އިންގްލެންޑުން މިފަހަރުގެ ޔޫރޯއަށް ނުކުތީ އެންމެ ގިނަބައެއްގެ ފެވަރިޓުންގެ ގޮތުގައެވެ. އެއީ ޔޫރޯ 2020 ގެ ރަނަރަޕްކަން ހޯދައި، 2018 ވަނަ އަހަރާއި 2022 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ސެމީ ފައިނަލާ ހަމައަށްވެސް ގޮސްފައި އޮވެގެންނެވެ. ސްކޮޑުގެ ގޮތުންވެސް އިންގްލެންޑް އަކީ އެންމެ ވަރުގަދަ ޓީމެވެ. ޕްރިމިއާ ލީގު ޓީމުތަކުން ބޮޑަށް ލޮލުގައި އަޅައިގަންނަ ކުޅުންތެރިން ކަމަށްވުމުންވެސް އެހެން ހީވެދާނެއެވެ. ޔަގީނުންވެސް އިންގްލެންޑްގެ ފަރާތުން މިފަހަރު އަދި އުންމީދު ކުރި ކުޅުމެއް ނުފެނެއެވެ.
ފުރަތަމަ މެޗުގައި ސާބިއާ ކައިރިން 1-0 އިން މޮޅުވުމުންވެސް، ސަޕޯޓަރުންގެ ފާޑުކިޔުން ޓީމަށް އަމާޒުވިއެވެ. އެ މޮޅު އިންގްލެންޑަށް ހޯދުނީ އުނދަގުލުންނެވެ. އެ މެޗަށްފަހު ކޯޗު ގެރެތު ސައުތުގޭޓް ބުނީ އިންގްލެންޑަށް ފެށުން ގޯސް ނޫން ކަމަށެވެ. ސަޕޯޓަރުން މާ ބޮޑަށް ޓީމާ ދޭތެރޭ އުންމީދުކުރަނީ ކަމަށެވެ. އެއީ އާންމުކަމެއް ކަމަށާއި، އެކަމަށް ސަމާލުކަން ނުދޭ ކަމަށްވެސް ސައުތުގޭޓް ބުންޏެވެ.
ރޭ ޑެންމާކާ ދެކޮޅަށް ނުކުތް އިރު، އިންގްލެންޑަށް މޮޅަކާއެކު ގަދަ 16 ޔަގީންކޮށްލެވެން އޮތެވެ. އޭރުން ޓީމު ހަމައަކަށް އެޅި، މީޑިއާ ޕްރެޝަރާއި ސަޕޯޓަރުންގެ ޕްރެޝަރުން އަރައިގަންނަންވެސް ވަގުތުކޮޅެއް ލިބުނީހެވެ. އެހެން ނަމަވެސް އެގޮތެއް ނުވިއެވެ. އިންގްލެންޑަށް ކިރިޔަ ކިރިޔާ ހޯދުނީ ޕޮއިންޓެކެވެ. މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.
އެ މެޗަށްފަހު އެންމެ ގިނަ މީޑިއާތަކަކުން ފާޑުކީ އެއް މަގާމަކީ ލިވަޕޫލްގެ ޑިފެންޑަރު ޓްރެންޓް އެލެކްސެންޑާ-އާނޯލްޑް ކުޅުނު މަގާމެވެ. ސައުތުގޭޓް އާނޯލްޑް ބޭނުން ކުރަމުންދަނީ ހޯލްޑިން މިޑްފީލްޑަރަކަށެވެ. އެއީ ޑެކްލަން ރައިސްއާއެކުގައެވެ. ރައިސް އާސެނަލާއެކު ވަރުގަދަ ސީޒަނެއް ނިންމައި ޔޫރޯއަށް ނުކުތް ނަމަވެސް މިޑްފީލްޑް ޕާޓްނަރު، އާނޯލްޑާއެކު އަދި މިހާތަނަށް އެންމެ ރަނގަޅަށް ކުޅެވުނުތަނެއް ނުފެނެއެވެ. އާނޯލްޑް މުޅި ސީޒަނުގައި އަރިމަތިން ފަހަތަށް ކުޅުމަށްފަހު އިންގްލެންޑް މެދަށް ނެރުމުން، އޭނާއަށްވެސް އެކަށީގެންވާ ކުޅުމެއް ނުދެއްކުނެވެ.
