏަކަށްވުމުގެ ސްޓްރެޓެޖީއާ އެއްގޮތުގެމަތިން ވި ޕާޓްނާޝިޕެކެވެ. މި ޕާޓްނާޝިޕް މެދުވެރިކޮށް އެންވިޑިއާގެ ޒަމާނީ ކޮމްޕިއުޓިން ޕްލެޓްފޯމް ބޭނުންކޮށްގެން މި ސަރަހައްދުތަކުގައި އޭއައި އިންގިލާބެއް މަގުފަހިކޮށްދިނުމަށް އުރީދޫން މަސައްކަތް ކުރަމުންދާނެ ކަމަށްވެސް ބުންޏެވެ.

އުރީދޫން ބުނީ، އެ ކުންފުނީގެ ހިދުމަތްތައް ފޯރުކޮށްދޭ ގައުމުތަކުގައި އެކްސެލެރޭޓެޑް ކޮމްޕިއުޓިން އަދި ހައިޕަކަނެކްޓިވިޓީއަށް މާކެޓުގައި އޮތް ބޮޑު ޑިމާންޑާއި ބޭނުންތަކާ އެއްގޮތަށް އާ ފުރުސަތުތައް ފަހިކޮށްދިނުމުގެ ގޮތުން، އެންވީޑިއާގެ އީޖާދީ ހިދުމަތްތަކުގެ އެހީގައި އޭއައި ރެޑީ ޕްލެޓްފޯމެއް ތަރައްގީ ކުރަމުން އަންނަ ކަމަށެވެ.

އެ ޕްލެޓްފޯމަކީ ސަރުކާރަށް އެހީތެރިކަން ފޯރުކޮށްދީ، ވިޔަފާރިތަކާއި ސްޓާޓްއަޕްތަކުގެ ޑޭޓާސެޓްތައް ރައްކާތެރި ކަމާއެކު ޕްރޮސެސް ކުރުމަށް ބާރުވެރިކުރުވުމުގެ އިތުރުން، އެ ޕްލެޓްފޯމް ބޭނުންކުރާ ފަރާތްތަކަށް އަގުހުރި މައުލޫމާތުތަކެއް ފޯރުކޮށްދީ، އެފަރާތްތަކުގެ ވިޔަފާރި އިތުރަށް ފުޅާކުރުމަށް އެހީތެރިވެދޭނެ ޕްލެޓްފޯމެއް ކަމަށްވެސް ބުންޏެވެ.

އުރީދޫ ގްރޫޕްގެ ސީއީއޯ އަޒީޒް އަލުސްމާން ފަޚްރޫ ވިދާޅުވީ އެކްސެލެރޭޓެޑް ކޮމްޕިއުޓިން އަދި ޖެނެރޭޓިވް އޭއައި އަށް ހާއްސަކޮށްފައިވާ އެންވިޑިއާގެ ފުލް ސްޓޭކް ޕްލެޓްފޯމް ތަންފީޒުކުރުމާއެކު، އުރީދޫ ވެގެންދާނީ މީނާގެ އޭއައި އިންގިލާބުގެ އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވުމުގެ ގާބިލުކަން ލިބިފައިވާ އަދި މި ސަރަހައްދުގެ އެންމެ ބޮޑު ޑިޖިޓަލް އިންފްރާސްޓްރަކްޗާ ޕްރޮވައިޑަރުގެ ގޮތުގައި، ޑިޖިޓަލައިޒޭޝަން އަދި އިނޮވޭޝަން ކުރިއެރުވުމުގައި އެންމެ އިސްދައުރެއް އަދާކުރާ ކުންފުންޏަށް ކަމަށެވެ.

"އެންވިޑިއާ އާއި ގުޅިގެން އަޅުގަނޑުމެން މަސައްކަތް ކުރާނީ އެޑްވާންސް އޭއައި މޮޑެލްތަކަށް ބޭނުންވެފައިވާ އެކްސެލެރޭޓެޑް ކޮމްޕިއުޓިން އިންފްރާސްޓްރަކްޗާ ފޯރުކޮށްދިނުމަށް،" އުރީދޫ ގްރޫޕްގެ ސީއީއޯ އަޒީޒް އަލުސްމާން ފަޚްރޫ ވިދާޅުވިއެވެ.

