ޔޫއެފާ ޔޫރޯ 2024 ގައި މިރޭ ހޯސްޓް ޖަރުމަނުން ހަންގޭރީ ބަލިކޮށް، ގަދަ 16 ޔަގީންކޮށްފިއެވެ.
ސްޓަޓްގާޓް ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ޖަރުމަނުން ހަންގޭރީ ބަލިކުރީ 2-0 ގެ ނަތީޖާއަކުންނެވެ.
ޖަރުމަނުން މިފަހަރުގެ މުބާރާތް ފެށީ ފުރަތަމަ މެޗުގައި ސްކޮޓްލޭންޑް 5-1 އިން ބަލިކޮށްގެން ރަނގަޅު ފޯމެއްގައެވެ. އެޓީމުން ޔޫރޯގެ އެންމެ ޒުވާން ކޯޗު، ޖޫލިއަން ނަގެލްސްމަން، 36، އާއެކު މުބާރާތަށް ނުކުމެ، ފުރަތަމަ މެޗުގައި ދައްކުވާލީ ފެންވަރެވެ. އެ ހިސާބުން އެޓީމަކީ ފެވަރިޓެއްގެ ގޮތުގައި ނަން ލިޔެލިއެވެ. މިރޭ ޖަރުމަނުން ނުކުތީ މެޗުން މޮޅުވެ، އަނެއް ބުރަށް ދާން ފުރުސަތު ހޯދުމަށެވެ. އަނެއްކޮޅުން ހަންގޭރީ އޮތީ ފުރަތަމަ މެޗުގައި ސްވިޒަލޭންޑް ކައިރިން 3-1 އިން ބަލިވެފައެވެ. އެހެންކަމުން އެޓީމު މިރޭ ނުކުތީ މަޖުބޫރު މޮޅަކަށެވެ.
މިރޭގެ ނަތީޖާއާއެކު ޖަރުމަނަށް ގްރޫޕް އޭގައި ދެ މެޗުން ހަ ޕޮއިންޓް ލިބިފައިވާ އިރު، އެހެން ގްރޫޕްތަކުގެ ނަތީޖާ ނުކުންނަން އޮތް ގޮތަށް ބަލާ އިރު، ޖަރުމަނަށް ވަނީ ގަދަ 16 ޔަގީންވެފައެވެ. އެއީ އެންމެ ދަށްވެގެންވެސް އެންމެ ނަތީޖާ ރަނގަޅު ތިންވަނަ ޓީމުތަކުގެ ތެރޭގައި އެޓީމު ހިމެނޭނެކަން ޔަގީންވުމުންނެވެ. ޖަރުމަނަށް މިހާރު އޮތް ގޮތުން ފަސޭހައިން އެއްވަނަވެސް ހޯދޭނެއެވެ. އަދި މިރޭ ސްވިޒަލޭންޑާއި ސްކޮޓްލޭންޑް ކުޅޭ މެޗުގެ ނަތީޖާއިން އެޓީމަށް ގަދަ ދޭއް ޔަގީންވުމުގެ ފުރުސަތުވެސް އެބައޮތެވެ.
މިރޭގެ މެޗުގެ ފުރަތަމަ މިނެޓުގައި ޖަރުމަނުގެ ފަހަތުން ގޯހެއް ހެދިއެވެ. ޑިފެންޑަރު ޖޯޝުއާ ކިމިޗަށް ހެދުނު ގޯހަކުން ޕެނަލްޓީ އޭރިއާ ތެރެއިން ހަންގޭރީގެ ރޮލަންޑް ސަލާއީ ނުރައްކާކުރުމުގެ ކުރިން ޖަރުމަން ކީޕަރު މެނުއަލް ނޯޔާ ވަނީ ކުރިއަށް ޖެހި ބޯޅަ ސާފު ކޮށްލައިފައެވެ. އޭގެފަހުން ޖަރުމަނުން ސަމާލުކަން އިތުރުކޮށް މެޗަށް ވަނުމަށް ބޯޅަ ގިނަ ވަގުތު ގެންގުޅުނެވެ. ނަތީޖާވެސް ރަނގަޅެވެ.
ކުއްލިއަކަށް ޖަރުމަނަށް ދިރުން ލިބި ހަމަލާތައް އުފައްދަން ފެށިއެވެ. ކައި ހަވާޓްސް ޑިފެންޑަރު އަތުން ހޯދައި، ފޮނުވާލި ވޮލީ މަތަކުރީ ހަންގޭރީގެ ގޯލްކީޕަރު ޕީޓާ ގުލާޗީއެވެ. އޭގެ 10 ވަރަކަށް މިނެޓް ފަހުން، މެޗުގެ 22 ވަނަ މިނެޓުގައި ޖަރުމަނުން ލީޑު ނެގިއެވެ. އެ ގޯލު ޖެހީ މިފަހަރު ޔޫރޯގައި ވިދުން ގަދަކޮށް ފެންނަމުންދާ ޖަމާލް މުސިއާލާއެވެ.
