ޔޫއެފާ ޔޫރޯ 2024 ގައި ތުރުކީން ކުޅުނު ފުރަތަމަ މެޗުގައި މިރޭ ޖޯޖިއާ ކައިރިން މޮޅުވެއްޖެއެވެ.

ޑޯޓްމުންޑްގެ ދަނޑުގައި މިރޭ ކުޅުނު މެޗުން ތުރުކީ މޮޅުވީ 3-1 ގެ ނަތީޖާއަކުންނެވެ.

މިރޭގެ މެޗަކީ ކުރިންވެސް ގިނަ ގޮތްގޮތަކުން ހާއްސަވެފައި އޮތް މެޗެކެވެ. ޖޯޖިއާގެ ތާރީހުގައި އެ ގައުމުން ކުޅޭ ފުރަތަމަ ބޮޑު މުބާރާތަށް މިފަހަރުގެ ޔޫރޯ ވެގެންދާ އިރު، އެޓީމަށް މިރޭގެ މެޗުގެ ކޮންމެ މިނެޓަކީވެސް ތާރީހީ މިނެޓެކެވެ. ހަބަރުތައް ބުނެފައިވާ ގޮތުގައި މިރޭ ޖޯޖިއާ މެޗު އެ ގައުމުގައި ބެލުމަށް، ރައްޔިތުން ސްޓޭޑިއަމްތަކަށް އެއްވިއެވެ. އަދި ޖަރުމަނަށްވެސް ގިނަ ސަޕޯޓަރުންތަކެއް ވަނީ ފޯރިއާއެކު ގޮސްފައެވެ.

އަނެއްކޮޅުން ތުރުކީން މީގެ ކުރިން ޔޫރޯގައި ކުޅުނު ނަމަވެސް، އެޓީމަށް ފަހުގެ ތާރީހެއްގައި ރަނގަޅު ކާމިޔާބީއެއް ހޯދިފައެއް ނެތެވެ. 1996 ވަނަ އަހަރު ފުރަތަމަ ޔޫރޯއަށް ކޮލިފައިވި ތުރުކީ ވަނީ 2000 ވަނަ އަހަރު ޔޫރޯގެ ކުއާޓާއަށް ގޮސްފައެވެ. އަދި 2008 ވަނަ އަހަރު ޔުރޯގެ ސެމީ ފައިނަލްވެސް ތުރުކީން ކުޅުނެވެ. އެންމެފަހުން 2016 އަދި 2021 ވަނަ އަހަރު ބޭއްވި ޔޫރޯގައި ތުރުކީ ކެޓީ ގްރޫޕް ސްޓޭޖުންނެވެ. އޭގެން އެއްވެސް ފަހަރެއްގައި ތުރުކީން ކުޅުނު ފުރަތަމަ މެޗަކުން މޮޅުވެފައެއް ނުވެއެވެ. މިރޭ އެ ތާރީހު ބަދަލުކުރަން ނުކުމެ، އެކަން ކުރީ ރެއާލް މެޑްރިޑްގެ ޒުވާން ތަރި އަރްދާ ގޫލާގެ ޖާދުލުންނެވެ.

ގިނަ ބަޔަކަށް މިރޭގެ މެޗުވެފައި އޮތީ އެންމެ ޝައުގުވެރި މެޗަކަށް ނޫނެވެ. ކޮންމެހެން ބަލަން ޖެހޭ މެޗުތަކުގެ ލިސްޓުގައި މިރޭގެ މެޗު ނޯވެވެސް ދާނެއެވެ. އެކަމަކު މެޗުން ދައްކުވާލަ ދިނީ އެއީ މުޅިން ގޯސް ވިސްނުމެއް ކަމެވެ. ޔަގީނުންވެސް މިފަހަރުގެ ޔޫރޯގައި މިހާތަނަށް ފެނުނު، އެންމެ ފޯރިގަދަ، އެންމެ ހަމަލާތައް ގިނަ މެޗަކީވެސް މިރޭގެ ވާދަވެރި މެޗެވެ. ސަޕޯޓަރުންގެ ފޯރިއާއި ކުޅުންތެރިންގެ ޖޯޝު، މެޗުގައި ފެނުނީ ތަފާތު ކޮށެވެ.

