ސްޕެއިނުން މިފަހަރު ޔޫރޯ 2024 އަށް ނުކުތް ޓީމަކީ ކިތަންމެ ވަރުގަދަ ޓީމެއް ނަމަވެސް، މިހާރު އޮތް ޓީމާ 2008 ވަނަ އަހަރު ޔޫރޯ ހޯދި ޓީމާ އަދި އަޅައި ނުކިޔަން ކޯޗު ލުއިސް ޑެ ލަ ފުއެންޓޭ ބުނެފިއެވެ.

ސްޕެއިނުން މިފަހަރުގެ ޔޫރޯ ފެށީ ތަފާތު ރަނގަޅު ފޯމެއްގައެވެ. ފުރަތަމަ މެޗުގައި ވަރުގަދަ ކްރޮއޭޝިއާ ކައިރިން 3-0 އިން މޮޅުވެފައިވާ އިރު، ދެން ކުޅުނު މެޗުގައި އެންމެފަހުގެ ޗެމްޕިއަން އިޓަލީ ކައިރިން ކުރި ހޯދީ، 1-0 ގެ ނަތީޖާއަކުންނެވެ. އެއީ މޮޅަށް ކުޅެގެންނެވެ، ފަހު މެޗުގައި މިރޭ އަލްބޭނިއާއާ ދެކޮޅަށް ނުކުންނަ އިރު، ސްޕެއިން ކޮޅަށް ގޯލެއްވެސް ވަދެފައެއް ނުވެއެވެ.

އެ ފޯމުގައި އޮތް ސްޕެއިން ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ގަދަ 16 ޔަގީން ކޮށްފައި އޮވެ، މިރޭގެ މެޗަށް ނުކުންނަ އިރު، ޓީމަށް ބަދަލުތަކެއް ގެންނާނެ ކަމަށް ބެލެވެއެވެ. ސްޕެއިންގެ ރަނގަޅު ފޯމާއެކު އެޓީމުގެ ފެންވަރު މަތިކޮށް ގިނަ ވާހަކަތަކެއް ދައްކަމުން އަންނަ އިރު، ބައެއް މީހުން ސިފަކުރަނީ މިއީ 2008 ގައި ސްޕެއިންގައި އޮތް ސްކޮޑާ އެއްވަރު ސްކޮޑެއްގެ ގޮތުގައެވެ.

"ކުރިން ބުނި ޓީމާ (2008 ގެ ޓީމް)އާ އަރައި ހަމަކުރަން އަދި ބައިވަރު ކަންތައްތަކެއް ކުރަން ޖެހޭ. އެއީ އެޓީމުން ޔޫރޯ ހޯދި،" ކޯޗު ޑެ ލަ ފުއެންޓޭ ޕްރި މެޗު ޕްރެސްގައި ބުންޏެވެ.

ސްޕެއިންގެ މަގުބޫލު ޓިކިޓަކަ ސްޓައިލް ދުނިޔެއަށް ތައާރަފު ވެގެންދިޔައި 2008 ގެ ޓީމުގައި ޒަވީ ހެނާންޑޭޒް، ޑޭވިޑް ސިލްވާ، އަންދްރޭސް އިނިއެެސްޓާއާއި ފެނާންޑޯ ޓޮރެސް އަދި ސާޖިއާ ރާމޯސްވެސް ހިމެނުނެވެ. 2008 ވަނަ އަހަރު ޔޫރޯ ހޯދައި، އެޓީމުން 2010 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކޮށް، 2012 ވަނަ އަހަރު ޔޫރޯ ދިފާއުވެސް ކުރިއެވެ. އެއީ ދުނިޔޭގެ ތާރީހު ދުށް އެންމެ މޮޅު އެއް ޓީމުވެސް މެއެވެ.

"އަހަރެމެން (އެޓީމާ އަޅައިކިޔާވަރު ކުރަން) ހުރިހާ އޭރިއާއަކުން ކަންކަން ރަނގަޅުކުރަން ޖެހޭ. އެހެން ބުނީމަ ވެދާނެ މިއީ ނެގެޓިވް ވާހަކައެއް ބުނެވުނީ ކަމަށްވެސް. އެކަމަކު އެއީ ހަގީގަތް. އެއީ އަހަރެންގެ ގޯލު، އަބަދުވެސް ކަންކަން ރަނގަޅުކުރުން. މީގަ ރަނގަޅު ކަމަކަށް ބަލަންވީ ކަމަކީ މި ޓީމަށް ކަންކަން ރަނގަޅު ކުރަން ޖާގަ އޮތުން،" ޑެ ލަ ފުއެންޓޭ އިތުރަށް ބުންޏެވެ.

ޑެ ލަ ފުއެންޓޭ ބުނީ މިރޭގެ މެޗަށް ޓީމަށް ބައެއް ބަދަލުތައް ގެންނާނެ ނަމަވެސް ބަލިވާން ނުނުކުންނާނެ ކަމަށެވެ. ހާއްސަކޮށް އަލްބޭނިއާއިން ގަދަ 16 އަށް މަސައްކަތް ކުރަމުން އަންނައިރު، އެހާ ޓަފް މެޗަކަށް ސްޕެއިން ފަރުވާ ކުޑަ ނުކުރާނެ ކަމަށްވެސް އޭނާ ބުންޏެވެ. ޑެ ލަ ފުއެންޓޭ ބުނީ ސްޕެއިން ބޭނުންވަނީ ގްރޫޕް ސްޓޭޖުގެ ތިން މެޗުންވެސް މޮޅުވާން ކަމަށާއި، ގަދަ 16 ގެ މެޗަށް ނުކުންނަ އިރު، ފޯމު ރަނގަޅުވާން ޖެހޭނެ ކަމަށެވެ.

ޑެ ލަ ފުއެންޓޭ މުބާރާތުގެ ފެވަރިޓުންގެ ވާހަކަ ދައްކަމުން ބުނީ ބައެއް ޓީމުތަކުގެ ހަގީގީ ފެންވަރު އަދި ނުފެންނަ ކަމަށާއި، ނޮކްއައުޓް ފުޓުބޯޅައަށް ނުކުންނަ އިރު، އެ ތަފާތު ބައެއް ޓީމުތަކުން ފެންނާނެ ކަމަށެވެ.

ގްރޫޕް ބީގައި ސްޕެއިނާއި އަލްބޭނިއާ ވާދަކުރާ މެޗު އޮންނާނީ މިރޭ ރާއްޖެ ގަޑިން 12:00 ގައެވެ.