އުރީދޫން ބުނީ، އެންވީޑިއާ އާއެކު ވި އެއްބަސްވުމުގެ ދަށުން ގަތަރު، އަލްޖީރިއާ، ޓިއުނީޝިއާ، އޮމާން، ކުވައިތު އަދި ރާއްޖޭގެ ސަރުކާރުތަކާއި ވިޔަފާރިތަކާއި ސްޓާޓްއަޕްތަކަށް އެންވީޑިއާގެ އެންމެ ފަހުގެ އޭއައި ޕްލެޓްފޯމް ލިބިގެންދާނެ ކަމަށެވެ.

އެއާއެކު އުރީދޫގެ ޑޭޓާ ސެންޓަރުތަކުގައި އެތައް ހާސް އެންވީޑިއާ ޓެންސާ ކޯ ޖީޕީޔޫ ބަހައްޓައިގެން މި ސަރަހައްދުތަކަށް ޒަމާނީ އިންފްރާސްޓްރަކްޗާ ވަސީލަތްތައް އަދި ސޮފްޓްވެއާ ތަކާއެކު އެންމެ ޒަމާނީ އޭއައި ޕްލެޓްފޯމެއްގެ ބޭނުން ހިފުމުގެ ފުރުސަތުތައް ފަހިވެގެންދާނެ ކަމަށްވެސް ބުންޏެވެ.

އުރީދޫން ބުނީ، އެ ކުންފުނީގެ ޖީޕީޔޫ ހިދުމަތް ތަކާއެކު އެންމެ ޒަމާނީ އޭއައި އަދި މެޝިން ލާނިން ޓޫލްސް ހިމެނޭނެ ކަމަށާއި އެކަމުގެ ސަބަބުން ޕްރޮސެސްތައް އިތުރަށް ފުރިހަމަވެ، އެކި ސިނާއަތްތަކުގައި އޮޕަރޭޝަނަލް މަސައްކަތް އިތުރަށް ހަރުދަނާ ވެގެންދާނެ ކަމަށެވެ.

"އިތުބާރު ކުރެވޭ ސަރަހައްދީ ޓެލެކޮމިއުނިކޭޝަން ޕްރޮވައިޑަރެއްގެ ހައިސިއްޔަތުން އުރީދޫ ގްރޫޕަކީ އޭއައި އިންފްރާސްޓްރަކްޗާ އާއި ހިދުމަތްތަކަށް އިންވެސްޓްކޮށް ގާއިމުކުރުމުގެ ފުރިހަމަ ގާބިލުކަން އޮތް، ކުންފުނިތަކާއި އަދި އާންމު ކަސްޓަމަރުންނާއެކު ގާތް އަދި ހަރުދަނާ ގުޅުމެއް އޮންނަ ކުންފުންޏެއް. އެންވީޑިއާގެ ފުލް ސްޓެކް އޭއައި ކޮމްޕިއުޓިން ޕްލެޓްފޯމް އުރީދޫ ކަސްޓަމަރުންނަށް ފޯރުކޮށްދިނުމާއެކު، ޖެނެރޭޓިވް އޭއައި އެޕްލިކޭޝަންތަކާއި ހިދުމަތްތަކުގެ ބޭނުން އެންމެ ފުރިހަމައަށް ހިފުމަށް މަގުފަހިވެގެންދާނެ," އެންވީޑިއާގެ ސީނިއާ ވައިސް ޕްރެޒިޑެންޓް އޮފް ޓެލެކޮމް، ރޮނީ ވަސިޝްތާ ވިދާޅުވިއެވެ.

އުރީދޫން ބުނީ، އެންވީޑިއާއާ ގުޅިގެން ކުރިއަށް ގެންދާ މި މަސައްކަތަކީ އުރީދޫގެ ހިދުމަތްދޭ ސަރަހައްދުތަކުގައި އޭއައި އިންފްރާސްޓްރަކްޗާ ކުރިއެރުވުމަށާއި ލޯކަލް ސްޓޭންޑަޑްތަކާ އެއްގޮތްވާ ގޮތުގެ މަތިން ސެކިއުރިޓީ އިތުރުކޮށް، އޮޕްޓިމައިޒްޑް ޕާފޯމަންސް އަދި ކަސްޓަމައިޒޭޝަން އަށް މަގުފަހިކޮށްދިނުމުގެ ގޮތުން ކުރިއަށް ގެންދާ މަސައްކަތެއް ކަމަށެވެ.

