ޔޫއެފާ ޔޫރޯ 2024 ގައި ޖަރުމަނުން ކުޅޭ ދެވަނަ މެޗުގައި މިރޭ ހަންގޭރީއާ ދެކޮޅަށް ނުކުންނަ އިރު، މިރޭގެ މެޗުގައިވެސް ސްކޮޓްލޭންޑާ ދެކޮޅަށް ކުޅުނު ކުޅުން ތަކުރާރުކުރަން ބޭނުންވާ ކަމަށް ކޯޗު ޖުލިއަން ނަގެލްސްމަން ބުނެފިއެވެ.

ޔޫރޯގައި ހުރި އެންމެ ޒުވާން ކޯޗު، އުމުރުން 36 އަހަރުގެ ނަގެލްސްމަން ކޯޗުކަން ކޮށްދެމުން އަންނަ މުބާރާތުގެ ހޯސްޓް ޖަރުމަނުން މިފަހަރުގެ މުބާރާތް ފެށީ ސްކޮޓްލޭންޑް ކައިރިން 5-1 ގެ މޮޅެއް ހޯދައިގެންނެވެ. އެއީ މިހާތަނަށް ޔޫރޯއެއް ހުޅުވި މެޗެއްގައި ނުކުތް އެންމެ ތަފާތު ބޮޑު ނަތީޖާއެވެ. އެ މެޗުގައި ޖަރުމަނު އާދަޔާހިލާފަށް މޮޅުކޮށް ފެނިގެން ގޮސްފައިވާ އިރު، މިރޭވެސް އެ ކުޅުން ތަކުރާރުކުރަން ނަގެލްސްމަން ބޭނުންވެއެވެ.

"އަހަރެމެންނަށް ކުރިއަށް އޮތް މެޗަށް ނުކުމެ ކުޅެން ޖެހޭނެ ފެންވަރަކީ އެންމެފަހުން ސްކޮޓްލޭންޑާ ދެކޮޅަށް ކުޅުނު ފެންވަރު، ނޫނިއްޔާ އެއަށްވުރެވެސް މޮޅަށް. ސްކޮޓްލޭންޑާ މާ ބޮޑު ތަފާތެއް ހަންގޭރީގެ ނެތް. އެހެން ނަމަވެސް މިރޭގެ މެޗުން ބަލިވާނަމަ ހަންގޭރީ ކަޓާނެތީ، އެކަމަށް ވިސްނައިގެން ކުރިއަށް ޖެހޭނެ ކަމަށް ބެލެވޭ. އެހެންވީމަ އެޓޭކިން މެޗެއް ފެންނާނެ،" ނަގެލްސަމަން ބުންޏެވެ.

ނަގެލްސްމަން ހަންގޭރީއާ ގުޅޭ ގޮތުން އިތުރަށް ބުނީ ހަންގޭރީގެ ކޮންމެ ފޯވަޑް ލައިނެއް އޮތް ނަމަވެސް، އެޓީމަކީ ޓްރާންސިޝަނަލް ޕްލޭގެ އިތުރުން ސެޓް ޕީސްތަކުގައި ތަފާތު ރަނގަޅަށް މަސައްކަތް ކުރާ ޓީމެއް ކަމަށެވެ.

މިރޭ ޖަރުމަނުގެ ސްޓަޓްގާޓްގައި މެޗު ކުޅެން އޮތް އިރު، ކުރިން ބަޔާން މިއުނިކް، ލެއިޕްޒިގް އަދި ހޮފެންހެއިމްގެ ކޯޗުކަން ކުރި ނަގެލްސްމަންއަށް އެއީ އާ ސްޓޭޑިއަމަކަށް ނުވާނެއެވެ. ނަގެލްސްމަން ބުނީ ޖަރުމަނާއެކު ކޮންމެ ސްޓޭޑިއަމަކަށް ނުކުތް ނަމަވެސް، އަމިއްލަ ގައުމުގެ، އަމިއްލަ ފަސްގަނޑުގެ އިހުސާސް ސަޕޯޓަރުން ކޮށްދޭ ކަމަށެވެ.

ޖަރުމަނާއި ހަންގޭރީ ވާދަކުރާ މެޗު އޮންނާނީ މިރޭ ރާއްޖެ ގަޑިން 9:00 ގައެވެ.