އޮސްޓްރިއާގެ ސްޓައިލަކީ އަވަސްކޮށް ޕްރެސް ކުރުން ކަމަށާއި، އެޓީމުގެ ޕްރެސިންނަށް ފްރާންސުން ސަމާލުވާން ޖެހޭނެ ކަމަށް ކޯޗު ޑިޑީއާ ޑިޝޭމްޕްސް ބުނެފިއެވެ.
ފްރާންސާއެކު ކުޅުންތެރިއެއްގެ ގޮތުގައި ވޯލްޑް ކަޕާއި ޔޫރޯވެސް ހޯދި ޑިޝޭމްޕްސް ވަނީ 2018 ވަނަ އަހަރު ކޯޗެއްގެ ގޮތުގައިވެސް ގައުމީ ޓީމާއެކު ދުނިޔޭގެ ތަށި ހޯދައިފައެވެ. އޭނާއަށް ޔޫރޯ އަދި ކޯޗެއްގެ ގޮތުގައި ހޯދިފައި ނުވާ އިރު، މިފަހަރު މިއީ އެ ފުރުސަތަށް މަސައްކަތް ކުރަން ލިބޭ ފުރުސަތެވެ. ފްރާންސްގެ ސްކޮޑު ވަރުގަދަކޮށް އޮތް އިރު، އެޓީމަކީ އެއް ފެވަރިޓެވެ. މިރޭ ފްރާންސާ ދެކޮޅަށް ނުކުންނަ ރަންގްނިކްވެސް އެހެން ބުނެފައިވެއެވެ.
ފްރާންސްގެ ފެށުމާ ގުޅޭ ގޮތުން އެޓީމުގެ ތަޖުރިބާކާރު ކޯޗު، ޑިޝޭމްޕްސް ބުނީ އޮސްޓްރިއާއަށް ސަމާލުވާން ޖެހޭ ކަމަށެވެ. އެއީ އެޓީމުގެ ސްޓައިލަކީ ނުރައްކާތެރި ސްޓައިލެއް ކަމަށެވެ.
"ފުރަތަމަ މެޗު ވަރަށް މުހިއްމުވާނެ. ސީދާ ގްރޫޕްގެ ނަތީޖާ ކަނޑައެޅޭ މެޗެއް ނޫން ނަމަވެސް، އެއީ ވަރަށް މުހިއްމު ކަމެއް. އޮސްޓްރިއާއިންވެސް ރަނގަޅަށް ފަށަން ނުކުންނަކަން ވިސްނަން ޖެހޭނެ. ވިސްނަން ޖެހޭނެ އެހެން ކަމެއް އެބައޮތް. އޮސްޓްރިއާއިން އެންމެފަހުން ކުޅުނު ހަތަރު މެޗުގެ ވީޑިއޯ ފުޓޭޖް އަހަރެމެން އަތުގައި އެބަހުރި. އޭގެން ވަރަށް ސާފުވާ އެއް ކަމެއް އެބައޮތް. އޮސްޓްރިއާއަކީ ވަރަށް އިންޓެންސިޓީ ހައި، ވަރަށް އަވަހަށް ޕްރެސްކުރާ ޓީމެއް. ސަމާލުވާން ޖެހޭނެ،" ޑިޝޭމްޕްސް ބުންޏެވެ.
ޑިޝޭމްޕްސް އިއްޔެގެ ޕްރެސްގައި އިތުރަށް ބުނީ ފްރާންސްގެ ކުޅުންތެރިންނަށް މޮޅުވާން ޖެހޭކަން އެނގޭނެ ނަމަވެސް، މިހާރު ތަކުރާރުކޮށް އެ ވާހަކަ ބުނެދޭން ނުޖެހޭނެ ކަމަށެވެ.
ފްރާންސާއި އޮސްޓްރިއާ ވާދަކުރާ މެޗު އޮންނާނީ މިރޭ ރާއްޖެ ގަޑިން 12:00 ގައެވެ.
ޔޫރޯ 2024
ޔޫރޯ 2024
ޔޫރޯ 2024