ޔޫރޯ 2024 ގެ ގަދަ 16 ގެ ޖާގައެއް ސްވިޒަލެންޑުން ވެސް ހޯދައިފިއެވެ.
ފްރެންކްފާޓް އެރީނާގައި މިރޭ ޖަރުމަނާއި ސްވިޒަލެންޑް ކުޅުނު "ގްރޫޕު އޭ" ގެ މެޗު ނިމިގެންދިޔައީ 1-1 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ. އެއް ވަގުތެއްގައި އެ ގްރޫޕުގައި ސްކޮޓްލެންޑް އަތުން 1-0 ގެ ނަތީޖާއަކުން ހަންގޭރީ މޮޅުވެފައިވުމުން ސްވިޒަލެންޑަށް ވަނީ ގްރޫޕުގެ ދެވަނައިގެ ގޮތުގައި ގަދަ 16 ގެ ޖާގައެއް ކަށަވަރުވެފައެވެ.
"ގްރޫޕު އޭ"ގެ އެއްވަނަ ހޯދި ޖަރުމަނުން ވަނީ ތިން މެޗުން ހަތް ޕޮއިންޓު ހޯދައިފައެވެ. ދެވަނައިގައި ގޮތުގައި ނިންމާލި ސްވިޒަލެންޑުން ފަސް ޕޮއިންޓް ހޯދި އިރު، ތިންވަނަ ހޯދީ ތިން ޕޮއިންޓާއެކު ހަންގޭރީންނެވެ. އަދި ގްރޫޕުގެ ފުލުގައި ނިންމާލި ސްކޮޓްލެންޑަށް ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ.
"ގްރޫޕު އޭ" ގެ އެމެޗަށް ނުކުތް އިރު، ޖަރުމަނަށް އޮތީ ގަދަ 16 ގެ ޖާގައެއް ކަށަވަރުވެފައެވެ. އެޓީމަށް ސްވިޒަލެންޑް އަތުން ޕޮއިންޓެއް ހޯދިޔަސް، ގްރޫޕުގެ އެއްވަނަ ޔަގީންކުރެވެން އޮތެވެ.
އަނެއްކޮޅުން ޖަރުމަނު ކައިރިން ބަލިނުވެ ހިފަހައްޓާލައިފިނަމަ، ސްވިޒަލޭންޑް ގަދަ 16 އަށް ދާން އޮތެވެ. ޖަރުމަނު ކައިރިން ސްވިޒަލޭންޑް ބަލިވި ނަމަވެސް، ސްކޮޓްލޭންޑަށް ހަންގޭރީ ބަލި ނުކުރެވިއްޖެ ނަމަވެސް ސްވިޒަލޭންޑަށް ގަދަ 16 އަށް ފުރުސަތު އޮތެވެ. ސްވިޒަލޭންޑް ބަލިވެ، ސްކޮޓްލޭންޑް މޮޅުވެއްޖެ ނަމަ، ދެން ސްކޮޓްލޭންޑާ ސްވިޒަލޭންޑްގެ މެދުގައި ބަލަން ޖެހިފައި އޮތީ ފައިދާ ގޯލުގެ ތަފާތަށާއި، ގޯލު ޖެހި އަދަދު، އަދި ޑިސިޕްލިނަރީ ޕޮއިންޓަށެވެ. އޭގެފަހުން ގޮތެއް ނުނިންމޭ ނަމަ، ދެން ބަލަން ޖެހިފައި އޮތީ ކޮލިފިކޭޝަން ރޭންކިންއަށެވެ. އަދި ޖަރުމަނު ބަލިކޮށް، ސްވިޒަލޭންޑަށް ގްރޫޕްގެ އެއްވަނަ ހޯދެން އޮތެވެ.
މެޗުގެ ކުރީކޮޅުގައި ނުރައްކާ ކުޅުމެއް ދައްކަމުންދިޔަ ޖަރުމަނުން ވަނީ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އެގޮތުން ކައި ހަވާޓްޒްއަށް ލިބުނު ދެ ފުރުސަތެއް ފާހަގަކޮށްލެވެއެވެ. ޕެނަލްޓީ އޭރިއާ ތެރޭ ހުރެ، ހަވާޓްޒް ބޮލުން ފޮނުވާލި ހަމަލާ ސްވިޒަލެންޑް ކީޕަރު ޔޭން ސޮމާއާ ދިމާއަށް އަމާޒުވި އިރު، ޕެނަލްޓީ އޭރިއާ ތެރެއިން އޭނާ ފޮނުވާލި ހަމަލާ ސްވިޒަލެންޑް ޑިފެންޑަރު ރިކާޑޯ ރޮޑްރިގޭޒް ވަނީ ބްލޮކްކޮށްފައެވެ.