އަދި އެކަމުގެ ނަތީޖާއެއްގެ ގޮތުން އުރީދޫ ހިންގާ ގައުމުތަކުގައި އަމިއްލަ ކްލައުޑްތައް ގާއިމުކޮށް، އަމިއްލަ އޭއައި އީކޯސިސްޓަމްތަކާއި އެޕްލިކޭޝަންތައް ތަރައްގީ ކުރުމަށް މަގުފަހިވެ، ޑޭޓާ ސެކިއުރިޓީގެ ފިޔަވަޅުތައް ހަރުދަނާ ކުރެވޭނެ ކަމަށާއި އޭގެ އިތުރުން އެކްސެލެރޭޓެޑް ކޮމްޕިއުޓިން އިންޓަގްރޭޓް ކުރުމުގެ ފުރުސަތު ނުވަތަ އަމިއްލައަށް ހޯސްޓް ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށްވެސް ބުންޏެވެ.

އުރީދޫން ބުނީ، މިކަމުގެ ސަބަބުން ކަސްޓަމަރުންނަށް އެންމެ ހަރުދަނާ އަދި ތަރުތީބު ކުރެވިފައިވާ އޭއައި ޕްރޮސެސްކުރުމުގެ ގާބިލުކަން ޔަގީންވެގެންދާނެ ކަމަށެވެ. އަދި އެ މަސައްކަތުގެ ސަބަބުން އެންމެ ޒަމާނީ އޭއައި ކްލައުޑް ޕްލެޓްފޯމަކުން ކަސްޓަމަރުން ބާރުވެރިކުރުވައި، އިގުތިސާދީ ކުރިއެރުމާއި ވަޒީފާ އުފެއްދުމާއި އުފެއްދުންތެރި އާ ޓެކްނޮލޮޖީގެ އީޖާދު ކުރުމަށް މި ސަރަހައްދުތަކުގައި މަގުފަހިވެ، ކޮންމެ ގައުމެއްގެ ސްޓޭކްހޯލްޑަރުންނާ ގުޅިގެން، އެ ގައުމެއްގެ ބޭނުންތަކާ އެއްގޮތަށް އޭއައިގެ ލަނޑުދަނޑިތައް ކުރިއެރުވުމަށް މަސައްކަތް ކުރާނެ ކަމަށްވެސް ބުންޏެވެ.

އުރީދޫގެ ޑިޖިޓަލް އިކޯސިސްޓަމްގައި ޓެލެކޮމް ހިދުމަތްތަކުގެ އިތުރުން ޑެޑިކޭޓެޑް ޑޭޓާ ސެންޓަރު ޕްލެޓްފޯމުތަކާއި ވަޔަލެސް ޓަވަރުތަކާއި ފައިނޭންޝަލް ޓެކްނޮލޮޖީ އަދި ސަބްސީ ކޭބަލް ވެންޗާތަކަށް ހާއްސަ މިނިވަން މުއައްސަސާތައް ހިމެނެއެވެ.

އުރީދޫން ބުނީ، އެއީ ޓެލެކޮމް އަދި އިންފްރާސްޓްރަކްޗާ ހޯލްޑިންގް އަކަށް ބަދަލުވެ، މަލްޓި-ބިޒްނަސް ސްޓްރަކްޗާ އަކާއެކު ވިޔަފާރީގެ ދެމެހެއްޓެނިވި ކަމާއި ފުޅާކަން ކަށަވަރުކޮށް، ނިއުޓްރަލް ކެރިއާ އޮފް ޗޮއިސްއަކަށް ވުމަށް އުރީދޫގެ ސްޓްރެޓެޖީއާއި އެއްގޮތްވާ ގޮތުގެ މަތިން ކުރެވިފައިވާ މަސައްކަތްތަކެއް ކަމަށެވެ.