ޔޫއެފާ ޔޫރޯ 2024 ގެ ދިހަވަނަ މެޗުގައި އޮސްޓްރިއާއާއި ފްރާންސް ވާދަކުރާ މެޗުގެ ލައިވް ބްލޮގަށް "ވަން ސްޕޯޓްސް"ގެ ކިޔުންތެރިންނަށް މަރުހަބާ!

މިއީ ދެ ގައުމުންވެސް މިފަހަރުގެ ޔޫރޯގައި ކުޅޭ ފުރަތަމަ މެޗު. ފްރާންސަކީ ދުނިޔޭގެ ފުޓުބޯޅައިގައި މިވަގުތުވެސް އޮތް އެންމެ ވަރުގަދަ އެއް ގައުމު. އެޓީމުން 2022 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ފައިނަލް ކުޅެ، އާޖެންޓީނާ ކައިރިން ބަލިވީ ޕެނަލްޓީގައި. ފްރާންސަކީ މިރޭގެ މެޗަށްވެސް ފެވަރިޓުން. އެޓީމުން ނުކުންނާނީ ޔޫރޯގައި މިވަގުތު އޮތް އެންމެ ވަރުގަދަ ސްކޮޑާއެކު.

  • ކިލިއަން އެމްބާޕޭ - ފްރާންސް

ފްރާންސްގެ ކެޕްޓަން، އެމްބާޕޭއަކީ މިވަގުތުވެސް ދުނިޔޭގައި ހުރި އެންމެ މޮޅު އެއް ކުޅުންތެރިޔާ. ހާއްސަކޮށް އެންމެ ނުރައްކާތެރި ފޯވަޑް. ދުވެލި ބާރު އެމްބާޕޭ ޒުވާން އުމުރު ހޭދަކުރީ ފްރާންސްގެ މޮނާކޯގައި. އޭގެފަހުން ޕީއެސްޖީން އޭނާ ގެންދިޔައީ 180 މިލިއަން ޔޫރޯގެ އަގުހުރި ޓްރާންސްފާއެއްގައި. ޕީއެސްޖީއާއެކު ޗެމްޕިއަންސް ލީގު ފައިނަލް ކުޅުނު އެމްބާޕޭ ވަނީ ގައުމީ ޓީމަށް 77 މެޗުން 46 ގޯލު ޖަހައިދީފައި. އުމުރުން 19 އަހަރުގައި އެމްބާޕޭ ފްރާންސާއެކު 2018 ވަނަ އަހަރު ވޯލްޑް ކަޕް ހޯދި. އަދި 2022 ވަނަ އަހަރު ވޯލްޑް ކަޕް ފައިނަލްގައިވެސް އެމްބާޕޭ ހެޓްރިކް ހެދި. އެ ވޯލްޑް ކަޕްގައި އެންމެ ގިނަ ގޯލުވެސް ޖެހީ އޭނާ.

  • މާސެލް ސަބިޓްޒާ - އޮސްޓްރިއާ

ޓީމުގެ އެންމެ މުހިއްމު ކުޅުންތެރިޔާ ޑޭވިޑް އަލާބާ އަނިޔާގައި ހުރުމުން، އޮސްޓްރިއާ ޓީމުގެ އެންމެ ބޮޑު އެއް ޒިންމާއެއް އުފުލާނެ ކުޅުންތެރިޔަކީ ޑޯޓްމަންޑްގެ މިޑްފީލްޑަރު، ސަބިޓްޒާ. އޮސްޓްރިއާގެ ފުޓުބޯޅަ ސިސްޓަމް ތެރެއިން ޕްރޮފެޝަނަލް ފުޓުބޯޅައަށް ނުކުތް ސަބިޓްޒާ އެގައުމުގެ ކްލަބުތަކަށް ކުޅުމަށްފަހު ވިދާލީ ޖަރުމަނުގައި. 2014 ވަނަ އަހަރުން ފެށިގެން 2021 ވަނަ އަހަރާ ދެމެދު އާރްބީ ލެއިޕްޒިގަށް ސަބިޓްޒާ 170 އަށްވުރެ ގިނަ މެޗު ކުޅުނު. އޭގެ ތެރެއިން އެއް ސީޒަނުގައި އަމިއްލަ ގައުމުގެ ސާލްބާގަށް ކުޅުނު ސަބިޓްޒާ އޭގެފަހުން ބަޔާން މިއުނިކާއި މެންޗެސްޓާ ޔުނައިޓެޑަށް ކުޅެފައިވޭ. ބޯޅައިގެ ހުނަރު މޮޅު މިޑްފީލްޑަރު ވަނީ އޮސްޓްރިއާއަށް މިހާތަނަށް 78 މެޗު ކުޅެފައި.