ފުރަތަމަ މެޗު ފެށިގެން 10 ވަރަކަށް މިނެޓް ތެރޭގައި ތުރުކީން ފުލުފުލުގައި ޖޯޖިއާ ގޯލަށް ނުރައްކާ ކުރިއެވެ. ކެޕްޓަން ހަކާން ޗަލަނޯލޫ ނަގައިދިން ކޯނަރަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ކާން އައިހާން ބޮލުން ފޮނުވާލި ހަމަލާ، ޖޯޖިއާގެ ގޯލާ އަމާޒުވެފައި ނުވާ އިރު، އަރްދާ ގުލާ ނަގައިދިން ކޯނަރަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ އަބްދުލްކަރީމް ބަރްދާޗީ ފޮނުވާލި ހަމަލާ ވެސް ޖޯޖިއާގެ ގޯލާ އަމާޒުވެފައެއް ނުވެއެވެ. އަދި އޭގެ އިރުކޮޅެއް ފަހުން ޔެނާން ޔިލްދީޒް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ބޭރުން އައިހާން ފޮނުވާލި ބާރު ހަމަލާ އަމާޒުވީ ޖޯޖިއާ ގޯލުގެ އަރިމަތީ ދަނޑިއަށެވެ.

އެ ހިސާބުންވެސް މެޗުގެ ފޯރިގަދަވާނެ ކަމަށް ފެނުނެވެ. އަނެއްކޮޅުން ފުރަތަމަ ހާފުގައި ޖޯޖިއާވެސް ވަކި ދުލެއް ނުދޭނެކަންވެސް ފެނުނެވެ. ޕެނަލްޓީ އޭރިއާ ބޭރުން ލިބުނު ބޯޅައަކުން އަންޒޯރް މެކްވަބިޝްވިލީ ފޮނުވާލި ހަމަލާ، ޑިފެންޑަރެއްގެ ގައިގައި ޖެހި ގޯލާ އަމާޒުވާން ދަނިކޮށް ތުރުކީގެ ކީޕަރު މެރްތު ގުނޮކް ވަނީ މަތަކޮށްފައެވެ.

އޭގެފަހުން އަނެއްކާވެސް ތުރުކީގެ ނުރައްކާ ބޮޑުވެގެން ގޮސްފައިވާ އިރު، ޔިލްޑީޒްގެ ހަމަލާއެއް ނާކާމިޔާބިއެވެ. އަދި މެޗުގެ 25 ވަނަ މިނެޓުގައި ހިތްގައިމު ގޯލެއް ޖަހައި ތުރުކީން ލީޑު ނެގިއެވެ. ތުރުކީއަށް އެ ގޯލު ކާމިޔާބުކޮށްދިނީ މެރްތު މުލްދޫރެވެ. ޖޯޖިއާގެ ޑިފެންޑަރުންނަށް ރަނގަޅަށް ދިފާއުނުކުރެވި ޕެނަލްޓީ އޭރިއާ ބޭރު ރޮނގުމަތިން ލިބުނު ބޯޅަ، މުލްދޫރް ވަނީ ވަރަށް ރީތިކޮށް ގޯލުގެ ތެރެއަށް ފޮނުވާލާފައިފައެވެ.

މާ ގިނައިރެއް ނުވެ، ތުރުކީގެ އެ ގޯލަށް ޖޯޖިއާއިން ޖަވާބުވެސް ދިނެވެ. 33 ވަނަ މިނެޓުގައި އެޓީމުން މެޗުގެ ނަތީޖާ ހަމަހަމަ ކުރިއެވެ. ގިއޯގީ ކަޗޮރަޝްވިލީ ދިން ބޯޅައަކުން ޖޯޖިއާއަށް އެ ގޯލު ކާމިޔާބުކޮށްދިނީ ޖޯޖެސް މިކައުޓަޑްޒޭއެވެ. ޕެނަލްޓީ އޭރިއާ ތެރެއިން އޭނާ ގޯލަށް ބޯޅަ ފޮނުވާލީ ހަނި އޭންގަލަކުންނެވެ. އެއީ ޖޯޖިއާގެ ފުޓުބޯޅަ ތާރީހުގައި ބޮޑު މުބާރާތެއްގައި ޖެހި ފުރަތަމަ ގޯލެވެ.

