ސްޕެއިން މެޗަށް ގޯހެއް ހެދުނު ކަމަށާއި ދެން އެކަހަލަ ގޮތަކަށް ޓީމު ނުފެންނާނެ ކަމަށް އިޓަލީގެ ކޯޗު ލޫސިއާނޯ ސްޕަލެޓީ ބުނެފިއެވެ.
އެންމެފަހުގެ ޗެމްޕިއަން އިޓަލީން ޔޫރޯ 2024 ގައި ކުޅުނު ފުރަތަމަ މެޗުގައި ރަނގަޅު ކުޅުމަކާ އެކު އަލްބޭނިއާ ބަލިކުރި ނަމަވެސް، ދެން ޖެހުނު މެޗުގައި ސްޕެއިން ކައިރީ 1-0 އިން ވީ ބައްޔެވެ. އެ ބައްޔަކީ ކުޑަ ސްކޯއެއް ނަމަވެސް، އެ މެޗުގެ މަންޒަރުން އިޓަލީއާ ދޭތެރޭ ގިނަ ބަޔަކު ވަނީ އުންމީދު ކަނޑާލައިފައެވެ. ސްޕެއިނާ ދެކޮޅަށް ކުޅުނު މެޗުގައި އިޓަލީ ފެނުނީ ހަދާނެ ގޮތް ހުސްވެފައި އޮތް ޓީމެއްގެ ގޮތުގައެވެ. ހަމައެކަނި އިޓަލީއަށް އެ މެޗުން ލިބުނު ހިތްވަރަކީ ގޯލްކީޕަރު، ކެޕްޓަން ޖިއާންލުއީޖީ ޑޮނަރޫމާގެ ފޯމެވެ. ޑޮނަރޫމާ ވަނީ ތަފާތު މޮޅެއް އެރޭގެ މެޗުގައި ކުޅެފައެވެ.
"އަސްލު އަލްބޭނިއާ މެޗަށްފަހު ބަދަލެއް ގެންނަން ޖެހޭ ޓީމަށް. އެހެންވިޔަސް، އަލްބޭނިއާ ކައިރީ ރަނގަޅަށް ކުޅުނީމަ އަހަންނަށް ވިސްނުނީ ސްޕެއިނާ ދެކޮޅަށް ނުކުންނަން ބަދަލެއް ގެނެސްފިނަމަ، މޮޔަ ކަމެއް ކުރެވިދާނެޔޭ. އެކަމަކު އެއީ ގޯހެއް. އަހަންނަށް ހެދުނު މޮޔަ އެއްޗެއް. އެމެޗަށް ޓީމުގެ 11 އަށްވެސް ބަދަލުތަކެއް ގެންނަން ޖެހޭ،" ސްޕަލެޓީ ބުންޏެވެ.
ޕްރި މެޗު ޕްރެސްގައި ވާހަކަ ދައްކަމުން ސްޕަލެޓީ ބުނީ އިޓަލީގެ ކުޅުންތެރިން ފަރާތުން ސްޕެއިން މެޗުގައި ވަރުބަލިކަމާއި ފޯކަސް ގެއްލިފައިވާތަން ފެނުނު ކަމަށާއި އެ މެޗުން ފިލާވަޅުތަކެއް ލިބުނު ކަމަށެވެ. ސްޕަލެޓީ ބުނީ އެއީ ވަރަށް ވަރަށް ދަށް މެޗެއް ކަމަށާއި ދެން އެހެން ނުވާނެ ކަމަށެވެ.
"އަހަރެމެން ސްޕެއިން މެޗު އެނަލައިޒް ކޮށްފިން. އަހަރެމެން އެ މެޗާ ގުޅޭ ގޮތުން ވާހަކަވެސް ދައްކައިފިން. އަދި ފަހަތަށް ފިޔަވަޅެއް އަޅައި، އެ މެޗުގައި ގޯސްކޮށް ހުރި ތަންތަން ރަނގަޅު ކޮށްގެން ކްރޮއޭޝިއާއާ ދެކޮޅަށް ނުކުންނާނީ. ދެން އެ މަންޒަރެއް އިޓަލީ ޓީމަކުން ނުފެންނާނެ،" ނަޕޯލީއާއެކު ތާރީހީ އިޓަލީ ލީގެއް ހޯދި ސްޕަލެޓީ ބުންޏެވެ.
ސްޕަލެޓީ ޕްރެސްގައި އިތުރަށް ބުނީ އިޓަލީގެ "ކަޓެނާޝިއޯ" (ޑޯ ބޯލްޓް) ޑިފެންސިވް ކުޅުމުން އެކަމި މި ޒަމާނު ނަތީޖާ ނުނެރެވޭނެ ކަމަށާއި އެޓޭކް ކޮށް، ވަރުގަދަ އަށް ޑިފެންސް ކުރަން ޖެހޭ ހާލަތްތައް ކްރޮއޭޝިއާއާ ދެކޮޅަށްވެސް އަންނާނެ ކަމަށެވެ.
އިޓަލީން މިރޭ މެޗު އެއްވަރު ކޮށްލި ނަމަވެސް، ދެވަނައިގައި އެޓީމަށް ގަދަ 16 ޔަގީން ކުރެވޭނެއެވެ. އެޓީމު ކެޓުމަށް ފުރުސަތު އޮތީ ބަލިވެއްޖެނަމައެވެ. އަނެއްކޮޅުން ކްރޮއޭޝިއާ ނުކުންނަނީ ގާތްގަނޑަކަށް މޮޅުވުން މަޖުބޫރު މެޗަކަށެވެ.
އިޓަލީ އާއި ކްރޮއޭޝިއާ މިރޭ ކުޅޭ މެޗު އޮންނާނީ ރާއްޖެ ގަޑިން މެންމަދު 12:00 ގައެވެ.
ޔޫރޯ 2024
ޔޫރޯ 2024
ޔޫރޯ 2024