ސްކޮޓްލޭންޑުން ޖަރުމަނާ ދެކޮޅަށް ނުކުތް މެޗުގައި މާބޮޑަށް ޖެހިލުންވެ ބިރުގަތް ކަމަށާއި، އެ ބިރު ކަނޑާލަން ޖެހޭ ކަމަށް ކެޕްޓަން އެންޑީ ރޮބަޓްސަން ބުނެފިއެވެ.
މިފަހަރުގެ ޔޫރޯގައި ސްކޮޓްލޭންޑުން ކުޅުނު ފުރަތަމަ މެޗުގައި ޖަރުމަނު ކައިރިން ބަލިވީ 5-1 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. އެއީ މިހާތަނަށް ޔޫރޯ ހުޅުވި މެޗެއްގައި ޓީމަކުން ކުރިމަތިލި އެންމެ ބޮޑު ބައްޔެވެ. އެ ބައްޔާއެކު ސްކޮޓްލޭންޑަށް މިރޭ ސްވިޒަލޭންޑާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވާން ޖެހެއެވެ. ނޫންނަމަ ދެން ގަދަ 16 އަށް ދެވޭނީ ވަރަށް ހަނި ފުރުސަތަކުން އެކަންޏެވެ. އެ ޗެލެންޖަށް ނުކުންނަ އިރު، ބިރު ކަނޑާލަން ޖެހޭ ކަމަށް ކެޕްޓަން ރޮބަޓްސަން ބުނެފައިވެއެވެ.
"ވެދާނެ ފުރަތަމަ މެޗުގައި އެހާ ވަރުގަދަ ހޯސްޓް ގައުމަކާ ދެކޮޅަށް ނުކުންނަން ޖެހުނީމަ ޖެހިލުންވީ ކަމަށްވެސް. އެންމެންނަށްވެސް ފެންނާނެ ކޮލިފައިން މެޗުތައް. އަހަރެމެން ޓީމުން ކުޅުނީ ވަރަށް ބޮޑަށް ޔަގީންކަމާއެކު. އަހަރެމެން ހުރިހާ ބޯޅައަކަށް މަސައްކަތްވެސް ކުރިން. ޖަރުމަނާ ދެކޮޅަށް އަހަރުމެން ޖެހިލުންވި. އެ ބިރު ކަނޑާލަން ޖެހޭ،" ލިވަޕޫލްގެ ޑިފެންޑަރު ރޮބަޓްސަން ބުންޏެވެ.
ރޮބަޓްސަން ބުނީ އެއީ އަސްލު ސްކޮޓްލޭންޑްގެ ފެންވަރު ނޫންކަން މުޅި ގައުމަށްވެސް އެނގޭނެ ކަމަށާއި، އެ ބަދަލު ސްވިޒަލޭންޑް މެޗަށް ގެންނަން ބޭނުންވާ ކަމަށެވެ.
ސްކޮޓްލޭންޑުން މީގެ 366 ދުވަސްކުރިން ޔޫރޯ ކޮލިފިކޭޝަން ޔަގީންކުރީ ނޯވޭ ކަޓުވާލައިފައެވެ. އޭގެފަހުން ޓީމު ރަނގަޅު ފޯމަކަށް އެޅިފައެއް ނުވެއެވެ. އެންމެފަހުން ކުޅުނު 11 މެޗުގެ ތެރެއިން ސްކޮޓްލޭންޑަށް މޮޅުވެވުނީ އެންމެ ދެ މެޗުންނެވެ.
ޔޫރޯ 2024
ޔޫރޯ 2024
ޔޫރޯ 2024