ގޯލު ޖަހަން ލިބޭ ފުރުސަތުތައް ބޭކާރު ވެގެން ދިޔުމަކީ މާޔޫސްކަމެއް ކަމަށް ފްރާންސްގެ ތަޖުރިބާކާރު ކޯޗު، ޑިޑިއޭ ޑިޝޭމްޕްސް ބުނެފިއެވެ.

ގްރޫޕް ޑީގެ އެންމެ ވަރުގަދަ ދެޓީމު، ފްރާންސާއި ނެދަލޭންޑްސް ރޭ ލެއިޕްޒިގް ސްޓޭޑިއަމްގައި ކުޅުނު މެޗުގައި އެއްވަރުވީ 0-0 ގެ ނަތީޖާއަކުންނެވެ. ރޭގެ މެޗުން މޮޅުވެ، ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ގަދަ 16 ޔަގީންކުރަން ދެ ޓީމަށްވެސް ފުރުސަތު އޮތެވެ. އެ ފުރުސަތުގެ ބޭނުން ހިފަން ފްރާންސަށް ނުކުންނަން ޖެހުނީ އެޓީގެ ކެޕްޓަން، އަދި އެއް ނަންބަރު ތަރި، ކިލިއަން އެމްބާޕޭ ނުލައެވެ. އެމްބާޕޭ ރޭގެ މެޗުގައި ކުޅެފައި ނުވަނީ ނޭފަތް ބިންދައިގެން ގޮސްފައި ހުރުމުންނެވެ. އެމްބާޕޭ އޮސްޓްރިއާ މެޗުގައި ނޭފަތް ބިންދައިގެން ދިއުމުން މިހާރު ތަމްރީނުތަކަށް ނުކުންނަނީވެސް މާސްކެއް އަޅައިގެންނެވެ.

އެމްބާޕޭއާ ނުލައި ކުޅުނު ފްރާންސުން ޓީމުގެ ފޯވަޑަކަށް ނެރުނީ އެންޓޮއިން ގްރީޒްމަންއެވެ. ކެޕްޓަން ބޭންޑްގައި ރޭ ނުކުތް ގްރީޒްމަން އަތުން ހުސް ތިން ފުރުސަތެއް ރޭ ބޭކާރުވެގެން ދިޔައެވެ. އެއީ މާޔޫސްކަމެއް ކަމަށް މެޗަށްފަހު ޑިޝޭމްޕްސް ވަނީ ފާހަގަކޮށްފައެވެ.

"އަހަރެމެންނަށް ރޭ ނުވި ކަމަކީ ގޯލެއް ޖެހުން. މެޗު ވެގެންދަނީ ވަރަށް އަވަސް، އިންޓެންސިޓީ މަތި މެޗަކަށް. ފްރާންސްގެ ކުޅުންތެރިން މަސައްކަތް ކޮށް، ކުޅުނު ކުޅުމަށް އަހަރެން އުފާކުރަން. އެކަމަކު އަހަރެން މާޔޫސްވީ ފުރުސަތުތައް ލިބި ގޯލު ނުޖެހުމުން. އެއީ ހައްލުކުރަން ޖެހޭ ކަމެއް،" ފްރާންސާއެކު 2018 ވަނަ އަހަރުގެ ވޯލްޑް ކަޕް ހޯދި ކޯޗު ރޭ މެޗަށްފަހު ބުންޏެވެ.

ޑިޝޭމްޕްސް ރޭގެ މެޗަށްފަހު އިތުރަށް ބުނީ އެޓޭކް ލައިނުން ވަރަށް ގިނަ ކަންތައްތައް ރަނގަޅު ކުރުމަށްފަހުވެސް ގޯލު ޖެހުމާ ދުރަށް ޖެހޭ ކަމަށެވެ. އިދިކޮޅު ވަރުގަދަ ޓީމުތަކާ ދެކޮޅަށް ކުޅެ، މޮޅުވާން ބޭނުންވާ ނަމަ ފަސޭހައިން ގޯލު ޖެހުމަކީ މަޖުބޫރު ކަމެއް ކަމަށްވެސް ޑިޝޭމްޕްސް ބުންޏެވެ. ޑިޝޭމްޕްސް ރޭ ބުނީ ގްރޫޕް ސްޓޭޖުގެ ފަހު މެޗަށް ގޯލު ޖެހުމުގެ މައްސަލައަށް ހައްލެއް ހޯދަން ޖެހޭ ކަމަށެވެ.

ފްރާންސަށް ގޯލެއް ޖެހޭނެ ގޮތެއް ހޯދުމަށް ކުރި މަސައްކަތުގައި އެގައުމުގެ ގައުމީ ޓީމަށް އެންމެ ގިނަ ގޯލު ޖަހައިދީފައިވާ އޮލިވިއޭ ޖިރޫއާއި ވިންގް، ކިންގްސްލީ ކޯމަންވެސް ރޭ ބަދަލެއް ގޮތުގައި މެޗަށް ނެރެފައިވެއެވެ. ޑިޝޭމްޕްސް ބޭނުންވި ފުރުސަތުތައް އެ ކުޅުންތެރިންނަށް ލިބިގެން ނުދިޔައެވެ.