ޔޫއެފާ ޔޫރޯ 2024 ގެ ގްރޫޕް އޭގައި މިރޭ ސްކޮޓްލޭންޑާއި ސްވިޒަލޭންޑް 1-1 އިން އެއްވަރުވެއްޖެއެވެ.

ކޮލޯން ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗަށް ނުކުތް އިރު، ސްކޮޓްލޭންޑަށް މުބާރާތުގެ ފެށުން ދިޔައީ ގޯސްކޮށެވެ. އެއީ ހޯސްޓް ޖަރުމަނު ކައިރިން 5-1 އިން ބަލިވުމުންނެވެ. އެޓީމުން މިރޭ ނުކުތީ އަލުން މުބާރާތުގައި އުންމީދެއް ހޯދުމަށެވެ. އެކަމަށް އެންމެ މަދުވެގެންވެސް ޕޮއިންޓެއް ހޯދަން ޖެހޭކަން ސްކޮޓްލޭންޑަށްވެސް އެނގެއެވެ. އަނެއްކޮޅުން ނުކުންނަ ސްވިޒަލޭންޑް އޮތީ ފުރަތަމަ މެޗުގައި ހަންގޭރީ ކައިރިން 3-1 އިން މޮޅުވެފައެވެ. މިރޭގެ މެޗުން މޮޅުވެ، އެންމެ މޮޅު ދެ ޓީމުގެ ތެރޭގައި ގަދަ 16 ޔަގީންކުރަން އެޓީމަށް ފުރުސަތު އޮތެވެ.

މެޗުގެ ފުރަތަމަ ހާފު ފެނުނީ ދާދި ހަމަހަމަ، ފޯރިގަދަ ހާފެއްގެ ގޮތުގައެވެ. ދެޓީމުންވެސް ހަލުވި އެޓޭކްތަކަކަށް މަސައްކަތް ކޮށް، ކުޅުނީ ދާދި އެއްގޮތް ކުޅުމެކެވެ. ފުރަތަމަ 10 ވަރަކަށް މިނެޓުގައި ހަމަލާއެއް ނުފެނުނު ނަމަވެސް، 13 ވަނަ މިނެޓުގައި ސްކޮޓްލޭންޑުން ލީޑު ނެގިއެވެ. އެ ގޯލަކީ ސްވިޒަލެންޑްގެ ފަބިއަން ޝާ އަތުން ބައިކޮޅަށް ވަން ގޯލެކެވެ.

އޭނާ އަތުން ބައިކޮޅަށް ގޯލު ވަދެފައިވަނީ، ކައުންޓާ އެޓޭކެއްގައި ސްކޮޓްލެންޑުން ކުރިއަށް ގޮސް، ކެލަމް މެކްގްރެގާ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ސްކޮޓް މެކްޓޮމިނޭ ފޮނުވާލި ހަމަލާ ދިފާއުކުރަން އުޅުމުގެ ތެރޭގައެވެ.

އެ ގޯލާއެކު ސްކޮޓްލޭންޑުން މެޗު ރަނގަޅަށް ފެށި ނަމަވެސް، އެޓީމަށް ހަމަޖެހިލަން މާ ގިނަ ވަގުތެއް ނުދިނެވެ. 26 ވަނަ މިނެޓުގައި ތަޖުރިބާކާރު ފޯވަޑް ޒާޑަން ޝަކީރީ ޖެހީ ރީތި ގޯލެކެވެ. ސްކޮޓްލެންޑްގެ އެންތޮނީ ރަލްސްޓަން އަތުން ހެދުނު ގޯހެއްގެ ފައިދާ ނަގައި، ޕެނަލްޓީ އޭރިއާ ބޭރުން ޝަކީރީ ފޮނުވާލި ބޯޅަ އަމާޒުކޮށްލީ ސްކޮޓްލެންޑް ގޯލުގެ މަތީ ކަނަކަށެވެ. ޝަކީރީ ވަނީ ސްވިޒަލޭންޑުން އެންމެފަހުން ކުޅުނު ހަ މުބާރާތުގައިވެސް ގޯލު ޖަހައި، އެގައުމަށް ރެކޯޑު ހަދައިފައެވެ.

ސްވިޒަލޭންޑްގެ ގޯލާއެކު އެޓީމުގެ ނުރައްކާ އިތުރުވިއެވެ. ފޯވަޑް އެންޑޯއީގެ ދެ ހަމަލާއެއް ސްކޮޓްލޭންޑްގެ ގޯލްކީޕަރު އަންގުސް ގަން ދިފާއުކުރި އިރު، އެންޑޯއި ފޮނުވާލި ބޯޅައެއް ގޯލަށްވެސް ވަނެވެ. އެހެން ނަމަވެސް، އެ ބޯޅައަށް މަސައްކަތް ކުރިއިރު އޭނާ އޮތީ އޮފްސައިޑް މަގާމެއްގައެވެ.

މެޗުގެ ދެވަނަ ހާފުގައިވެސް ހަމަލާތައް މަދުކޮށް ފެނުނު އިރު، 67 ވަނަ މިނެޓުގައި އެންޑްރޫ ރޮބާޓްސަން ނަގައިދިން ހިލޭ ޖެހުމުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ގްރާންޓް ހަންލޭ ބޮލުން ފޮނުވާލި ހަމަލާ އަމާޒުވީ ސްވިޒަލެންޑް ގޯލުގެ އަރިމަތީ ދަނޑިއަށެވެ. މެޗުގެ ފަހުކޮޅުގައި ސްވިޒަލޭންޑުން ގޯލެއް ޖެހޭތޯ ބޮޑަށް ނުރައްކާކުރިއެވެ.

މެޗުގެ 82 ވަނަ މިނެޓުގައި ސްވިޒަލެންޑް ފޯވަޑް ބްރީލް އެމްބޯލާ ބޯޅަ ހިފައިގެން ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު ކީޕަރު ގަންގެ ބޯމަތިން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލި ނަމަވެސް، ރެފްރީ ނިންމީ އޭނާ އޮފްސައިޑް މަގާމެއްގައި ހުރި ކަމަށެވެ. އަދި އޭގެފަހުން ފަބިއަން ރީޑާ ނަގައިދިން ހިލޭ ޖެހުމަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ޒެކީ އަމްދޫނީ ބޮލުން ފޮނުވާލި ހަމަލާ ދިޔައީ ސްކޮޓްލެންޑް ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ.

ސްކޮޓްލޭންޑުންވެސް އެންމެފަހު މިނެޓާ ޖެހެންދެންވެސް ގޯލަކަށް މަސައްކަތް ކޮށްފައިވީ ނަމަވެސް، މެޗުގައި އިތުރު ގޯލެއް ނުފެނި، ދެޓީމަށްވެސް ޖެހުނީ ޕޮއިންޓަކުން ފުއްދާލާށެވެ. ސްވިޒަލޭންޑަށް މިހާރު ގަދަ 16 އަށް ބޮޑު އުންމީދެއް އޮތް އިރު، ސްކޮޓްލޭންޑަށް ދެން ޖެހޭނީ ފަހު މެޗުގައި މޮޅެއް ހޯދާށެވެ.