ޔޫއެފާ ޔޫރޯ 2024 ގައި އިންގްލެންޑުން މިރޭ ކުޅުނު މެޗުގައި ޑެންމާކާ އެއްވަރުވެއްޖެއެވެ.
ގްރޫޕް ސީގައި މިރޭ، ފްރޭންކްފާޓް ދަނޑުގައި ކުޅުނު މެޗުގައި އިންގްލެންޑާއި ޑެންމާކު އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ.
މިރޭގެ މެޗަށް ނުކުތް އިރު، ތިން ޕޮއިންޓާއެކު ގަދަ 16 ޔަގީން ކުރެވެން އިންގްލެންޑަށް އޮތެވެ. އިންގްލެންޑުން ފުރަތަމަ ކުޅުނު މެޗުގައި. ސާބިއާ އަތުން 1-0 އިން މޮޅުވެފައި އޮތުމުން މިރޭގެ މެޗުން ގަދަ 16 ގެ ފުރުސަތު އޮތީ ބޮޑު ކޮށެވެ. ސާބިއާއާ ދެކޮޅަށް އިންގްލެންޑުން ކުރީކޮޅުގައި ލީޑު ނެގި ނަމަވެސް، ފަހުން އެންމެ އެކަށީގެންވާ ކުޅުމެއް ދެއްކިފައެއް ނުވެއެވެ. އެކަމަށް ފާޑުކިޔުން އަމާޒުވެ، މެޗުގެ ކުރިއަށް އިންގްލެންޑަށް ޕްރެޝަރުވެސް އޮތެވެ.
އަނެއްކޮޅުން ނުކުތްޑެންމާކަށްވެސް މިފަހަރު ފެށުން އެހާ ރަނގަޅެއް ނުވިއެވެ. މިދިޔަ ޔޫރޯގެ ސެމީގައި ޑެންމާކާއި އިންގްލެންޑް ވާދަކޮށް، އިންގްލެންޑް ކުރި ހޯދި އިރު، މިފަހަރު އެޓީމުން ފުރަތަމަ ކުޅުނު މެޗުގައި ސްލޮވޭނިއާ ކައިރިން އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ.
މެޗުގެ ފެށިގެން ޕިއޭ-އެމީލް ހޮއިބިއޭ ދޮރުން އުފެއްދި ހަމަލާ ޖޯޑަން ޕިކް ފޯޑު މަތަކުރި އިރު، އެ ހަމަލާއިންވެސް ޑެންމާކުގެ ބޭނުން ސާފުވިއެވެ. އެޓީމުން ބޮޑަށް ބެލީ އެހާ ބޮޑަށް އެތެރަށް ވަދެ ހަމަލާތައް އުފެއްދުމުގެ ބަދަލުގައި ދުރުން ހަމަލާ އަމާޒު ކުރެވޭތޯއެވެ.
ފުރަތަމަ ކޮޅުގައި އިންގްލެންޑަށް ހަމަޖެހިލަން އުނދަގޫވެގެން ގޮސްފައިވީ ނަމަވެސް، މެޗުގައި ބޮޑަށް ނުރައްކާ ކުރަން ފެށީ އިންގްލެންޑުންނެވެ. ކުރީކޮޅުގައި ފިލް ފޮޑެންއަށް ލިބުނު ފުރުސަތެއް އޭނާ ބޭކާރު ކޮށްލާފައިވާ އިރު، 18 ވަނަ މިނެޓުގައި ލީޑުވެސް ނެގިއެވެ. ކައިލް ވޯކާ ދިން ބޯޅަ، ޕެނަލްޓީ އޭރިއާ ތެރެއިން ޑެންމާކްގެ ޑިފެންޑަރުންނަށް ރަނގަޅަށް ދިފާއުނުކުރެވުމާއެކު އިންގްލެންޑަށް އެ ގޯލު ކާމިޔާބުކޮށްދިނީ ކެޕްޓަން ހެރީ ކޭނެވެ. ކޭން މިހާތަނަށް ޔޫރޯގައި ހަތަރު ގޯލު ޖެހިއިރު، އެންމެފަހުން އިންގްލެންޑުން ކުޅުނު ބޮޑު ހަތަރު މުބާރާތުގައިވެސް އޭނާ ގޯލު ޖެހިއެވެ.
