މާލެ ސިޓީ ކައުންސިލްގެ ބައި އިލެކްޝަންގައި ސިޓީ ކައުންސިލުން ހުސްވެފައިވާ ތިން ގޮނޑިއަށް ވާދަކުރަނީ އެމްޑީޕީ އާއި ޕީއެންސީއިން އެކަންޏެވެ.

އަންނަ ޖުލައި މަހުގެ 20 ވަނަ ދުވަހު ބާއްވަން ހަކަޖެހިފައިވާ މި އިންތިހާބަކީ ކައުންސިލުން ހުސްވެފައިވާ މައްޗަންގޮޅި މެދު ދާއިރާ އާއި ހެންވޭރު ހުޅަނގު ދާއިރާގެ އިތުރުން ހުޅުމާލެ ދާއިރާގެ ގޮނޑިއަށް މެންބަރު އިންތިހާބު ކުރުމަށް ބާއްވާ އިންތިހާބެކެވެ.

މި އިންތިހާބުގައި މާލެ ސިޓީ ކައުންސިލްގެ މައްޗަންގޮޅި މެދު ދާއިރާއަށްް ވެރިކަން ކުރާ ޕީއެންސީގެ ފަރާތުން ކުރިމަތިލާފައި ވަނީ، ނިމިދިޔަ ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ވާދަކުރުމަށް ޕީއެންސީއިން ބޭއްވި ޕްރައިމަރީއިން ނާކާމިޔާބުވުމުން އަމިއްލަ ގޮތުން ވާދަކުރި ފާތިމަތު އިޝާން އަލީ، އައިނާއެޑަމްސް / މާލެއެވެ. އެމްޑީޕީން ކުރިމަތިލާފައި ވަނީ ހައްވާ ޝިފާނާ، މއ. ރިހިރާޅުގެއެވެ.

ހެންވޭރު ހުޅަނގު ދާއިރާގެ ގޮނޑިއަށް ޕީއެންސީން ކުރިމަތިލާފައި ވަނީ ފާތިމަތު ޝައުފާ ސަލީމް، ހ. އިސްފަހާންއެވެ. އެމްޑީޕީން ކުރިމަތިލާފައި ވަނީ، މުހައްމަދު އަލީ ޖިނާދު، ހ. ގްރީންޒެސްޓްއެވެ.

މީގެ އިތުރުން ހުޅުމާލެ ދާއިރާ ދާއިރާގެ ގޮނޑިއަށް ޕީއެންސީން ކުރިމަތިލާފައި ވަނީ، އަލީ އައިމަން، ހ. ފުޖޭރާއެވެ. އެމްޑީޕީން ކުރިމަތިލާފައި ވަނީ އަހްމަދު ރަޝީދު (ތުތީ)، ހުޅުމާލެ. މާވަހަރު ތިނެކެވެ.

މި ތިން ދާއިރާގެ ބައި އިލެކްޝަންވެސް ބާއްވަނީ ކުރިން މި ދާއިރާތައް ތަމްސީލްކުރި ކައުންސިލް މެންބަރުން ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރައްވައި މަޖިލީހަށް އިންތިހާބުވެ ވަޑައިގަތުމާ ގުޅިގެންނެވެ.