ސަރުކާރުގެ މަސް ކުންފުނި، މިފްކޯއަށް ކިރުވި މަހަށް މަސްވެރިންނަށް ދޭންޖެހޭ ފައިސާ ނުދޭތީ، އައްޑޫ ސިޓީ ހުޅުމީދޫ މިފްކޯ ބަނދަރަށް އެއްވެ މަސްވެރިން ކުރަމުންދާ މުޒާހަރާގައި ގާނޫނާ ހިލާފުކަމެއް ނުކުރުމަށް ފުލުހުން އެދިއްޖެއެވެ.
ފުލުހުން މިއަދު ނެރުނު ނޫސްބަޔާނެެއްގައި ބުނީ މަސްވެރިން ކުރަމުންގެންދާ އިހުތިޖާޖު ސުލްހަވެރިކަމާ އެކު، ގާނޫނީ އިމުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ފުރުސަތު ދީފައިވާނެ ކަމަށެވެ.
އެގޮތުން އިހުތިޖާޖު ކުރުމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ބޭނުންކުރުމުގައި ގާނޫނާއި ގަވާއިދުތަކުގެ ހުދޫގެ ތެރެއިން މަސްވެރިންގެ ކަންބޮޑުވުންތަކާއި ޝުއޫރުތައް ފާޅުކުރުމުގައި ފުލުހުންގެ ފަރާތުން ސެކިއުރިޓީ ލައިން ގާއިމުކޮށް މަސްވެރިންނަށް ދޭންޖެހޭ އެއްބާރުލުން ދޭނެ ކަމަށް ބުންޏެވެ.
އެ ބަޔާނުގައި ފުލުހުން ބުނީ، އިއްޔެ ހަވީރުން ފެށިގެން މަސްވެރިން ކުރަމުންގެންދާ އިހުތިޖާޖާ ގުޅިގެން މިފްކޯ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ އޮޕަރޭޝަންތަކަށް ހުރަސް އެޅިފައިވުމުން، އެ ކޮމްޕްލެކްސްގެ އޮޕަރޭޝަންތައް އަލުން ފެށޭނެ މާހައުލެއް އުފެއްދުމަށް ފުލުހުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
"ފުލުހުން އަމަން ގާއިމްކޮށް ރައްކާތެރިކަން ކަށަވަރުކުރުމަށް އަޅާ ފިޔަވަޅުތަކަށް މަސްވެރިންގެ ފަރާތުންވެސް އެއްބާރުލުންދީ ގާނޫނާއި ގަވައިދާ ހިލާފު އަމަލެއް ނުކުރުމަށް މަސްވެރިންގެ ކިބައިން އެދެމެވެ،" ފުލުހުންގެ ބަޔާނުގައި ބުންޏެވެ.
މަސްވެރިން ކުރަމުންގެންދާ މުޒާހަރާގެ ބައިވެރިން ގޮވާލަމުން ދަނީ މަސްވެރިންނަށް ދޭންޖެހޭ ފައިސާ ވަގުތުން ދިނުމަށާއި ކުރިއަށް އޮތް ތަނުގައި ކިރުވާ މަހަށް ކޮންމެ 15 ދުވަހަކުން ފައިސާ ދިނުމަށް ސަރުކާރުން އެއްބަސްވުމަށެވެ.
އެ މުޒާހަރާގައި 80 ވަރަކަށް މަސްވެރިން ބައިވެރިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު