ޔޫއެފާ ޔޫރޯ 2024 ގެ ގްރޫޕް ބީގައި ކްރޮއޭޝިއާއިން ކުޅޭ ދެވަނަ މެޗުގައި މިރޭ ނުކުންނާނީ އަލްބޭނިއާއާ ދެކޮޅަށެވެ. މެޗަށް ނުކުންނަ އިރު ކްރޮއޭޝިއާ އޮތީ ފުރަތަމަ މެޗުގައި ސްޕެއިން ކައިރިން 3-0 އިން ބަލިވެފައެވެ. އަލްބޭނިއާ އޮތީ އެންމެފަހުގެ ޗެމްޕިއަން އިޓަލީ ކައިރިން 2-1 އިން ބަލިވެފައެވެ.
މިރޭގެ މެޗުގެ ކުރިން ޕްރި މެޗު ޕްރެސް ކޮންފަރެންސްގައި އަލްބޭނިއާއާ ގުޅޭ ގޮތުން ވާހަކަ ދެއްކުމުގެ ކުރިން ކްރޮއޭޝިއާގެ ކޯޗު ޒްލަޓްކޯ ޑަލިޗްގެ ބަހުގެ ހަމަލާ އަމާޒުކުރީ އިންގްލެންޑަށެވެ. ކްރޮއޭޝިއާއަށް އިހުތިރާމް ކުޑަކުރާ ވާހަކަ ދައްކަމުން ޑަލިޗް ބުނީ، 1966 ވަނަ އަހަރު ވޯލްޑް ކަޕްގެ ފަހުން މިދިޔަ 58 އަހަރު ތެރޭގައި އިންގްލެންޑަށް ހޯދުނީ އެންމެ ރިހި މެޑަލްއެއް ކަމަށާއި، އެ މުއްދަތުގައި ކްރޮއޭޝިއާއިން ތިން މެޑަލް ހޯދާފައިވާ ކަމަށެވެ.
"ތްރީ ލަޔަންސްއަކީ އެންމެ އަގުހުރި ޓީމު ކަމަށް ބުނާ ޓީމު. އެހެންވިޔަސް، އެޓީމަށް މިދިޔަ 58 އަހަރު ތެރޭގައި ހޯދުނީ އެންމެ ރިހި މެޑަލްއެއް. ކްރޮއޭޝިއާއިން ތިން މެޑަލްއެއް ހޯދައިފި. ލޯ، ރިހި، ރިހި، ތިން މެޑަލް އަހަރެމެންނަށް ލިބިއްޖެ. އަހަންނަށް މަދުވަނީ ރަން މެޑަލް. ފައިނަލަށް ދިޔުންވެސް އެއީ ފަސޭހަކަމެއް ނޫން. އެހެންވީމަ އިހުތިރާމު ކުރުމުގައި އަޅާކިޔަން ޖެހޭ،" ޑަލިޗް ބުންޏެވެ.
އަލްބޭނިއާއާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ޑަލިޗް ބުނީ އެއީ ސްޕެއިން ނޫން ނަމަވެސް، އިހުތިރާމު ކުރާނެ ކަމަށެވެ.
"އަހަރެމެން ފޯކަސް ގެއްލުވާލައިގެން ނުވާނެ. އަލްބޭނިއާއަކީ ސްޕެއިނެއް ނޫން. އެހެންވިޔަސް އިހުތިރާމު ކުރަން ޖެހޭ. އަލްބޭނިއާ އޮންނާނީ ރަނގަޅު ރޫހެއްގައި. އެހެންވީމަ ސަމާލުވާން ޖެހޭނެ. އަހަރެމެން ހަނދާނުގައި ބަހައްޓަންވީ މި މެޗުން ކްރޮއޭޝިއާއަށް ބޭނުންވަނީ މޮޅެއްކަން. އެހެންވީމާ އެޓޭކް އިތުރުކޮށް، ކުރިން މެޗާ ތަފާތުކޮށް ކުޅޭނީ،" ޑަލިޗް ބުންޏެވެ.
ކްރޮއޭޝިއާއިން އަލްބޭނިއާއާ ދެކޮޅަށް ނުކުންނާނީ ރާއްޖެ ގަޑިން މިއަދު ހަވީރު 6:00 ގައެވެ.
ޔޫރޯ 2024
ޔޫރޯ 2024
ޔޫރޯ 2024