މެޗުގެ 17 ވަނަ މިނެޓުގައި ފްލޯރިއަން ވާޓްޒް ދިން ބޯޅަ، ޕެނަލްޓީ އޭރިއާ ބޭރުން ރޮބާޓް އެންޑްރިޝް، ސްވިޒަލެންޑްގެ ގޯލުގެ ތެރެއަށް ފޮނުވާލި ނަމަވެސް، ވީއޭއާރުގެ އެހީގައި ރެފްރީ ނިންމީ އޭގެ ކުރިން ޕެނަލްޓީ އޭރިއާ ތެރެއިން ޖަރުމަން ފޯވަޑް ޖަމާލް މުސިއާލާ ފައުލްކޮށްފައިވާ ކަމަށެވެ.
މެޗުގެ 28 ވަނަ މިނެޓުގައި ސްވިޒަލެންޑުން ވަނީ ގޯލެއް ޖަހައި ލީޑު ހޯދައިފައެވެ. ރެމޯ ފްރޮއިލާ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާއަކުން ސްވިޒަލެންޑަށް އެ ގޯލު ކާމިޔާބުކޮށްދިނީ ޑޭން އެންޑޯޔޭއެވެ.
އޭގެ ދެ މިނެޓު ފަހުން އެންޑޯޔޭއަށް ލީޑު ފުޅާކޮށްލުމަށް ވެސް ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު، ހުސްކޮށް ހުރެ އެންޑޯޔޭ މިފަހަރު ފޮނުވާލި ހަމަލާ ދިޔައީ ޖަރުމަން ގޯލުގެ އަރިމަތީ ދަނޑިކައިރިން ބޭރަށެވެ.
ފުރަތަމަ ހާފު ނިމެނިކޮށް ޖަރުމަނަށް ވަނީ ރަނގަޅު ދެ ފުރުސަތެއް ލިބިފައެވެ. ޕެނަލްޓީ އޭރިއާ ތެރެއިން ޖަރުމަން ޑިފެންޑަރު އެންޓޯނިއޯ ރުޑިގާ އަދި ފޯވަޑް ހަވާޓްޒް ފޮނުވާލި ހަމަލާ ވެސް ސްވިޒަލެންޑްގެ ގޯލާ އަމާޒުވެފައެއް ނުވެއެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން ސްވިޒަލެންޑް ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅުގައި ވަރުގަދަ އެޓޭކަކާއެކު ފެށި ޖަރުމަނަށް ރަނގަޅު ދެ ފުރުސަތެއް ލިބިގެންދިޔައެވެ. އެގޮތުން ފްލޯރިއަން ވާޓްޒް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ބޭރުން ޖަމާލް މުސިއާލާ ފޮނުވާލި ހަމަލާ ސްވިޒަލެންޑް ކީޕަރު ޔޭން ސޮމާ މަތަކުރި އިރު، ރީބައުންސް ބޯޅައިން ޕެނަލްޓީ އޭރިއާ ތެރެއިން ކެޕްޓަން އިލްކާއީ ގުންޑޮގަން ފޮނުވާލި ހަމަލާ ގޯލާ އަމާޒުވެފައެއް ނުވެއެވެ.
ހަމަލާތަކަކަށްފަހު މެޗުގެ 70 ވަނަ މިނެޓުގައި ޖަރުމަނަށް ހުސް ފުރުސަތެއް ލިބިގެންދިޔައެވެ. ފްލޯރިއަން ވާޓްޒް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ، ޖޯޝުއާ ކިމިޗް ފޮނުވާލި ހަމަލާ، ސްވިޒަލެންޑް ޑިފެންޑަރު މަނުއެލް އަކާންޖީ ވަނީ ހުޝިޔާރުކަމާއެކު ބްލޮކްކޮށްފައެވެ.
ޖަރުމަނުން ގިނަ ހަމަލާތަކެއް އުފައްދަމުން ދަނިކޮށް، މެޗު ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް ސްވިޒަލެންޑުން ވަނީ ނުރައްކާތެރި ހަމަލާއެއް ފޮނުވާލައިފައެވެ. ރުބެން ވާގަސް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ބޭރުން ކެޕްޓަން ގްރެނިޓް ޖަކާ ފޮނުވާލި ބާރު ހަމަލާ، ޖަރުމަން ކީޕަރު މެނުއެލް ނޯޔާ ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައެވެ.
ދެވަނަ ހާފުގެ އިތުރު ވަގުތުކޮޅުގެ ތެރޭގައި ޖަރުމަނުން ވަނީ ގޯލެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. ޑޭވިޑް ރާމް ނަގައިދިން ރީތި ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ބޮލުން ފޮނުވާލި ހަމަލާއަކުން ޖަރުމަނަށް އެ ގޯލު ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ނިކްލަސް ފުލްކްރުގްއެވެ. އެ ގޯލަކީ މުބާރާތުގައި އޭނާ ޖެހި ދެވަނަ ގޯލެވެ.
ޔޫރޯ 2024
ޔޫރޯ 2024
ޔޫރޯ 2024