މިރޭ ޕޯޗުގަލްއާ ދެކޮޅަށް ކުޅޭ މެޗަށްފަހު ބުނަން ބޭނުންވަނީ އެޓީމުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއާ ދެކޮޅަށް ކުޅެލަން ޓީމަށް ފުރުސަތު ލިބުނު ވާހަކަ ނޫން ކަމަށާއި، ބުނަން ބޭނުންވަނީ ރޮނާލްޑޯއާއި ޕޯޗުގަލް ބަލިކޮށްލެވުނު ވާހަކަ ކަމަށް ޗެކް ރިޕަބްލިކްގެ ކޯޗު، އިވާން ހަސޭކް ބުނެފިއެވެ.

މިއަހަރުގެ ޔޫރޯގައި ޗެކް ރިޕަބްލިކާއި ޕޯޗުގަލް ވާދަކުރާ ގްރޫޕް ސްޓޭޖުގެ މެޗު އޮންނާނީ މިރޭ ރާއްޖެ ގަޑިން 12:00 ގައެވެ. މެޗަށް ނުކުތުމުގެ ކުރިން ދެޓީމުގެ ޕްރި މެޗު ޕްރެސްގައި ދެއްކި ވާހަކައިގައިވެސް އެންމެ ބޮޑަށް އަލިއަޅުވާލި ވަކި ކުޅުންތެރިޔަކީ ފަސް ފަހަރު ބެލޮންޑިއޯ ހޯދާފައިވާ ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯގެ ވާހަކައެވެ.

ޔޫރޯގެ ތާރީހުގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ، އުމުރުން 39 އަހަރުގެ ރޮނާލްޑޯ، މިފަހަރުގެ ޔޫރޯއަށް ނުކުންނާނީ އެ މުބާރާތުގައި ގޯލު ޖެހި އެންމެ އުމުރުން ދުވަސްވީ ކުޅުންތެރިޔާގެ ޝަރަފުގެ އިތުރުން ޖެހިޖެހިގެން ހަ ޔޫރޯއެއްގައި ގޯލު ޖެހި ކުޅުންތެރިޔާގެ ޝަރަފުވެސް ހޯދުމަށެވެ.

ރޮނާލްޑޯގެ އެ ތާރީހަށް އަލިއަޅުވާލައި، ޗެކުގެ ކޯޗު، ހަސޭކް ބުނީ ޕޯޗުގަލްގައި ތިބި ސްޓާރުން ހުއްޓުވަން ގޮތެއް ހޯދަން ޖެހޭ ކަމަށާއި، މެޗު ނިންމާފައި ދަމުން ބުނަން ބޭނުންވަނީ ރޮނާލްޑޯ ބަލިކޮށްލި ވާހަކަ ކަމަށެވެ.

"ޕޯޗުގަލްގައި ތިބި ކުޅުންތެރިންނަކީ ދުނިޔޭގެ ބޮޑެތި ކްލަބުތައް ތަމްސީލުކުރާ މިހާރުގެ ސްޓާރުން. އެހެންވީމަ ޕޯޗުގަލްއަކީ މެޗަށް ނުކުންނައިރުވެސް ފެވަރިޓުން. އެހެންވިޔަސް އަހަރެމެން ބޭނުންވަނީ މޮޅުވާން އަހަންނަށް އެނގޭ ރޮނާލްޑޯވެސް. އެހެންވިޔަސް، ނިންމާފައި ދަމުން ބުނަން ބޭނުންވަނީ ރޮނާލްޑޯއާ ދެކޮޅަށް ޓީމު ކުޅުނު ވާހަކައެއް ނޫން. ރޮނާލްޑޯ ބަލިކޮށްލެވުނު ވާހަކަ،" 60 އަހަރުގެ ހަސޭކް ޕްރި މެޗު ޕްރެސްގައި ބުންޏެވެ.

އޭނާ އިތުރަށް ބުނީ ޕޯޗުގަލްއަކީ ރޮނާލްޑޯއާއި ބްރޫނޯ ފެނާންޑޭޒް އެކަނި ނޫން ކަމަށާއި، ބަނާޑޯ ސިލްވާއާއި ރަފޭލް ލެއާއޯ، މިހެންގޮސް އެތައް ކުޅުންތެރިންނެއް ކަމަށެވެ. ހަސޭކް ބުނީ އެ ޓީމުގެ ކޮލިޓީ މަޑުޖައްސާލަން ޗެކު ރިޕަބްލިކުން ޓީމެއްގެ ގޮތުގައި ބުރަކޮށް މަސައްކަތް ކުރަން ޖެހޭނެ ކަމަށެވެ.

ކުރިން ގައުމީ ޓީމަށް ކުޅުނު ހަސޭކް އިތުރަށް ބުނީ ހަމައެކަނި ޑިފެންސް ކޮށްގެން ލަނޑު ލިބޭނެ ކަމަށާއި، ނުކުންނާނީ ހަމަ އޯޕަން މެޗެއް ކުޅުމަށް ކަމަށެވެ.