އިންގްލެންޑަށް އެ ގޯލާއެކު ހަމަޖެހިލާން ފުރުސަތު ލިބުނު ނަމަވެސް، މާ ގިނައިރެއް ނުވެ ޑެންމާކުން ޖަބާވުދީ ހާފު ނިމުމުގެ ކުރިން މެޗު އެއްވަރުކުރިއެވެ. މެޗުގެ 34 ވަނަ މިނެޓުގައި ޑެންމާކުން އެޓީމުގެ ސަޕޯޓަރުން ކައްކާލިއެވެ. އިންގްލެންޑަށް ގަބޫލުވެސް ކުރަން ދަތި ހިތްގައިމު ގޯލަކުންނެވެ. ވިކްޓާ ކްރިސްޓިއަންސެން ދިން ބޯޅަ، އޭރިއާގެ ބޭރުން ފޮނުވާލައިގެން ޑެންމާކަށް ގޯލު ކާމިޔާބުކޮށްދިނީ މޯޓެން ހިޖޫލްމަންޑެވެ. އޭނާގެ ބާރު ހަމަލާ ގޯލުގެ ތެރެއަށް ވަދެފައިވަނީ އިންގްލެންޑް ގޯލުގެ އަރިމަތީ ދަނޑީގައި ޖެހިފައެވެ.
ދެވަނަ ހާފު ފެށިގެން ދެޓީމުގެ ފަރާތުންވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެން ގޮސްފައިވާ އިރު، ހާފުގެ ކުރީކޮޅުގައި އިންގްލެންޑުން ލީޑު ނެގުމާ ގާތަށް ޖެހިލިއެވެ. ބުކަޔޯ ސަކާ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ބޭރުން ފޮޑެން ފޮނުވާލި ބާރު ހަމަލާ އަމާޒުވީ ޑެންމާކް ގޯލުގެ އަރިމަތީ ދަނޑިއަށެވެ. ޕެނަލްޓީ އޭރިއާ ތެރެއިން ސަކާއަށް ރީބައުންސް ބޯޅަ ލިބުނު ނަމަވެސް، އޭނާގެ ހަމަލާ ޑެންމާކުގެ ގޯލާ އަމާޒުވެފައެއް ނުވެއެވެ.
އޭގެފަހުން ބަދަލަކަށް އެރި އޮލޭ ވޮޓްކިންސްގެ ހަމަލާއެއް އިންގްލެންޑް ފަރާތުން ފެނިގެން ދިޔަ ނަމަވެސް، ބޮޑަށް ނުރައްކާކޮށް ފެނުނީ ޑެންމާކެވެ. އެޓީމުގެ ހޮއިބިއޭ ދުރުން ފޮނުވާލި ބޯޅައެއް ގޯލުގެ މަތީ ދަނޑިކައިރިން ބޭރަށް ދިޔަ އިރު، އޭނޭގެ ބާރު ހަމަލާއެއް ޕިކްފޯޑު މަތަވެސް ކުރިއެވެ.
އޭގެފަހުން ބަދަލުތައް ގެނެސްވެސް އިންގްލެންޑަށް އެކަށީގެންވާ ހަމަލާތަކެއް އުފެއްދިފައި ނުވާ އިރު، އެޓީމުން ދެން ނުކުންނަން ޖެހޭނީ ސްލޮވޭނިއާއާ ދެކޮޅަށެވެ.
ޔޫރޯ 2024
ޔޫރޯ 2024
ޔޫރޯ 2024