މި ފަހަރުގެ ޔޫރޯއަށް ފްރާންސުން ސްކޮޑު އިއުލާންކުރި އިރު، އެންމެ ބޮޑަށް އަޅައިގަތް ނަމަކީ އެންގޯލޯ ކާންޓޭގެ ނަމެވެ. އެއް ސަބަބަކީ އޭނާ މިހާރު ޔޫރަޕްގެ ލީގު ފުޓުބޯޅަ ދޫކޮށް، ސައުދީ ލީގުގެ އަލް އިއްތިހާދަށް ކުޅެމުން ދިޔުމެވެ. އަނެއް ސަބަބަކީ ޒުވާނުން ކުޅުންތެރިންގެ ހަބެއް ކަމަށްވާ ފްރާންސް ސްކޮޑަށް އުމުރުން 33 އަހަރުގެ ކާންޓޭ ނެގުމެވެ. އަދި އެވެސް އެތެއް އަހަރަކު ގައުމީ ޓީމަށް ނުވެސް ކުޅެ ހުއްޓައެވެ.
ކޮންމެއަކަސް، އެ ނިންމުމަށް ބަޔަކު ފާޑުވެސް ކިޔެވެ. އެ ފާޑުކިޔުންތައް އަޑުނާހާ، ކޯޗު ޑިޑިއޭ ޑިޝޭމްޕްސް ވަނީ ރޭގެ ފުރަތަމަ 11 އަށްވެސް ކާންޓޭ ނެރެފައެވެ. ކުރި އިތުބާރުންނެވެ. އެއީ 2022 ވަނަ އަހަރު ނޭޝަންސް ލީގު މެޗެއްގައި ޑެންމާކާ ދެކޮޅަށް ކުޅުނު ފަހުން ކާންޓޭ ގައުމީ ޓީމަށް ކުޅުނު ފުރަތަމަ މެޗެވެ. އެކަމަކު އެ ބީރަށްޓެހި ކަމެއް އެއްވެސް ވަރަކަށް ނުފެނުނެވެ. ކާންޓޭ އަދިވެސް ހުރީ އޭނާގެ ފުރިހަމަ، ސުޕަ ސްޓާރު ފޯމުގައެވެ. ދުނިޔޭގެ 75 ޕަސެންޓް ކަވަރު ވަނީ ފެނުން ކަމަށް ބުނާ ބުނުންހެން، ދަނޑުގެ 75 ޕަސެންޓް ކަވަރުކޮށް، މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދީ އޭނާއެވެ.
ކާންޓޭ މެޗުގެ 90 މިނެޓުގައި ކުޅޭ، 92 ޕަސެންޓް ޕާސް ރަނގަޅަށް ޖެހިއެވެ. އަދި ވަކިން ހާއްސަކޮށް، 11.8 ކިލޯމީޓަރުގެ ސަރަހައްދެއްގައި ދުވެ، އޭނާ ކަވަރު ކުރިއެވެ. މެޗުން އެންމެ ބޮޑަށް ކާންޓޭ ފާހަގަވީ ފަހު މިނެޓު ކޮޅުގައި އޮސްޓްރިއާގެ ބަދަލަކަށް ނުކުތް ޕެޓްރިކް ވިމާ މުޅިން ހުސްކޮށް ކުރިއަށް ދެމިގަތްތަނުން، ފަހަތުން ދުވެފައި ގޮސް އެ ބޯޅަ ސާފުކޮށްލި ވަގުތުއެވެ. އެ ކުޅުމާއެކު ކާންޓޭ ދަނޑުން ފޭބީ، ސަޕޯޓަރުން އޭނާއަށް ހާއްސަކޮށް ޗޭންޓް ކުރަމުން ދަނިކޮށެވެ.
"އަަހަރެމެން ބޭނުންވި ގޮތަށް މޮޅަކާއެކު މި ފެށުނީ. އަހަރެމެންނަށް އުނދަގޫވި ނަމަވެސް މޮޅު ހޯދުން މީގައި މުހިންމީ. އަހަންނަށް ވަރަށް އުފާވެރި އިހުސާސެއް ކުރެވެނީ އެނބުރި ދަނޑު މައްޗަށް ގައުމީ ޖާޒީގައި ނުކުމުވޭތީ. އަދި ވަކިން ހާއްސަކޮށް ސަޕޯޓަރުން އަހަރެންގެ ނަމުން ޗޭންޓް ކުރަން ފެށުމުން އެ ކުރެވޭ ފަހުރުވެރިކަމުގެ އިހުސާސްވެސް ކުރެވުނު. ޝުކުރިއްޔާ އެންމެންނަށްވެސް،" ކާންޓޭ މެޗަށްފަހު ބުންޏެވެ.
މި ފަހަކަށް އައިސް ތާރީހު ދުށް އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާގެ ކެރިއަރުގައި މަދުވަނީވެސް ޔޫރޯ ތަށި އެކަންޏެވެ. އޭނާ ވަނީ ގައުމީ ޓީމާއެކު 2018 ވަނަ އަހަރުގެ ވޯލްޑް ކަޕް ހޯދައި، ލެސްޓާ ސިޓީ އަދި ޗެލްސީ އާއެކު ޕްރިމިއާ ލީގުވެސް ހޯދައިފައެވެ. އަދި ޗެލްސީ އާއެކު ކާންޓޭ ވަނީ ޗެމްޕިއަންސް ލީގުވެސް ކާމިޔާބު ކޮށްފައެވެ. އޭނާ ސައުދީ ލީގަށް ދިޔައީ މިދިޔަ ސީޒަނުގައެވެ.
ޔޫރޯ 2024
ޔޫރޯ 2024
ޔޫރޯ 2024