ޕެނަލްޓީ އޭރިއާ ތެރެއިން ހަންގޭރީގެ ޑިފެންސަށް ރަނގަޅަށް ދިފާއުނުކުރެވުމާއެކު އިލްކޭ ގުންޑޮގަން ދިން ބޯޅައަކުން މުސިއާލާ ގޯލަށް ބޯޅަ ވައްދާލީ ފަސޭހަކޮށެވެ.
އޭގެފަހުން ޖަރުމަނުގެ މާ ބޮޑު ނުރައްކަލެއް ފުރަތަމަ ހާފުގައި ނުފެނުނު ނަމަވެސް، ހަންގޭރީން އެއްވަރުނުކުރީ ކިރިޔާއެވެ. ނޯޔާގެ ޑަބަލް ސޭވެއްވެސް ފެނިގެންދިޔައެވެ. ހިލޭ ޖެހުމަކުން ކެޕްޓަން ޑޮމިނިކް ސޮބޮސްލާއީ ފޮނުވާލި ބާރު ހަމަލާ، ނޯޔާ މަތަކޮށް، ރީބައުންސް ބޯޅައިން ޕެނަލްޓީ އޭރިއާ ތެރެއިން ހަންގޭރީގެ ބެރްނަބާސް ވާގާ ފޮނުވާލި ހަމަލާ ވެސް އޭނާ ދިފާއުކުރިއެވެ.
އަދި ހާފު ނިމެން ދަނިކޮށް، ސޮބޮސްލާއީ ނަގައިދިން ހިލޭ ޖެހުމަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ވިލީ އޯބާން ބޮލުން ފޮނުވާލި ހަމަލާ، ޖަރުމަން ކީޕަރު ނޯޔާ މަތަކުރި އިރު، ރީބައުންސް ބޯޅައިން ރޮލަންޑް ސަލާއީ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާވެސް ލިއެވެ. އެހެންނަމަވެސް ރެފްރީ ނިންމީ އޮފްސައިޑް ކަމަށެވެ.
ދެވަނަ ހާފުގެ ކުރީކޮޅުގައި ޖަރުމަނުން ތަންކޮޅެއް ބޮޑަށް މެޗުގެ ޓެމްޕޯ ދަށްކޮށް ފެށި ނަމަވެސް، 55 ވަނަ މިނެޓުގައި އިތުރު ގޯލަކާ ގާތަށް ޖެހިލިއެވެ. ޕެނަލްޓީ އޭރިއާ ތެރެއިން ގުންޑޮގަން ފޮނުވާލި ހަމަލާ، ހަންގޭރީ ކީޕަރު ގުލާޗީ މަތަކުރި އިރު، އޭގެ ފަހުން ޕެނަލްޓީ އޭރިއާ ބޭރުން ކްރޫސް ފޮނުވާލި ހަމަލާ، ބްލޮކްވެގެން ގޯލާ އަމާޒުވާން ދަނިކޮށް، އެ ބޯޅަވެސް ގުލާޗީ މަތަކުރިއެވެ.
ޖަރުމަނުން މެޗުގައި ލީޑު ފުޅާކުރީ 67 ވަނަ މިނެޓުގައެވެ. މެކްސިމިލިއަން މިޓެލްސްޓާޑް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ ފޮނުވާލި ހަމަލާއަކުން ޖަރުމަނަށް އެ ގޯލު ކާމިޔާބުކޮށްދިނީ ކެޕްޓަން ގުންޑޮގަންއެވެ. އެ ގޯލާއެކު ޖަރުމަނަށް ތިން ޕޮއިންޓް ގާތްގަނޑަކަށް ޔަގީންވެ، އެޓީމުން ޔަގީންކަމާއެކު ކުޅެން ފެށިއެވެ.
ތިންވަނަ ގޯލަކަށް ލެރޯއީ ސާނޭ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ބޭރުން ކިމިޗް ފޮނުވާލި ހަމަލާ، ހަންގޭރީ ކީޕަރު ގުލާޗީ މަތަކޮށްފައިވާ އިރު، އޭގެފަހުން ބަދަލަކަށް ނުކުތް ނިކްލަސް ފުލްކްރުގް ފޮނުވާލި ހަމަލާ ގޯލަށް އަމާޒުވާ ގޮތެއް ނުވިއެވެ.
ޔޫރޯ 2024
ޔޫރޯ 2024
ޔޫރޯ 2024