ޔޫއެފާ ޔޫރޯ 2024 ގައި މިރޭ ކުޅުނު ގްރޫޕް އީގެ މެޗުގައި ރުމޭނިއާއިން ބޮޑު ތަފާތަކުން ޔޫކްރޭން ބަލިކޮށްފިއެވެ.
އެލިއާންޒް އެރީނާގައި ކުޅުނު މެޗު، ރޮމޭނިއާއިން ކާމިޔާބުކުރީ 3-0 ގެ ނަތީޖާއަކުންނެވެ.
ބަޔާން މިއުނިކްގެ ހޯމް، އެލިއާންޒް އެރީނާގައި ކުޅުނު މިރޭގެ މެޗު ރުމޭނިއާއިން ކާމިޔާބުކުރީ 3-0 ގެ ނަތީޖާއަކުންނެވެ. ރުމޭނިއާ މިފަހަރުގެ ޔޫރޯއަށް ނުކުތީ ކޮލިފިކޭޝަން ގްރޫޕްގައި ބަލިނުވެ ނިންމާލައިގެންނެވެ. 10 މެޗުގެ ތެރެއިން ހަ މެޗުން މޮޅުވެ، ހަތަރު މެޗުން ރުމޭނިއާ އެއްވަރުވި އިރު، އެޓީމުން ޔޫރޯއަށް އައީ ފޯމުގައެވެ.
ޔޫކްރޭނުން މިފަހަރުގެ ޔޫރޯއަށް ކޮލިފައިވީ ޕްލޭ އޮފް ކާމިޔާބުކޮށްގެންނެވެ. އެޓީމުން މިރޭގެ މެޗަށް ނުކުތް އިރު، ގައުމުގެ ހަނގުރާމައިގެ ހިޔަނި މެޗަށް އޮތީ އެޅިފައެވެ. އެއީ ރަޝިއާއާއި ޔޫކްރޭނުން ކުރަމުންދާ ހަނގުރާމައިގެ ސަބަބުންނެވެ.
މިއަދުގެ މެޗުގެ ފުރަތަމަ ހާފުގައި މާ ނުރައްކާތެރި ހަމަލާތަކެއް ފެނިގެންގޮސްފައެއް ނުވެއެވެ. އެހެން ނަމަވެސް ދާދި ހަމަހަމަކޮށް ކުޅެމުން ގޮސް، 29 ވަނަ މިނެޓުގައި ރުމޭނިއާއިން ލީޑު ނެގިއެވެ. ހިތްގައިމު ގޯލެކެވެ. ކެޕްޓަން ނޮކޮލާއީ ސްޓެންޗޫ އެ ގޯލު ޖެހީ، ޑެނިސް މޭން ދިން ބޯޅަ، އޭރިއާ ބޭރުން ސީދާ ގޯލުގެ ކަނަށް އަމާޒުކޮށްލައިގެންނެވެ.
ފުރަތަމަ ހާފުގައި އިތުރު ހަމަލާތަކެއް ނުފެނުނު ނަމަވެސް، ރުމޭނިއާއިން ދެވަނަ ހާފުގައިވެސް ފެނުނީ ޖޯޝުގައި ކުޅެމުން ދިޔަތަނެވެ. ކޮންމެ ޑިފެންސިވް ޓެކުލަކާއެކުވެސް އެޓީމުން ދިޔައީ އުފާފާޅުކުރަމުންނެވެ. ޔޫކްރޭނަށްވުރެ ބޮޑަށް މެޗުން މޮޅުވާން މަސައްކަތް ކުރިތަން ރުމޭނިއާއިން ފެނިގެން ދިޔައެވެ.
މެޗުގައި ރުމޭނިއާއިން ލީޑު ފުޅާކުރީ 53 ވަނަ މިނެޓުގައެވެ. ޕެނަލްޓީ އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއަކުން ރޫމޭނިއާއަށް އެ ގޯލު ކާމިޔާބުކޮށްދިނީ ރަޒްވާން މެރިންނެވެ. އޭނާގެ ހަމަލާ އަމާޒުކޮށްލީ ޔޫކްރޭން ގޯލުގެ ތިރީ ކަނަކަށެވެ. އޭގެފަހުންވެސް ފުލުފުލުގައި ރުމޭނިއާއިން ނުރައްކާކުރިއެވެ.
ޕެނަލްޓީ އޭރިއާ ބޭރުން ސްޓެންޗޫ ފޮނުވާލި ހަމަލާ ބްލޮކްވެފައިވާ އިރު، ރީބައުންސް ބޯޅަ ހިފައިގެން ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު އަންދްރޭ ރާޓޫ ފޮނުވާލި ހަމަލާ ޔޫކްރޭންގެ ކީޕަރު އަންދްރޭ ލުނިން ވަނީ މަތަކޮށްފައެވެ. ދެވަނަ ގޯލަށް ފަސް މިނެޓް ފަހުން ރުމޭނިއާ ތިންވަނަ ގޯލެއްވެސް ޖެހިއެވެ.
ޑެނިސް މޭން ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ ފޮނުވާލި ހަމަލާއަކުން ރޫމޭނިއާއަށް އެ ގޯލު ކާމިޔާބުކޮށްދިނީ ޑެނިސް ޑްރާގުސެވެ. ޔޫކްރޭނުން އެޓީމުގެ ފޯވަޑަށް ބަދަލުތަކެއް ގެނެސް، އަންދްރޭ ޔަރްމަލެންކޯ ކުޅެން ނެރެފައިވާ އިރު، އޭނާގެ ފަރާތުން ކޮންމެވެސް ވަރެއްގެ ނުރައްކަލެއް ފެނުނެވެ. އެހެން ނަމަވެސް، ގޯލު ހުޅުވާލުންވީ އުނދަގޫ ކަމަށެވެ. ރުމޭނިއާގެ ޑިފެންސުން ދިޔައީ ފޯމުގައި ކުޅެމުންނެވެ.
މެޗުގެ ފަހުކޮޅަށް ގޮސް ސުން ކަނޑުވާލަން ޔޫކްރޭނުން ކުރި މަސައްކަތުގައި ޖޯގީ ސުޑަކޯވް ފޮނުވާލި ހަމަލާ، ރޫމޭނިއާގެ ކީޕަރު ފްލޮރިން ނިޓާ ވަނީ މަތަކޮށްފައެވެ. އަދި އޭގެފަހުން ޔަރެމްޗުކް ފޮނުވާލި ހަމަލާ އަމާޒުވީ ރޫމޭނިއާ ގޯލުގެ ހުރަސް ދަނޑިއަށެވެ. އެ ހަމަލާތަކާއެކުވެސް ކޮޅަށް ގޯލެއް ވައްދާނުލައި، ރަނގަޅަށް ޑިފެންސްކޮށް، ރުމޭނިއާ މޮޅަކުން ފެށިއެވެ.
ޔޫރޯ 2024
ޔޫރޯ 2024
ޔޫރޯ 2024