ޔޫއެފާ ޔޫރޯ 2024 ގެ ބާރަވަނަ މެޗުގައި ޕޯޗުގަލްއާއި ޗެކު ރިޕަބްލިކް ވާދަކުރާ މެޗުގެ ލައިވް ބްލޮގަށް "ވަން ސްޕޯޓްސް"ގެ ކިޔުންތެރިންނަށް މަރުހަބާ!

މީގެ ކުރިން 2016 ވަނަ އަހަރު ޔޫރޯ ކާމިޔާބުކުރި ޕޯޗުގަލުން މިފަހަރުވެސް ނުކުންނަނީ ވަރުގަދަ ސްކޮޑަކާއެކު. އެޓީމަކީ މިވަގުތު ފެވަރިޓުންގެ ތެރޭގައި ހިމެނޭ ޓީމެއް. ޓީމުގެ އެންމެ ހާއްސަ ކުޅުންތެރިޔަކީ މިދިޔަ ފަސް ޔޫރޯގައިވެސް އެޓީމަށް ގޯލު ޖަހައިދިނީ ކްރިސްޓިއާނޯ ރޮނާލްޑޯ. ޗެކު ރިޕަބްލިކުން ނުކުންނަނީ ޕޯޗުގަލް ހިފަހައްޓަން. އެކަން ޕްރި މެޗު ޕްރެސްގައި ވަނީ ހާމަކޮށްފައި.

މިރޭގެ މެޗުގައި ވާދަކުރާ ދެޓީމުންވެސް ޕްރެސްގައި އެންމެ ބޮޑަށް ފޯކަސް ކުރީ ރޮނާލްޑޯއަށް. ޕޯޗުގަލްގެ ކޯޗު ރޮބާޓޯ މާޓިނޭޒް ބުނީ ރޮނާލްޑޯގެ ދައުރު ޓީމުގައި އަދިވެސް ބޮޑުވާނެ ކަމަށް. އަދި އުމުރުން 39 އަހަރުގެ ރޮނާލްޑޯ ސްކޮޑަށް ނެގީ ނަމަށް ބަލާފައި ނޫން ކަމަށާއި، އެއީ ޓީމަށް ކޮންމެހެން ބޭނުންވާތީ ކަމަށް މާޓިނޭޒް ބުނި.

ޕޯޗުގަލް ޑިފެންޑަރު ރުބެން ޑިއާޒް ބުނީ ރޮނާލްޑޯ ޓީމުގައި ހުރުމަކީ ލިބޭ ބޮޑު ހިތްވަރެއް ކަމަށް. ހާއްސަކޮށް ރޮނާލްޑޯގެ ކެރިއަރުން އެތައް ޕޮޒިޓިވް ކަންތައްތަކެއް ފެންނަ ކަމަށާއި، އެއީ އެހެން ހުރިހާ ކުޅުންތެރިންނަށްވެސް ހުރި ނަމޫނާއެއް ކަމަށް ޑިއާޒް ބުނި.

އިދިކޮޅު ކޯޗު، އިވާން ހަސޭކް ބުނީ މިރޭ ޕޯޗުގަލްއާ ދެކޮޅަށް ކުޅޭ މެޗަށްފަހު ބުނަން ބޭނުންވަނީ އެޓީމުގެ ތަރި ރޮނާލްޑޯއާ ދެކޮޅަށް ކުޅެލަން ޓީމަށް ފުރުސަތު ލިބުނު ވާހަކަ ނޫން ކަމަށާއި، ބުނަން ބޭނުންވަނީ ރޮނާލްޑޯއާއި ޕޯޗުގަލް ބަލިކޮށްލެވުނު ވާހަކަ ކަމަށް.

ހަމައެއާއެކު އެގައުމުގެ ކެޕްޓަން ތޯމަސް ސޯޗެކް ބުނީ ރޮނާލްޑޯއަށް ހަނި ފުރުސަތެއް ލިބުނަސް، އަދިވެސް ނުރައްކާވާނެ ކަމަށް. އެ ފުރުސަތު ނުދޭން ޓީމެއްގެ ގޮތުގައި މަސައްކަތް ކުރަން ޖެހޭނެ ކަމަށްވެސް އޭނާ ބުނި.

ރޮނާލްޑޯ މިރޭގެ މެޗުގައި ގޯލު ޖަހައިފިނަމަ، އޭނާ ވެގެންދާނީ ޔޫރޯގައި ގޯލު ޖެހި އެންމެ އުމުރުން ދުވަސްވީ ކުޅުންތެރިޔާއަށް.