ޔޫރޯ 2024ގެ ފުރަތަމަ ބުރުގެ ކުޅުން ނިމިއްޖެއެވެ. ހުރިހާ ޓީމުތަކެއްވެސް ތައާރަފުވެލައިފިއެވެ. ފުރަތަމަ ބުރުން ތަފާތަކަށް ފާހަގަވި ބައެއް ކަންތައްތަކުގެ ތެރޭގައި ޒުވާން ކުޅުންތެރިންނާއި އަލަށް ތައާރަފުވި ކުޅުންތެރިންގެ ވިދުން ގަދަކަން ހިމެނެއެވެ. ފުރަތަމަ ރޭން ފެށިގެންވެސް އެ ސިލްސިލާ މިދަނީ ކުރިއަށެވެ. އެ ސިލްސިލާއަށް އިތުރު ބޮޅެއް ރޭ އިތުރުވެގެންވެސް ދިޔައެވެ.

ތުރުކީން ރޭ 3-1 އިން ޖޯޖިއާ ބަލިކުރި މެޗުގައި، ދެވަނަ ފަހަރަށް ތުރުކީއަށް ލީޑު ނަގައިދިނީ އުމުރުން 19 އަހަރުގެ އަރްދާ ގޫލާއެވެ. ރެއާލް މެޑްރިޑްގެ "ވޮންޑަ ކިޑް" އަރްދާ ރޭގެ މެޗުގައި ޖެހި ގޯލަކީ މިހާތަނަށް މިފަހަރުގެ ޔޫރޯގައި ޖެހި އެންމެ ހިތްގައިމު އެއް ގޯލެވެ. އޭރިއާ ބޭރުން އޭނާ ބޯޅަ އަމާޒުކޮށްލީ ސީދާ ކަނަށެވެ.

"ތުރުކީ މެސީ"ގެ ނަމުން މަގުބޫލު އަރްދާ ޔޫރޯގައި ކުޅުނު ފުރަތަމަ މެޗަކީވެސް ރޭގެ މެޗެވެ. އޭނާވެފައި ވަނީ ޔޫރޯގައި ކުޅުނު ފުރަތަމަ މެޗުގައި ގޯލު ޖެހި ތިންވަނަ ޓީނޭޖް ކުޅުންތެރިޔާއަށެވެ. މީގެ ކުރިން އެ ޝަރަފު ހޯދާފައި އޮތީ ހަންގޭރީގެ ފެރެންކް ބެނޭއާއި ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. ބެނޭ ގޯލު ޖެހީ ސްޕެއިން ކޮޅަށެވެ. އެއީ 1964 ވަނަ އަހަރުއެވެ. ރޮނާލްޑޯ ކުޅުނު ފުރަތަމަ ޔޫރޯ 2004 ވަނަ އަހަރު ގްރީސް ކޮޅަށް ޖެހީވެސް 20 ޔާޑު ދުރުން މޮޅު ގޯލެކެވެ. އެ ލެޖެންޑުންނާ އެއް ހަމައަކަށް ޖެހިލި އަރްދާއަކީ މިހާރު ޔޫރޯ ތާރީހުގައިވެސް ފުރަތަމަ ކުޅުނު މެޗެއްގައި ގޯލު ޖެހި އެންމެ ޒުވާން ކުޅުންތެރިޔާއެވެ.

ތުރުކީގެ އުންމީދުތަކާ ގުޅިފައިވާ އަރްދާގެ ވާހަކަ ނުނިމެނީސް، އޭގެ ދެ ގަޑިއިރެއްހާއިރު ފަހުން އިތުރު ތަރިއެއްވެސް ރޭ ފެނިގެން ދިޔައެވެ. މުބާރާތުގެ އެއް ފެވަރިޓުން ކަމަށްވާ ޕޯޗުގަލްއިން ޗެކު ރިޕަބްލިކާ 1-1 އިން އެއްވަރުވާން ދަނިކޮށް، ޕޯޗުގަލް މޮޅުކޮށްދިނީ ބެންޗުން ނުކުތް ފްރެންސިސްކޯ ކޮންސެސާއޯއެވެ. ކޮންސެސާއޯ ގޯލު ޖެހީ މެޗަށް ނުކުތްތާ 111 ސިކުންތު ތެރޭގައެވެ. އޭނާގެ އުމުރަކީ އެންމެ 21 އަހަރެވެ. އެއީ ކޮންސެސާއޯ ގައުމީ ޓީމަށް ޖަހައިދިން ފުރަތަމަ ގޯލުވެސް މެއެވެ.

ޔޫރޯއަށް މިފަހަރުވެސް ނުކުތް، ރޮބާޓް ލެވަންޑޯސްކީއާއި ލޫކާ މޮޑްރިޗް، ކްރިސްޓިއާނޯ ރޮނާލްޑޯގެ އިތުރުން އުމުރުން 41 އަހަރުގެ ޕެޕޭވެސް ބައިނަލްއަގުވާމީ ކެރިއަރު ނިންމާލުމާ ގާތަށް ޖެހިލާފައިވާ އިރު، ޒުވާން ތަރިންގެ ކުޅުމުން އުންމީދު ގެނެސްދެއެވެ. ރޭގެ އިތުރުން ގްރޫޕް ސްޓޭޖުގައި މީގެ ކުރިންވެސް ވަނީ ވިދުންގަދަ ޒުވާން ތަރިން ފެނިފައެވެ.

އެ ކުޅުންތެރިންގެ ތެރޭގައި ފުރަތަމަ ޖަރުމަނުން މޮޅުވި މެޗުގައި ތަފާތު ދެއްކި އުމުރުން 21 އަހަރުގެ ޖަމާލް މުސިއާލާއި، އެމެޗުގައި މޮޅަށް ކުޅުނު ޖަރުމަނުގެ 21 އަހަރުގެ މިޑްފީލްޑަރު ފްލޯރިއަން ވާޓްޒްގެ އިތުރުން އެންމެ 16 އަހަރުގެ ސްޕެއިން ވިންގް. ލަމީން ޔަމާލާއި އިންގްލެންޑްގެ 20 އަހަރު މިޑްފީލްޑަރު ޖޫޑް ބެލިންހަމް ހިމެނެއެވެ. ހުސް ތަރިންނެވެ. އުމުރުން ހަގަކަސް ކުޅަދާނައެވެ.