ރޭގެ މެޗަށްފަހު ސައުތުގޭޓް ބުނީ، އެއީ އެކްސްޕެރިމެންޓެއް ކަމަށާއި، އެ އެކްސްޕެރިމެންޓް އަދި ކާމިޔާބު ނޫން ކަމަށް ގަބޫލުކުރާ ކަމަށެވެ.
"ބައެއް ހާލަތްތަކުގައި އާނޯލްޑްގެ ފަރާތުން ފެނުނު ބޭނުންވި ކުޅުން. އެކަމަކު އެހާ ކާމިޔާބެއް ނޫން. އެއީ އެކްސްޕެރިމެންޓެއް. އަހަރެމެން ޓީމުގައި މިވަގުތު ނެތް ނެޗުރަލް ކެލްވިން ފިލިޕްސް ރޯލެއް. މިހާރު ޓީމަކުން ނުފެނޭ ފިލިޕްސް ހުރިއިރު ފެނުނު ފްލޯއެއް. އިންގްލެންޑަށް ފިލިޕްސް ރިޕްލޭސްއެއް ނުކުރެވޭ އަދިވެސް،" ސައުތުގޭޓް ބުންޏެވެ.
ސައުތުގޭޓް ސްކޮޑަށް ކުޅުންތެރިން ނެގި އިރު، އެ މަގާމަށް ދެން ނެގީ ޗެލްސީގެ ކޯނޯ ގަލެގާއެވެ. ގަލެގާ ރޭވެސް ދެވަނަ ހާފުގެ ކުރީކޮޅުގައި އާނޯލްޑްގެ ބަދަލުގައި ކުޅެން ނުކުތް ނަމަވެސް، މާ ބޮޑު ތަފާތެއް ނުދެއްކުނެވެ. ދެން ގިނަ މީޑިއާތަކުން ފާހަގަކުރީ ތަޖުރިބާކާރު މިޑްފީލްޑަރު ޖޯޑަން ހެންޑަސަން ސްކޮޑަށް ނެގި ނަމަ، އެ މަގާމު ފޫބެއްދޭނެ ކަމަށް ދެއްކި ވާހަކަައެވެ. އެ ހުރިހާ ކަމެއްގެ ތެރެއިން ޕްރެޝަރުގައި ހުރި ސައުތުގޭޓް، ސަޕޯޓަރުންގެ މާޔޫސްކަން ބަލައިގަނެއެވެ.
"އަހަންނަށް ގަބޫލުކުރެވޭ ސަޕޯޓަރުންގެ ކަންބޮޑުވުން. އަހަރެމެން މިއަށްވުރެ ކުޅުން ރަނގަޅުކުރަން ޖެހޭ. އަހަރެމެން މި ކުޅުން ރަނގަޅުކުރަން ވަރަށް ބުރަ މަސައްކަތެއް ކުރަން އެބަޖެހޭ. އަހަރެމެން އުންމީދުކުރި ކުޅުމެއް ނޫން ފެންނަމުން މިދަނީ. ބޯޅަ ހިފަހައްޓައިގެން ކުޅެވޭތަނެއް ނުފެނޭ. އަދި އިދިކޮޅު ޓީމަށް ރަނގަޅަށް ޕްރެސްވެސް ކޮށް ނުލެވޭ،" މާޔޫސްވެފައި ހުރި ސައުތުގޭޓް ރޭ ބުންޏެވެ.
އިންގްލެންޑަށް ދެން ގްރޫޕް ސްޓޭޖުގައި ބާކީ އޮތީ ސްލޮވޭނިއާއާ ދެކޮޅަށް ކުޅޭ މެޗެވެ.
ޔޫރޯ 2024
ޔޫރޯ 2024
ޔޫރޯ 2024