މިފަހަރުގެ ޔޫރޯއަކީ ތުރުކީން ވާދަކުރާ ފަސްވަނަ ޔޫރޯއެވެ. 1996 ވަނަ އަހަރު ފުރަތަމަ ޔޫރޯއަށް ކޮލިފައިވި ތުރުކީ ވަނީ 2000 ވަނަ އަހަރު ޔޫރޯގެ ކުއާޓާއަށް ގޮސްފައެވެ. އަދި 2008 ވަނަ އަހަރު ޔުރޯގެ ސެމީ ފައިނަލްވެސް ތުރުކީން ކުޅުނެވެ. އެންމެފަހުން 2016 އަދި 2021 ވަނަ އަހަރު ބޭއްވި ޔޫރޯގައި ތުރުކީ ކެޓީ ގްރޫޕް ސްޓޭޖުންނެވެ. މިފަހަރު ބަދަލުކުރަން ބޭނުންވާނެ އެއް ކަމަކީ ގްރޫޕް ސްޓޭޖު ފަހަނައަޅައި ދިޔުމެވެ. އަނެއްކަމަކީ، ޔޫރޯއެއްގެ ފުރަތަމަ މެޗުން މޮޅުވުމެވެ.
މީގެ ކުރިން އެއްވެސް ޔޫރޯއެއްގައި ތުރުކީން ކުޅުނު ފުރަތަމަ މެޗަކުން މޮޅުވެފައެއް ނުވެއެވެ. އިއްޔެގެ ޕްރި މެޗު ޕްރެސްގައި ތުރުކީ ކޯޗު ވަނީ އެކަން ބަދަލުކުރަން ބޭނުންވާ ކަމަށް ބުނެފައެވެ. އަދި މިރޭ ޖޯޖިއާއާ ދެކޮޅަށް ނުކުންނަ އިރު، ތުރުކީއަށް އެ ތާރީހު ބަދަލުކުރެވިދާނެ ކަމަށް އޭނާ ބުންޏެވެ.
"ތިޔައީ ހަގީގަތެއް. އަހަރެމެން މިހާތަނަށް ޔޫރޯއެއްގައި ކުޅުނު ފުރަތަމަ މެޗަކުން މޮޅުވެފައެއް ނުވޭ. އެހެންވިޔަސް، އެކަމަށް ވަރަށް މަގުބޫލު އިނގިރޭސި ހަރުބަހެއް އޮންނާނެ. ކޮންމެ ކަމަކަށްވެސް ފުރަތަމަ ފަހަރެއްވޭ. އަހަރެމެން މިފަހަރު މިތިބީ ވަރުގަދަ ފެށުމަކުން ފެށޭ ވަރަށް ތައްޔާރުވެފައި. އޮގަނައިޒް ތުރުކީ ޓީމެއް ފެނިގެންދާނެ،" ކޯޗު ވިންސެންޒޯ މޮންޓޭލާ ނޫސްވެރިއެއްގެ ސުވާލަށް ޖަވާބުދެމުން ބުންޏެވެ.
ވިންސެންޒޯ ބުނީ ހުރިހާ ކުޅުންތެރިންނަކީވެސް ވަރަށް ޒުވާން އުމުރުން ފެށިގެން ފުޓުބޯޅައަށް ލޯބި ދީ ކުޅެމުންދާ ކުޅުންތެރިން ކަމަށާއި، އެ ހުރިހާ ކުޅުންތެރިންނަށް ޔޫރޯއަކީ ހުވަފެނީ މުބާރާތެއް ކަމަށެވެ. އެހެންކަމުން ޔޫރޯގައި ނަތީޖާ ރަނގަޅުކުރަން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށްވެސް އޭނާ ބުންޏެވެ.
ވިންސެންޒޯ އިއްޔެ އިތުރަށް ބުނީ ޖަރުމަނުގައި މިހާރު ތުރުކީގެ އެތައް ސަޕޯޓަރުންނެއް ތިބިކަން އެނގޭ ކަމަށާއި، އިދިކޮޅަށް ނުކުންނަ ޖޯޖިއާއަށް ސަމާލުވެ، އެ ސަޕޯޓަރުންނަށް ހިތްހަމަޖެހުން ގެނެސްދޭން ތައްޔާރު ކަމަށެވެ. ޔަގީނުންވެސް ޖޯޖިއާއަކީ ހިތްވަރުގަދަ ޓީމެއް ކަމަށާއި، ކެތްތެރިކަމާއެކު އޮގަނައިޒްކޮށް ކުޅެން ތުރުކީއަށް މަޖުބޫރު ކަމަށް ވިންސެންޒޯ ބުންޏެވެ.
ތުރުކީން މިފަހަރުގެ ޔޫރޯ ފަށާ މެޗުގައި ޖޯޖިއާއާ ދެކޮޅަށް ނުކުންނާނީ ރާއްޖެ ގަޑިން ރޭގަނޑު 9:00 ގައެވެ.
ޔޫރޯ 2024
ޔޫރޯ 2024
ޔޫރޯ 2024