ޔޫއެފާ ޔޫރޯ 2024 ގައި ޕޯޗުގަލްއިން މިރޭ ކުޅުނު މެޗުގައި ތުރުކީ ބަލިކޮށްފިއެވެ.

ޑޯޓްމުންޑް ދަނޑުގައި ކުޅުނު މެޗުގައި ޕޯޗުގަލްއިން ތުރުކީ ބަލިކުރީ 3-0 ގެ ނަތީޖާއަކުންނެވެ.

ތުރުކީއާއި ޕޯޗުގަލްވެސް މިރޭގެ މެޗަށް ނުކުތީ މޮޅަކާއެކު ގަދަ 16 ޔަގީން ކުރުމަށެވެ. ތުރުކީން ފުރަތަމަ ކުޅުނު މެޗުގައި ޖޯޖިއާ ކައިރިން 3-1 އިން މޮޅުވެފައިވާ އިރު، އެރޭގެ ތަރިއަކީ ރެއާލް މެޑްރިޑްގެ 19 އަހަރުގެ ތަރި އަރްދާއެވެ. އޭނާ ވަނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދައިފައެވެ. މެޗުގެ ކުރިން ކޯޗު ވިންސެންޒޯ މޮންޓެލާ ބުނީ އަރްދާ މިވަގުތު ވަރުބަލި ކަމުގައި ހުރުމުން، ފުރަތަމަ 11 ގައި ހިމެނުމުގެ ފުރުސަތު ކުޑަ ކަމަށެވެ. ތުރުކީގެ ފުރަތަމަ 11 އަށް މިރޭ އޭނާ ނެރެފައެއް ނުވެއެވެ.

އަނެއްކޮޅުން ނުކުތް ޕޯޗުގަލްއިން ފުރަތަމަ ކުޅުނު މެޗުގައި ޗެކު ރިޕަބްލިކް ބަލިކުރީ 2-1 ގެ ނަތީޖާއަކުންނެވެ. އެ މެޗުގައި ފަހުވަގުތު އަރައި ޕޯޗުގަލް މޮޅުކޮށްދިން ގޯލު ޖެހީ ބަދަލަކަށް އެރި އުމުރުން 21 އަހަރުގެ ފްރެންސިސްކޯ ކޮންސެއިސާއޯއެވެ.

މެޗު ރަނގަޅަށް ފެށީ ޕޯޗުގަލްއިންނެވެ. އެޓީމުގެ އަވަސް އެޓޭކް ހުއްޓުވަން ތުރުކީއަށް އުނދަގޫތަކެއް ކުރިމަތިވެއެވެ. ޖޮއާ ކަންސެލޯ ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ރޮނާލްޑޯ ބޮލުން ފޮނުވާލި ހަމަލާ، ތުރުކީގެ ގޯލާ އަމާޒުވެފައި ނުވާ އިރު، އޭގެ ކުރިން ރޮނާލްޑޯ ފޮނުވާލި ހަމަލާ އަމާޒުވީ ތުރުކީ ކީޕަރު އަލްޓޭއީ ބަޔިންދީރްއާ އަތަށެވެ.

މެޗުގެ 21 ވަނަ މިނެޓުގައި ޕޯޗުގަލްއިން ލީޑު ނެގިއެވެ. ރަފައެލް ލިއާއޯ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ ފޮނުވާލި ހަމަލާއަކުން ޕޯޗުގަލަށް އެ ގޯލު ކާމިޔާބުކޮށްދިނީ ބެނާޑޯ ސިލްވާއެވެ. އެ ގޯލަށް މާ ގިނައިރެއްވެސް ނުވަނީސް ޕޯޗުގަލް ލީޑު ފުޅާކުރިއެވެ. އެ ގޯލަކީ ތުރުކީގެ ސަމެތު އަކޭޑިން އަތުން ބައިކޮޅަށް ވަން ގޯލެކެވެ. އެ ގޯލު ވަނީ ތުރުކީގެ ކީޕަރު އަލްޓާއީ ބަޔިންދިރް ކުރިއަށް ޖެހިފައި އޮއްވައި، އަކޭޑިން ޖެއްސި ބޯޅަ، އޭނާއަށް ނުލިބިގެން ގޮސްގެންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި ތުރުކީގެ ފަރާތުން ފެނުނު އެންމެ ނުރައްކާތެރި ހަމަލާ، 30 ވަނަ މިނެޓުގައި ފެނިގެން ދިޔަ އިރު، ކަރެން އާކްތޫރްކޮގްލޫ ފޮނުވާލި ހަމަލާ، ޕޯޗުގަލް ކީޕަރު ޑިއޯގޯ ކޮސްޓާ ވަނީ މަތަކޮށްފައެވެ. އަދި އޭގެފަހުން އޯކުން ކުޗޫ ފޮނުވާލި ހަމަލާ އަމާޒުވީވެސް ކޮސްޓާ އަތަށެވެ.

މެޗުގެ ދެވަނަ ހާފުގައި ތުރުކީން ރަނގަޅަށް ފަށަން މަސައްކަތް ކުރިކުރުމަށް އިތުރު އުނދަގުލެއް ކުރިމަތިވީ، ޕޯޗުގަލްގެ ތިންވަނަ ގޯލެއް ފެނުމުންނެވެ. އެ ގޯލުގައި ރޮނާލްޑޯގެ ތަފާތު ފެނިގެން ދިޔައެވެ. ރޮނާލްޑޯ ތުރުކީ ޑިފެންސް ތެރެއިން ދެމިގަނެ، ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ ފޮނުވާލި ހަމަލާއަކުން ޕޯޗުގަލަށް ގޯލު ކާމިޔާބުކޮށްދިނީ ފެނާންޑޭޒްއެވެ.

އޭގެފަހުންވެސް ބޮޑަށް ޕޯޗުގަލްއިން ނުރައްކާ ކުރި އިރު، ސިލްވާ ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރެއިން ރޮނާލްޑޯއަށް ލިބުނު ރަނގަޅު ފުރުސަތެއް ބޭކާރުވިއެވެ. އޭގެފަހުން ޕެޑްރޯ ނެޓޯ ދިން ބޯޅަ، ޕެނަލްޓީ އޭރިއާ ތެރެއިން ނެލްސަން ސެމޭޑޯއަށް ލިބުމުގެ ކުރިން ތުރުކީގެ ޑިފެންސުން ވަނީ ދިފާއުކޮށްފައެވެ.

އޭގެފަހުން ލިބުނު ފުރުސަތުތަކުގެ ބޭނުންވެސް ޕޯޗުގަލްއަށް ނުހިފުނެވެ. ރޮނާލްޑޯއާއި ބަނާޑޯއަށް ލިބުނު ފުރުސަތުތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ޕޯޗުގަލް ނިންމާލީ ފުރިހަމަ މޮޅަކާއެކުގައެވެ.

މިރޭގެ މޮޅާއެކު ޕޯޗުގަލްއަށް ދެ މެޗުން ހަ ޕޮއިންޓް ލިބިފައިވާ އިރު، ގްރޫޕްތަކުގެ ނަތީޖާތައް މިހާރު އޮތް ގޮތުން، ޕޯޗުގަލްއަށް އެންމެ ދަށްވެގެންވެސް ތިންވަނަ ޓީމުތަކުގެ ތެރެއިން ގަދަ 16 ޔަގީންވާނެއެވެ. އަދި އެންމެފަހުން މެޗުން ޕޮއިންޓެއް ހޯދައިގެންވެސް އެޓީމަށް ގްރޫޕްގެ އެއްވަނަ ހޯދިދާނެއެވެ.