ޔޫއެފާ ޔޫރޯ 2024 ގައި ސްލޮވާކިއާއިން ފުރަތަމަ މެޗުގައި ބެލްޖިއަމް ބަލިކުރެވުމަކީ އެހާ ބޮޑަށް އުފާފާޅުކުރަން ޖެހޭ ކަމެއް ނޫން ކަމަށާއި، އަދި ބޭނުންވާ ޓާގެޓް ހާސިލު ނުވާ ކަމަށް ކޯޗު ފްރެންސެސްކޯ ކަލްޒޯނާ ބުނެފިއެވެ.
ސްލޮވާކިއާއިން މިފަހަރުގެ ޔޫރޯ ފެށީ އެންމެ ސަޕްރައިޒިން މޮޅާ އެކުގައެވެ. ދުނިޔޭ ރޭންކިންގެ ތިންވަނައިގައި އޮތް ވަރުގަދަ ބެލްޖިއަމް 1-0 އިން ބަލިކޮށްފައެވެ. ޗެކޮސްލޮވާކިއާއިން 1976 ވަނަ އަހަރު ޔޫރޯ ކާމިޔާބުކުރި އިރު، އެގައުމުތަކުގެ ތެރޭގައި ސްލޮވާކިއާ ހިމެނުނު ނަމަވެސް، އެ ގަމުން ސްލޮވާކިއާގެ ނަމުގައި ޔޫރޯއަށް ފުރަތަމަ ނުކުތީ 2016 ވަނަ އަހަރުއެވެ. އެފަހަރު ގަދަ 16 އަށް ދިޔަ ނަމަވެސް 2020 ގެ މުބާރާތުން ކެޓީ ގްރޫޕް ސްޓޭޖުންނެވެ.
މިރޭ ސްލޮވާކިއާއިން ޔުކްރެއިނާ ދެކޮޅަށް ކުޅެ މޮޅުވެއްޖެނަމަ އެޓީމަށް ގަދަ 16 ޔަގީންވާނެ އެވެ. އެއީ ޔަގީނުންވެސް އެންމެ ނަތީޖާ ރަނގަޅު ތިންވަނަ ޓީމުތަކުގައި ހިމެނޭނެ ތީއެވެ.
ސްލޮވާކިއާގެ ފެށުން ފުރިހަމަކޮށް ދިއުމުން، ޓީމު ތެރޭގައި އުފާފާޅުކުރުން ކޮންމެވެސް ވަރަކަށް އޮތުމުން، އެ ވިސްނުން ހަމަބިމަށް ތިރިކުރުމަށް ކޯޗު ކަލްޒޯނާ ހުރީ ވިސްނައިގެންނެވެ. ޕްރީ މެޗު ޕްރެސްގައި އޭނާ ކުޅުންތެރިންނަށް ހަނދާންކޮށްދިނީ އަދި އެއްވެސް ކަމެއް މި ޔޫރޯގައި ހާސިލުވި ކަމަށް ބަލައިގެން ނުވާނެ ކަމަށެވެ.
"ބެލްޖިއަމް ބަލިކުރެވުމުން އޭގެ ފަހުން އައި ދެތިން ގަޑިއިރެއް ވަންދެން އަހަރެމެން ޓީމުން ދިޔައީ އުފާފާޅުކުރަމުން. އެހެންވިޔަސް، އަހަރެމެންނަށް އަދި އެއްވެސް މުހިއްމު ކަމެއް ހާސިލެއް ނުވޭ. އަހަރެމެންނަށް ހޯދުނީ ތިން ޕޮއިންޓް. ތިން ޕޮއިންޓަކުން އަނެއް ބުރަށް ދާކަށް ނުފުދޭނެ. އަހަރެމެންގެ ޓާގެޓަކީ ގަދަ 16،" ކަލްޒޯނާ ބުންޏެވެ.
އޭނާ ވަނީ މިދިޔަ ޔޫރޯ 2020 ގައި ޓީމަށް ދިމާވި ހާލަތަށްވެސް ބަލާލައިފައެވެ. އެގޮތުން ސްލޮވާކިއާއިން ފުރަތަމަ މެޗުގައި ޕޮލެންޑް ބަލިކުރި ނަމަވެސް، ގްރޫޕް ސްޓޭޖުން ކެޓީ އޭގެ ފަހުން ސްވިޑެންއާއި ސްޕެއިން އަތުން ބަލިވެގެން ކަމަށް ފާހަގަކުރިއެވެ.
ސްލޮވާކިއާއާއި ޔުކްރެއިން ބައްދަލުކުރާ ގްރޫޕް ސްޓޭޖު މެޗު އޮންނާނީ މިއަދު ހަވީރު ރާއްޖެ ގަޑިން 6:00 ގައެވެ.
ޔޫރޯ 2024
ޔޫރޯ 2024
ޔޫރޯ 2024