މުޒާހަރާތަކަށާއި އިހުތިޖާޖުތަކަށް ސަރުކާރުން އަބަދުވެސް މަރުހަބާ ކިޔާނެ ކަމަށާއި ނަމަވެސް ރައްޔިތުންނާއި ދައުލަތުގެ މުދަލަށް ގެއްލުން ދިނުން ބަލައިނުގަންނާނެ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.
ޕީއެންސީގެ މައި ޖަގަހަ ހުޅުވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝިޔާމް ވިދާޅުވީ މަސްވެރިންނަށް ދޭން ޖެހޭ ފައިސާގެ ތެރެއިން ބައެއް ނުދެވިފައިވަނީ އީދު ބަންދުގެ ސަބަބުން ކަމަށެވެ. އެ ފައިސާ ދިނުމަށް ސަރުކާރުން ހާއްސަ އިސްކަމެއް ދެމުން އަންނަ ކަމަށް ޝިޔާމް ވިދާޅުވި އެވެ.
"މަސްވެރިންނަށް ނުދީ އޮތް ފައިސާ ދިނުމުގެ މަސައްކަތް އެޖެންޑާގެ އެންމެ ކުރީގައި މިއޮތީ. މި ހަފުތާ ތެރޭގައި ވެސް ކުރާނެ އެންމެ ބޮޑު މަސައްކަތަކީ މިވަގުތު މަސްވެރިންނަށް ނުދެވި ހުރި ފައިސާ ވީހާވެސް އަވަަހަކަށް ދައްކައި ހަލާސްކުރުން," ޝިޔާމް ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަކީ އިހުތިޖާޖަށް މަރުހަބާ ކިޔާނެ ބައެއް, އެކަމަކު ސުލްހަވެރިކަމާއެކު ކުރާ އިހުތިޖާޖުތަކަށް. ސުލްހަވެރިކަމާއެކު ކުރާ އިހުތިޖާޖުތަކަށް މަރުހަބާ ކިޔަނީ, ރައްޔިތުންނާއި ދައުލަތުގެ މުދަލަށް ގެއްލުންދޭ ހިސާބަށް އިހުތިޖާޖުތަކުގައި ދާކަށް އެ ފުރުސަތެއް ނުދޭނެ,"
ޝިޔާމް ވިދާޅުވީ އޭނާއަކީ މަސްވެރިންނަށް ފިލައިގެން އުޅޭނެ މީހެއް ނޫން ކަމަށެވެ. މަސްވެރިން ކުރަމުންދާ އިހުތިޖާޖުތަކަށް އުނދަގޫ ވެސް ނުކުރައްވާނެ ކަމަށް ޝިޔާމް ވިދާޅުވި އެވެ.
އިހުތިޖާޖު ކުރުމުގެ ނަމުގައި ރައްޔިތުންނާއި ދައުލަތުގެ މުދަލަށް ގެއްލުންދީ، ރައްޔިތުންގެ ހައްގުތަކަށް އަރައިގަތުމުގެ ފުރުސަތު މަސްވެރިންނަށް ވެސް ނުދޭނެ ކަމަށް ޝިޔާމް ވިދާޅުވި އެވެ. މިހާރު ރާއްޖޭގައި ގާނޫނު ތަންފީޒު ކުރެވޭނެ ކަމަށް ޝިޔާމް ވިދާޅުވި އެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު