ޔޫއެފާ ޔޫރޯގައި ފްރާންސުން ކުޅުނު ފުރަތަމަ މެޗުގައި އޮސްޓްރިއާ ކައިރިން ހަނި މޮޅެއް ހޯދައިފިއެވެ.
މިރޭ ޑުސެލްޑޯފް ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ފްރާންސުން އޮސްޓްރިއާ ބަލިކުރީ 1-0 ގެ ނަތީޖާއަކުންނެވެ.
މިއީ ދެ ގައުމުންވެސް މިފަހަރުގެ ޔޫރޯގައި ކުޅުނު ފުރަތަމަ މެޗެވެ. ފްރާންސަކީ ދުނިޔޭގެ ފުޓުބޯޅައިގައި މިވަގުތުވެސް އޮތް އެންމެ ވަރުގަދަ އެއް ގައުމުކަން މެޗަށް ނުކުތްއިރުވެސް އޮސްޓްރިއާއަށް އެނގެއެވެ. ފްރާންސުން 2022 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ފައިނަލް ކުޅެ، އާޖެންޓީނާ ކައިރިން ބަލިވީ ޕެނަލްޓީގައެވެ. ފްރާންސުން މިރޭގެ މެޗަށް ނުކުތީ ޔޫރޯގައި މިވަގުތު އޮތް އެންމެ ވަރުގަދަ އެއް ސްކޮޑާއެކުގައެވެ.
އެކަމަށް ވިސްނި ނަމަވެސް ޖެހިލުންވެ، އަމިއްލަ ސްޓައިލް ގެއްލުވާނުލާނެ ކަމަށް އޮސްޓްރިއާގެ ފަރާތުން ކޯޗު ރަލްފް ރަންގްނިކް ވަނީ މެޗު ކުރިންވެސް ބުނެފައެވެ. އެ މަންޒަރު މެޗުގެ ބޮޑުބައެއްގައި ފެނުނުވެސް މެއެވެ. މެޗުގެ އަށްވަނަ މިނެޓުގައި ފްރާންސްގެ ކައުންޓާ އެޓޭކެއްގައި އެޑްރިއެން ރެބިއޯ ދިން ބޯޅައެއް ހިފައިގެން ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު، ކެޕްޓަން ކިލިއަން އެމްބާޕޭ ފޮނުވާލި ހަމަލާ، އޮސްޓްރިއާގެ ކީޕަރު ޕެޓްރިކް ޕެންޓްޒް ވަނީ މަތަކޮށްފައެވެ.
އަދި އޭގެފަހުން އެންޓޮއިން ގްރީޒްމަންގެ ހަމަލާއެއް ބްލޮކްވި އިރު، މެޗުގެ ފުރަތަމަ 30 މިނެޓުގެ ތެރޭގައި އޮސްޓްރިއާއަށް ގޯލު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކުރެވިފައެއް ނުވެއެވެ. އެހެން ނަމަވެސް، އެޓީމުގެ ފަރާތުން ބިރެއް ނެތި، ފްރާންސަށް ޕްރެސް ކުރުމުން ގޮސްފައިވެއެވެ. އެ ޕްރެސިންގެ ސަބަބުން ފްރާންސަށް ހަމަޖެހިލައިގެން މެދުތެރެއިން ބޯޅަ ގެންގުޅެން އުނދަގޫތަކާ ކުރިމަތިވިއެވެ.
އޮސްޓްރިއާއިން ހާފުގެ ފަހުކޮޅުގައި ފްރާންސަށް ކޮންމެވެސް ވަރަކަށް ނުރައްކާކުރިއެވެ. ހަނި އޭންގަލުން ކޮންރާޑް ލައިމާ ފޮނުވާލި ބޯޅަ، ފްރާންސްގެ ކީޕަރު މައިކް މައިގްނަން މަތަކުރި އިރު، 36 ވަނަ މިނެޓުގައި އެޓީމަށް ހުސް ފުރުސަތެއް ލިބި ބޭކާރު ވިއެވެ. މާސެލް ސަބިޓްޒާ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ ކްރިސްޓޮފް ބައުމްގާޓްނާ ފޮނުވާލި ހަމަލާ، ފްރާންސް ކީޕަރު މައިގްނަން ވަނީ ކުރިއަށް ނުކުމެ ހުޝިޔާރުކަމާއެކު މަތަކޮށްފައެވެ.
މެޗުގައި ފްރާންސުން ލީޑު ނެގީ 38 ވަނަ މިނެޓުގައެވެ. އެ ގޯލަކީ ކިލިއަން އެމްބާޕޭ ނަގައިދިން ބޯޅަ، އޮސްޓްރިއާ ޑިފެންޑަރު މެކްސިމިލިއަން ވޫބާގެ ބޮލުގައި ޖެހިފައި ބައިކޮޅަށް ވަން ގޯލެކެވެ.
ދެވަނަ ހާފުގެ ފުރަތަމަ ފަސް މިނެޓުގައި އޮސްޓްރިއާއިން ޑޮމިނޭޓްކޮށް ކުޅުނު ނަމަވެސް، ހާފުގެ ކުރީކޮޅުގައިވެސް ފްރާންސަށް ފުރުސަތު ލިބުނެވެ. އެގޮތުން ކައުންޓާ އެޓޭކެއްގައި ބޯޅަ ހިފައިގެން ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު، ހުސްކޮށް ހުރެ އެމްބާޕޭ ފޮނުވާލި ހަމަލާ، އޮސްޓްރިއާގެ ގޯލާ އަމާޒުވެފައެއް ނުވެއެވެ. އަދި އޭގެފަހުން އެންގޯލޯ ކަންޓޭ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން މާކަސް ތުރާމް ފޮނުވާލި ހަމަލާ، އޮސްޓްރިއާގެ ކީޕަރު ޕެޓްރިކް ޕެންޓްޒް ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައެވެ.
އޭގެފަހުން މެޗުގައި ނުރައްކާތެރި ހަމަލާތައް މަދުން ފެނިގެން ގޮސްފައިވާ އިރު، އެންމެފަހު މިނެޓުގައި އޮލިވިއާ ޖިރޫ ފުރުސަތެއް ބޭކާރުކޮށްލިއެވެ.
މެޗުގެ ފަހުކޮޅުގައި އެންމެ ބޮޑަށް ފާހަގަކުރެވުނީ އެމްބާޕޭގެ ނޭފަތަށް ލިބުނު އަނިޔާއެވެ. އޭރިއާ ތެރެއިން ބޮލުން ބޯޅައިގައި ޖަހަން އުޅެނިކޮށް، މޫނު ގޮސް އިދިކޮޅު ކުޅުންތެރިޔާ ކޮނޑުގައި ޖެހި އެމްބާޕޭގެ ނޭފަތް ވަނީ ފަޅައިގެން ގޮސްފައެވެ. ލޭވެސް ބައިވަރު ފޭބުމާއެކު އޭނާ ވަނީ ބަދަލުކޮށްފައެވެ.
ފްރާންސުން މިރޭ ހަނި މޮޅެއް ހޯދި އިރު، އެޓީމަށް މެޗު ފަސޭހަވެސް ނުވިއެވެ. ހާއްސަކޮށް މެޗުގައި އޮސްޓްރިއާގެ މަސައްކަތް ފާހަގަކޮށްލެވުނެވެ.
ޔޫރޯ 2024
ޔޫރޯ 2024
ޔޫރޯ 2024