އަލްބޭނިއާގެ ތާރީހުގައިވެސް މިއީ ދެވަނަ ޔޫރޯ މުބާރާތެވެ. 2016 ވަނަ އަހަރަށްފަހު އެގައުމުން މިފަހަރުގެ ޔޫރޯއަށް ނުކުމެފައިވާ އިރު، މިހާތަނަށް މިއީ ކާމިޔާބު ޔޫރޯއެކެވެ. އެޓީމުން ފުރަތަމަ މެޗުގައި އެންމެފަހުގެ ޗެމްޕިއަން އިޓަލީ ކައިރީ 1-0 ގެ ނަތީޖާއަކުން ބަލިވި ނަމަވެސް، ދެން ޖެހިގެން އައި މެޗުގައި ވަރުގަދަ ކްރޮއޭޝިއާއާ 2-2 އިން އެއްވަރުކުރިއެވެ. މަރުގެ ގްރޫޕްގައި އެންމެ ފަހު މެޗާއި ހަމައަށް އަލްބޭނިއާއަށް އުންމީދު އޮތުންވެސް އެއީ އެޓީމަށް އުފާވެރި، ފަހުރުވެރި ކަމެކެވެ.
އަލްބޭނިއާއަށް ގަދަ 16 ގެ އުންމީދެއް ދަމަހައްޓަން ސްޕެއިން ބަލިކުރުން ޖެހެއެވެ. އެ ހާލަތުގައި ކްރޮއޭޝިއާވެސް މޮޅުވެއްޖެނަމަ، ދެން ޖެހޭނީ ޓައި ބްރޭކާގެ އުސޫލުތަކަށް ބަލާށެވެ. އަލްބޭނިއާއިން މޮޅުވެ، ކްރޮއޭޝިއާ ބަލިވާ ހާލަތުގައި ތިންވަނަ ޓީމުގެ ގޮތުގައި ގަދަ 16 އަށް ދާން އަލްބޭނިއާއަށް ފުރުސަތު އެބައޮތެވެ. އެއްވަރު ވެއްޖެނަމަ، ދާނެހެން ހީއެއް ނުވެއެވެ. އެއީ ތިންވަނައިގައި ދެ ޕޮއިންޓާއެކު އޮތުމުންނެވެ. އެހެންވުމުން، އަލަށް ގްރޫޕް ސްޓޭޖު ފަހަނައަޅައި ދާ ކަމަށް ވާނަމަ، އަލްބޭނިއާ އެންމެ ފުރަތަމަ ކުރަން ޖެހޭ ކަމަކީ ވަރުގަދަ ސްޕެއިން ބަލިކުރުމެވެ.
"އަލަށް ގަދަ 16 އަށް ދާން ފުރުސަތު އޮވެ، ސްޕެއިނާ ދެކޮޅަށް ނުކުންނަން ޖެހުމަކީ ރަނގަޅު ކަމެއް. އަހަރެމެން ރަނގަޅަށް ގްރޫޕް ސްޓޭޖަށް ހޭނި، ކުރިއެރުންތަކެއް ހޯދަމުން އަންނަ މި ދަނޑިވަޅުގައި ކުޅެން މި ޖެހެނީ ދުނިޔޭގެ އެންމެ ވަރުގަދަ އެއް ޓީމާ. އެންމެ ވަރުގަދަ ކުޅުންތެރިންވެސް ތިބި ޓީމާ،" އަލްބޭނިއާގެ ކޯޗު، ބްރެޒިލްގެ ސިލްވީނިއޯ ޕްރީ މެޗު ޕްރެސްގައި ބުންޏެވެ.
ސިލްވީނިއޯ ބުނީ ސްޕެއިނަކީ ވަކި "ޑީއެންއޭ" އެއްގެ ފުޓުބޯޅައެއް ކުޅޭ ޓީމެއް ކަމަށެވެ. ހާއްސަކޮށް، މެދުތެރެއިން އަބަދުވެސް ރަނގަޅަށް ކުޅޭ ހިތްގައިމު ޓީމެއް ކަމަށެވެ. އަދި އެ ވަރުގަދަ ކަމަށް މިފަހަރު ނުރައްކާ ބޮޑީ ހަލުވި ހުނަރުވެރި ވިންގުން ޓީމުގައި ތިބުމުން ކަމަށްވެސް ސިލްވީނިއޯ ބުންޏެވެ.
ސިލްވީނިއޯ ބުނީ އަލްބޭނިއާގައި ތިބި ތިން މިލިއަން މީހުންގެ އިތުރުން އެ ދަރިކޮޅަށް ނިސްބަތްވާ ދުނިޔޭގެ އެކި ތަންތާ ދިރިއުޅޭ 10 ވަރަކަށް މިލިއަން މީހުންނަށްވެސް މީގެ ކުރިން ގައުމީ ޓީމު ޔޫރޯގައި ކުޅުނުތަން ނުފެންނަ ކަމަށާއި، އެ އެންމެން އުފާކޮށްދެން މިހާރު ކުރަމުން އަންނަ މަސައްކަތް ރަނގަޅު ކަމަށް އުންމީދު ކުރާ ކަމަށެވެ. އަލްބޭނިއާގެ އެންމެ ބޮޑު ހަތިޔާރަކީ ހިތްވަރު ކަމަށާއި، ސްޕެއިނާ ދެކޮޅަށްވެސް ނުކުންނާނީ ވަރުގަދަކޮށް ކަމަށް ސިލްވިއޯ ބުންޏެވެ.
ސްޕެއިނާއި އަލްބޭނިއާ ވާދަކުރާ މެޗު އޮންނާނީ މިރޭ ރާއްޖެ ގަޑިން 12:00 ގައެވެ.
ޔޫރޯ 2024
ޔޫރޯ 2024
ޔޫރޯ 2024