ކްރޮއޭޝިއާ ފުޓުބޯޅައިގެ ރަން ޖީލެއް މިރޭ ނިމުނަ ނުދޭން ކުރެވެން އޮތް ހަމައެކަނި ކަމަކީ އިޓަލީ ބަލިކުރުން ކަމަށް ކޯޗު ލަޓްކޯ ޑަލިޗް ބުނެފިއެވެ.
މިދިޔަ 10 ވަރަކަށް އަހަރު ދުވަހު ދުނިޔޭގެ ފުޓުބޯޅައިގެ ގަދަ ބާރެއްގެ ގޮތުގައި އޮތް ކްރޮއޭޝިއާއިން މިފަހަރުގެ ޔޫރޯގެ ގްރޫޕް ސްޓޭޖުގައި ކުޅޭ ފަހު މެޗުގައި މިރޭ ނުކުންނާނީ އެންމެފަހުގެ ޗެމްޕިއަން އިޓަލީއާ ދެކޮޅަށެވެ. މިހާތަނަށް ކުޅުނު ދެ މެޗުންވެސް ކްރޮއޭޝިއާއަށް އެންމެ ޕޮއިންޓެއް ހޯދިފައި އޮތް އިރު، މިރޭގެ މެޗަކީ މޮޅުވާން މަޖުބޫރު މެޗެކެވެ.
ގަދަ ދެ ޓީމުގެ ތެރޭގައި ހިމެނިގެން ގަދަ 16 އަށް ދާނަމަ، ކްރޮއޭޝިއާއަށް އިޓަލީ ބަލިކޮށް، އަލްބޭނިއާގެ ނަތީޖާއަށް ބަލަން ޖެހެއެވެ. ކްރޮއޭޝިއާ މިރޭ މޮޅުވެ ތިންވަނައިގައި އޮވެވޭނީވެސް، އަލްބޭނިއާ އަށް ސްޕެއިން ބަލިނުކުރެވިއްޖެނަމައެވެ.
"މިއީ ތާރީހުގައި ލިޔެވޭނެ މެޗެއް. އަހަރެމެން މި މެޗަށް ތައްޔާރު. އަހަރެން އުންމީދު ކުރަނީ މޮޅުވާނެ ކަމަށް. އަހަރެމެން ބޯޅަ ގެންގުޅެ ރަނގަޅަށް ކުޅެމުން މިދަނީ އަދިވެސް. އެހެންވިޔަސް އަހަރެމެންނަށް ބޯޅައާ އެކު ހަމަޖެހިލަން އުނދަގޫވޭ. އެ ހާސްކަމުގެ ސަބަބުން ގޭމަށް އަސަރުތަކެއް ކުރޭ. އަހަރެމެން އެބަ ޖެހޭ ބޯޅަ ގެންގުޅޭ އިރު އެހާ އަވަސްކޮށް ނުގެއްލޭނެ ގޮތެއް ހޯދަން. އަހަރެމެންނަށް އިޓަލީ އެނގޭ. އަހަރެމެން އިޓަލީ ބަލިކޮށް ތިން ޕޮއިންޓް ނުހޯދައިފިނަމަ، ދެން ޖެހޭނީ ގެޔަށް ދާން،" ޑަލިޗް ބުންޏެވެ.
ގާތްގަނޑަކަށް 2012 ވަނަ އަހަރުން ފެށިގެން، ކްރޮއޭޝިއާގެ "ރަން ޖީލު" އައީ ފެންނަމުންނެވެ. އެފަހަރު ޔޫރޯއިން ކްރޮއޭޝިއާ ގްރޫޕް ސްޓޭޖުން ކެޓި ނަމަވެސް، އޭރުވެސް ރަން ޖީލުގެ ބައެއް ކުޅުންތެރިންގެ ކޮޅުމަތި ދިޔައީ ފެންނަމުންނެވެ. 2014 ވަނަ އަހަރުގެ ވޯލްޑް ކަޕާއި 2016 ވަނަ އަހަރުގެ ޔޫރޯއިން އެ ސްކޮޑު ފުރިހަމައަށް ނުފެނުނު ނަމަވެސް، 2018 ވަނަ އަހަރު ކްރޮއޭޝިއާއިން ދުނިޔެއަށް "ރަން ޖީލެއް" ދައްކާލިއެވެ. އެފަހަރު ވޯލްޑް ކަޕް ފައިނަލް ކުޅެ، 2022 ވަނަ އަހަރު ވޯލްޑް ކަޕްގެ ތިންވަނަ ހޯދިއެވެ. އަދި އޭގެފަހުން ނޭޝަންސް ލީގުގެ ފައިނަލްގައިވެސް ކްރޮއޭޝީއާ ކުޅުނެވެ. 2020ގެ ޔޫރޯއިން ކެޓީ ހިތްދަތިކޮށް ގަދަ 16 އިންނެވެ.
އެ ރަން ޖީލުގެ ގިނަ ކުޅުންތެރިންގެ އުމުރު މަތިވުމަކީ ކްރޮއޭޝިއާއަށް އޮތް އެންމެ ބޮޑު ޗެލެންޖެވެ. އެންމެފަހުން ކުޅުނު ގްރޫޕް ސްޓޭޖު މެޗުގައި ކްރޮއޭޝިއާގެ މެދަށް ނެރުނު ލޫކާ މޮޑްރިޗްގެ އުމުރުން މިހާރު 38 އެކެވެ. އަދި މާސެލޯ ބްރޮޒޮވިޗަކީ 31 އަހަރުގެ މިޑްފީލްޑަރެކެވެ. މަޓެއޯ ކޮވަސިޗަށް މިހާރު 30 އަހަރެވެ. މެޗުގައި ގޯލު ޖެހި އަންދްރެޖް ކްރަމަރިޗަށް މިހާރު 33 އަހަރެވެ. އަރިމަތިން ފަހަތަށް ކުޅުނު އިވާން ޕެރަސިޗަށް މިހާރު 33 އަހަރެވެ.
އެ ޖީލުގެ ނިމުން ހިތިކޮށް ނިންމާނުލުމަށް ކްރޮއޭޝިއާ މިރޭ އިޓަލީއާ ދެކޮޅަށް ނުކުންނަ މެޗު އޮންނާނީ ރާއްޖެ ގަޑިން މެންދަމު 12:00 ގައެވެ.
ޔޫރޯ 2024
ޔޫރޯ 2024
ޔޫރޯ 2024