އޭގެފަހުން ފުރަތަމަ ހާފުގެ ފަހުކޮޅުގައި ޖޯޖިއާއަށް އިތުރު ފުރުސަތެއް ލިބި ބޭކާރުވި އިރު، ދެވަނަ ހާފުގެ ކުރީކޮޅުގައި އެޓީމުގެ ކަވިޗާ ކަވަރަޓްސްކޭލިއާ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން މިކައުޓަޑްޒޭ ފޮނުވާލި ހަމަލާ، ތުރުކީގެ ޑިފެންސުން ވަނީ ބްލޮކްކޮށްފައެވެ.

ތުރުކީން މެޗަށް އަނބުރައި ވަދެ، ނުރައްކާ ކުރަން ފެށިތާ މާގިނައިރެއް ނުވެ، މެޗުގައި ދެވަނަ ފަހަރަށް އެޓީމުން ވަނީ ލީޑުވެސް ނަގައިފައެވެ. 65 ވަނަ މިނެޓުގައި ގޯލު ޖަހައި ދެވަނަ ފަހަރަށް ލީޑު ނަގައިދިނީ ރެއާލް މެޑްރިޑްގެ ޒުވާން ތަރި، އަރްދާ ގޫލާއެވެ. ޕެނަލްޓީ އޭރިއާ ބޭރުން ހިތްގައިމުކޮށް ފޮނުވާލި ބޯޅަ، އޭނާ އަމާޒުކޮށްލީ ގޯލުގެ މަތީ ކަނަށެވެ.

އެ ގޯލަށްފަހުވެސް ތުރުކީން މެޗުގެ ކޮންޓްރޯލް ހޯދައި ކުޅެމުން ދިޔައެވެ. ތުރުކީ މެޗުގައި ފެނުނީ ބުންވަރުގެ ގޮތުން ޖޯޖިއާއަށްވުރެ ރަނގަޅަށެވެ. ޔޫސުފް ޔަޒީކީ ބޮލުން ފޮނުވާލި ހަމަލާ، ޖޯޖިއާ ކީޕަރު މަމަރްދަޝްވިލީ ހުޝިޔާރުކަމާއެކު މަތަކޮށްފައިވާ އިރު، އޭގެފަހުން ޖޯޖިއާއިން ނުރައްކާ ކުރި ނަމަވެސް، ތުރުކީން އަލަށް ޔޫރޯގެ ފުރަތަމަ މެޗެއް ކާމިޔާބުކުރިއެވެ.

ފަހު މިނެޓް ކޮޅުގައި ޖޯޖިއާ ވަނީ ފުލުފުލުގައި ނުރައްކާކޮށްފައެވެ. ކަވަރަޓްސްކޭލިއާ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ ގިއޯގީ ކޮޗޮރަޝްވިލީ ފޮނުވާލި ހަމަލާ، ތުރުކީގެ ގޯލާ އަމާޒުވެފައި ނުވާ އިރު، އޭގެފަހުން ކޯނަރެއްގައި އަރިމަތީ ދަނޑީގައި ޖެހިފައި ނުކުތް ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ޒުރިކޯ ޑަވިޓަޝްވިލީ ފޮނުވާލި ހަމަލާ، ތުރުކީ ޑިފެންޑަރު ސަމެތު އަކޭޑިން ވަނީ ބްލޮކްކޮށްފައެވެ.

ތުރުކީން މެޗުގައި ތިންވަނަ ގޯލު ޖެހީ ކީޕަރުވެސް ކޯނަރަކަށް ކުރިއަށް ޖެހި އޮއްވައެވެ. އެ ގޯލު ޖެހީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ކެރެމް އަކްޓުރްކޮގްލޫއެވެ.