ފްރާންސްގެ ތަރި ކިލިއަން އެމްބާޕޭ، ނޭފަތް ބިންދައިގެން ދިޔުމާއެކު އަޅަން ޖެހުނު މާސްކަށް މަޑުމަޑުން ހޭނެމުންދާ ކަމަށާއި މާދަމާ ރޭ ޕޮލެންޑާ ދެކޮޅަށް ނުކުންނާނެކަން އަދި ޔަގީން ނުވާ ކަމަށް ކޯޗު ޑިޑިއޭ ޑިޝޭމްޕްސް ބުނެފިއެވެ.

ފްރާންސުން މިފަހަރުގެ ޔޫރޯ 2024 ގައި ކުޅުނު ފުރަތަމަ މެޗުގައި ވާދަކުރީ އޮސްޓްރިއާއާ ދެކޮޅަށެވެ. އެ މެޗު 1-0 އިން ފްރާންސުން ކާމިޔާބު ކުރި އިރު، އެމްބާޕޭއަށް ވަނީ އަނިޔާވެފައެވެ. އެމްބާޕޭ ބޯޅައިގައި ބޮލުން ޖަހަން އުޅެނިކޮށް، އޭނާއަށް އަނިޔާވީ އިދިކޮޅު ކުޅުންތެރިޔާ ކޮނޑުގައި މޫނު ޖެހި، ނޭފަތް ބިންދައިގެން ގޮސްގެންނެވެ.

އެ އަނިޔާގެ ސަބަބުން އޮޕަރޭޝަން ކުރަން ފުރަތަމަ އުޅުނު ނަމަވެސް، ފެޑަރޭޝަނުން ނިންމާފައި ވަނީ އޮޕަރޭޝަން ނުކޮށް، މާސްކެއްގައި ކުޅެން ނުކުތުމަށެވެ. އެހެންވެ، ފުރަތަމަ ފަރިތަކުރުންތަކަށް އެމްބާޕޭ ނުކުތީ ފްރާންސްގެ ދިދައިގެ ފަރުމާއެއްގައެވެ. އެ ފަރުމާގެ ސަބަބުން މެޗަށް އެ މާސްކްގައި ނޭރެވޭނެ ކަމަށް ބުނުމުން ފަހުން އެމްބާޕޭ ފެނުނީ ކަޅު މާސްކެއްގައެވެ.

ކަޅު މާސްކެއްގައި އެމްބާޕޭ އެންމެފަހުން މެޗުގައި ބެންޗުގައި އިން ނަމަވެސް، އޭނާ ނެދަލޭންޑްސްއާ ދެކޮޅަށް ކުޅެން އަރާފައެއް ނުވެއެވެ. އޭނާ މެޗު ނިންމާލީ ބެންޗުގައި އިނދެއެވެ. އެ މެޗު ގޯލެއް ނުޖެހި އެއްވަރުވި އިރު، ފްރާންސުން މާދަމާ ރޭ ނުކުންނާނީ ކަޓާފައި އޮތް ޕޮލެންޑާ ދެކޮޅަށެވެ. މާދަމާ ރޭ ފްރާންސުން ޕޮއިންޓް ހޯދައިގެންވެސް ގަދަ 16 ޔަގީން ކުރެވޭނެއެވެ. އަދި މޮޅަކާއެކު އެއްވަނަ ހޯދޭނެއެވެ. އެއީ ނެދަލޭންޑްސްގެ ނަތީޖާއަށް ބަރޯސާވެގެންނެވެ.

މާދަމާ ރޭގެ މެޗު މުހިއްމު ނަމަވެސް، އެމްބާޕޭ ކުޅޭނެކަން ނުވަތަ ނޫންކަން ކޯޗު ޑިޝޭމްޕްސް ޔަގީން ކޮށްދީފައެއް ނުވެއެވެ.

"އެމްބާޕޭ ފުރަތަމަ 11 އަށް ނުކުންނާނެތޯ، ނުވަތަ ނޫންތޯ؟ އެ ސުވާލު ޖަވާބު އެނގޭނެ ދެން އެނގެން ޖެހޭ ހިސާބުން،" ޑިޝޭމްޕްސް ބުންޏެވެ.

ޑިޝޭމްޕްސް ނެދަލޭންޑްސް މެޗުގައި އެމްބާޕޭ ނޭރުވުމުން އެކަމަށް ކޮންމެވެސް ވަރެއްގެ ފާޑުކިޔުމެއް އަމާޒުވެފައިވީ ނަމަވެސް، އޭނާ ބުނީ އެއީ ރަނގަޅު ނިންމުމެއް ކަމަށެވެ. އެގޮތުން މާސްކް އެޅުމުން އެމްބާޕޭގެ ފެނުމަށް އަސަރުކުރާ ކަމަށާއި ނެދަލޭންޑްސް މެޗަށް ނުކުންނަން ތައްޔާރުވި އިރު، އެމްބާޕޭގެ ނޭފަތާ ދިމާއިން ވަރަށް ބޮޑަށް ދުޅަވެފައި ހުރި ކަމަށްވެސް ޑިޝޭމްޕްސް ބުންޏެވެ.

"ދުޅަވެސް މިހާރު ލުއިވެއްޖެ. ކުރިން ވަރަށް ބޮޑަށް ދުޅަވެފައި ހުރީވެސް. މާދަމާގެ މެޗަށް އެމްބާޕޭ ތައްޔާރުވާން ވަގުތު ލިބިއްޖެ. އެހެންވީމަ އެންމެފަހުން މެޗުގައި ބެންޗް ކުރުން އެއީ އެންމެ ރަނގަޅަކަށް ކުރެވުނު ކަމެއް ކަމަށް އަހަރެން ގަބޫލުކުރަން،" ޑިޝޭމްޕްސް ބުންޏެވެ.

އެމްބާޕޭ މާސްކަށް ހޭނުމަށް ފުރުސަތު ދޭން ފްރާންސުން ވަނީ އިއްޔެ އެކުވެރިކަމުގެ މެޗެއް، އެއްވެސް މީޑިއާއެއް ސަޕޯޓަރެއް ނުވައްދާ ކުޅެފައެވެ. ބެންޗު ޓީމު ބޭނުންކޮށްގެން ޖަރުމަނު ކްލަބެއް ކަމަށްވާ ޕަޑޭބޯންގެ 21 އަހަރު ޓީމާ ދެކޮޅަށް ފްރާންސުން އިއްޔެ ކުޅުނު މެޗުގައި އެމްބާޕޭ ކުޅެފައިވެއެވެ. އެމެޗުގައި އެމްބާޕޭ ވަނީ ދެ ގޯލު ޖަހައި ދެ އެސިސްޓް ފުރިހަމަ ކޮށްފައެވެ.

ފްރާންސުން މާދަމާ ރޭ ޕޮލެންޑާ ދެކޮޅަށް ނުކުންނާނީ ރާއްޖެ ގަޑިން 9:00 ގައެވެ.