ޓީވީއަށް އަރައި ފާޑުކިޔާއިރު، ބޮޑެތި މުބާރާތްތަކުގައި މެޗުތަކުން މޮޅުވުމަކީ ކިހާ އުނދަގޫ ކަމެއްކަން އެ ފާޑު ކިޔާ މީހުންނަށްވެސް އެނގޭނެ ކަމަށް އިންގްލެންޑްގެ ކެޕްޓަން ހެރީ ކޭން ބުނެފިއެވެ.
ގެރެތު ސައުތުގޭޓްގެ އިންގްލެންޑް ޓީމުން ޔޫރޯ 2024 ފެށި ގޮތަށް ގިނަ ބައެއްގެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. އޭގެ ތެރޭގައި އެ ގައުމުގެ ގައުމީ ޓީމަށް ކުރިން ކުޅެ، މިހާރު ޕަންޑިތުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތައް ހިމެނެއެވެ. ޕަންޑިތުންގެ ތެރެއިން ކުރިން ގައުމީ ޓީމަށް ކުޅުނު ގެރީ ލިނެކާއާއި އެލެން ޝިއެރާ ވަނީ މިހާތަނަށް މުބާރާތުގައި ކޭން ދެއްކި ކުޅުމަށްވެސް ފާޑު ކިޔައިފައެވެ.
އިންގްލެންޑުން މިފަހަރުގެ ޔޫރޯގައި ކުޅުނު ފުރަތަމަ މެޗުގައި 1-0 އިން ސާބިއާ ކައިރިން މޮޅުވި އިރު، ޑެންމާކާ ދެކޮޅަށް ކުޅެ އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ. އެމެޗުގައި ކޭން ގޯލު ޖެހިއެވެ. އެހެން ނަމަވެސް، އެމެޗުން މޮޅު ނުވެވުމުން އިންގްލެންޑަށް އޮތީ މާދަންރޭ ސްލޮވޭނިއާ ކައިރިން ޕޮއިންޓެއް ހޯދަން ޖެހިފައެވެ. ނޫންނަމަ އެޓީމު ތިންވަނައަށް ގޮސް، އިންތިޒާރު ކުރަން ޖެހިދާނެއެވެ.
"ކުރީގެ އެއްވެސް ކުޅުންތެރިޔަކަށް އިހުތިރާމު ކުޑަކޮށް ވާހަކަ ދައްކާކަށް އަހަރެން ބޭނުމެއް ނޫން. ހާއްސަކޮށް ގައުމީ ޖާޒީގައި އެތައް މެޗެއް ކުޅެފައި ތިބި ކުޅުންތެރިންނަކަށް. އެކަމަކު މިއީ ކިހާ އުނދަގޫ ކަމެއްކަން އެ އެންމެންނަށްވެސް އެނގޭނެ. މުބާރާތެއްގެ ތެރެއިން އެހާ ބޮޑަށް ފާޑު ކީމަ، އަޑު ނާހަން ތިއްބަސް ޓީމަށް އޭގެ އަސަރުކުރާނެކަން ވެސް އެ ކުޅުންތެރިންނަނަށް އެނގޭނެ،" ކޭން ޕްރީ މެޗު ޕްރެސްގައި ބުންޏެވެ.
ކޭން ބުނީ ކުރީގެ ކުޅުންތެރިންގެ ޒިންމާއެއް ވާކަމަށެވެ. އެއީ މިހާރުވެސް ގައުމުގެ އެތައް ސަޕޯޓަރުންނެއް، އަދި ޓީމުގެ ބައެއް ކުޅުންތެރިންވެސް އެމީހުން ދައްކާ ވާހަކައަށް ލެނބޭތީ ކަމަށްވެސް ކޭން ބުންޏެވެ.
އޭގެ ފަހުން ކޭން ބުނީ "ގައުމީ ޓީމަށް ކާމިޔާބީއެއް ނުލިބި، އެތައް ދުވަހެއް ވެގެން ހިނގައްޖެ،" ކަމަށާއި، "މިހާރު ފާޑު ކިޔާ މީހުންނާއެކުވެސް ގައުމީ ޓީމަށް ކާމިޔާބީއެއް ހޯދިފައި ނުވާ،" ކަމަށެވެ. އެހެންވީމަ ބޮޑެތި މުބާރާތްތަކަށް ނުކުމެ، މެޗުތަކުން މޮޅުވެ، މުބާރާތް ކާމިޔާބު ކުރުމަކީ ފަސޭހަ ކަމެއް ނޫންކަން އެނގިތިބެ، ފާޑުފާޑުގެ ވާހަކަ ދެއްކުން އެއީ ރަނގަޅު ކަމެއް ނޫން ކަމަށް ކޭން ބުންޏެވެ.
ކޭން ބުނީ އެ ލެޖެންޑުން ޓީމަށް ހިތްވަރު ދޭތަން ފެންނަން ބޭނުންވާ ކަމަށެވެ.
ކޭންގެ މުހިއްމު ކުޅުމާއެކު އިންގްލެންޑުން 2018 ވަނަ އަހަރުގެ ވޯލްޑް ކަޕް ސެމީގައި ކުޅެ، 2022 ވަނަ އަހަރުގެ ވޯލްޑް ކަޕް ސެމީގައިވެސް ކުޅުނެވެ. އަދި ޔޫރޯ 2020 ގައި އިންގްލެންޑުން ބަލިވީ ފައިނަލްގައި އިޓަލީ ކައިރިންނެވެ. އިންގްލެންޑަށް ރަން ޖީލުތައް އައިސް، މިއަދާ ހަމައަށް އައިރު މިހާރު އޮތް ސައުތުގޭޓްގެ ޓީމަކީ އެންމެ ކާމިޔާބު އެއް ޓީމެވެ. 1966 ވަނަ އަހަރު ވޯލްޑް ކަޕަށްފަހު އެގައުމުގެ ގައުމީ ޓީމަށް އަދި ބޮޑު މުބާރާތެއްގެ ތަށި ލިބިފައެއް ނުވެއެވެ.
އިންގްލެންޑުން ގްރޫޕް ސްޓޭޖުގައި ކުޅޭ ފަހު މެޗުގައި މާދަމާ ރޭ ނުކުންނާނީ ސްލޮވޭނިއާއާ ދެކޮޅަށެވެ.
ޔޫރޯ 2024
ޔޫރޯ 2024
ޔޫރޯ 2024