މާރާމާރީއެއްގައި ލ. މުންޑޫ/ ނޫވިލު، އަލީ ޒިޔަދަމް މަރައިލި މައްސަލައިގައި، ތޫނުއެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށް ސާބިތުވެގެން އެރަށު ބީޗްވިލާ. އަލީ ސިފާމް، 25އ. އަހަރަށް ޖަލަށްލާން ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފް ކޮށްފިއެވެ.
މީގެ ހަތް އަހަރު ކުރިން، 20 މާޗް 2015 ވަނަ ދުވަހުގެ ރޭ ހިންގި މާރާމާރީއެއްގައި ލ. މުންޑޫ/ ނޫވިލު، އަލީ ޒިޔަދަމް މަރާލި މައްސަލައިގައި ސިފާމް، 25 އަހަރަށް ޖަލަށްލާން ހުކުމްކޮށްފައިވާ އިރު، މަސްކަނޑާ ވަޅިއަކުން ހަމަލާދީ ގަސްތުގައި ޒިޔަދަމް މަރައިލި މައްސަލައިގައި އެ ރަށު ހީނާވިލާ، މުހައްމަދު ޝަނޫންގެ މައްޗަށް ކުރިމިނަލް ކޯޓުން ވަނީ މަރުގެ ހުކުމް އިއްވައިފައެވެ.
ހައިކޯޓުގައި މިއަދު ކުރިއަށް ދިޔައީ ސިފާމްގެ ފަރާތުން ހުށަހެޅި އިސްއިއުނާފު މައްސަލައެވެ.
މައްސަލައިގެ އިސްތިއުނާފު ހުށަހަޅުއްވަމުން ސިފާމްގެ ފަރާތުން ދިފާއި ވަކީލުން ވިދާޅުވެފައި ވަނީ، ކުރިމިނަލް ކޯޓުން, ސިފާމްގެ މައްޗަށް ކުށް ސާބިތިކުރުމުގައި އަމަލު ކޮށްފައިވަނީ ގޯސްކޮށް ކަމަށެވެ. އެހެންކަމުން ކުރިމިނަލް ކޯޓުގެ ހުކުމް ބާތިލުކޮށް ދިނުމަށް އޭނާގެ ފަރާތުން ހައިކޯޓުގައި އެދުނެވެ.
ސިފާމްގެ ފަރާތުން ހުށަހެޅި އިސްތިއުނާފީ ނުކުތާތަކަށް ޖަވާބު ދެމުން ދައުލަތުން ބުނީ, މި މައްސަލައިގައި ދަށު ކޯޓުން ގޮތް ކަނޑައަޅާފައި ވަނީ ބިރުދެއްކުމާއި ތޫނު އެއްޗެއް ގެންގުޅުން މަނާ ކުރާ ގާނޫނުގެ ދަށުން ކަމަށެވެ. އަދި ގާނޫނުލްއުގޫބާތުގެ 30 ވަނަ މާއްދައިގެ ބޭނުން ހިފީ ބިރު ދެއްކުމާއި ތޫނު އެއްޗެއް ގެންގުޅުން މަނާ ކުރާ ގާނޫނުގައި ބައިވެރިވުމަކީ ކޮބާކަން ތަފްސީލީ ގޮތެއްގައި މާނަކޮށްފައި ނުވާތީ, މާނަ ކުރުމުގެ ވަސީލަތެއްގެ ގޮތުގައި ކަމަށްވެސް ބުނެފައިވެއެވެ.
މި މައްސަލައިގައި ދައުލަތުން އެދިފައިވަނީ، ސިފާމްގެ މައްޗަށް ކަނޑައަޅާފައިވާ ހުކުމް ބަދަލު ކުރަންޖެހޭ ސަބަބެއް އިސްތިއުނާފު ކުރާ ފަރާތަށް ދެއްކިފައި ނުވާ ކަމަށް ކަނޑައަޅައި ދިނުމަށެވެ.
މިއަދު ބޭއްވި އަޑުއެހުން ނިންމަވައިލައްވަމުން ފަނޑިޔާރުންގެ ބެންޗުން ވިދާޅުވީ, މައްސަލަ ދިރާސާ ކުރުމުގެ ތެރޭގައި އިތުރު ކަމެއް ނެތް ނަމަ، ދެން އޮންނާނީ މި މައްސަލައަށް ޝަރީއަތުން ގޮތް ނިންމުން ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު