ފްރާންސަކީ މުބާރާތުގައި އޮތް އެންމެ އުނދަގޫ ޓީމުގެ އިތުރުން އެންމެ ވަރުގަދަވެސް ޓީމު ނަމަވެސް، މިރޭގެ މެޗަށް ނުކުންނާނީ ޖެހިލުން ނުވެ ކަމަށް އޮސްޓްރިއާގެ ކޯޗު ރަލްފް ރަންގްނިކް ބުނެފިއެވެ.
ރަންގްނިކް 2022 ވަނަ އަހަރު އޮސްޓްރިއާއާ ހަވާލުވެ، އެ ޓީމަށް ވަނީ ބަދަލުތަކެއް ގެނެސްފައެވެ. ރަންގްނިކްގެ ފިލޯސަފީއަކީ "ޖެންޖެން ޕްރެސިން"ގެ ފިލޯސަފީއެވެ. އެ ބަދަލު ޓީމަށް ގެނެސް އަވަހަށް ޕްރެސް ކުރާ ހަލުވި ޓީމަކަށް ޓީމު ބައްޓަން ކުރަން ދަނީ މަސައްކަތް ކުރަމުންނެވެ. އެ ޗެލެންޖުގައި ރަންގްނިކްގެ ޓީމު މިރޭ ނުކުންނާނީ ދުނިޔޭގެ އެންމެ ވަރުގަދަ އެއް ޓީމު ފްރާންސާ ދެކޮޅަށެވެ.
"އަހަރެމެން މި ކުޅެނީ ދުނިޔޭގެ އެންމެ ވަރުގަދަ އެއް ޓީމާ. އެންމެ ވަރުގަދަ އެއް ޓީމެއްވެސް ނޫން ކަންނޭނގެ. އެންމެ ވަރުގަދަ ޓީމުހެން ބޮޑަށް ހީވަނީ. ފްރާންސަކީ މި ވަގުތުވެސް ވޯލްޑް ކަޕެއްގެ ރަނަރަޕް ޓީމު. ހަމަ ޔަގީނުންވެސް އެންމެ ވަރުގަދަ ސްކޮޑެއް އޮތީވެސް، އެންމެ މޮޅު ފޯވަޑް ލައިނެއް އޮތީވެސް ފްރާންސްގައި. އަހަރެމެންޖެހޭ އެންމެ ފުރިހަމަ މެޗެއް ކުޅެން،" ރަންގްނިކް ބުންޏެވެ.
ފްރާންސަށް ކުރި އެ ތައުރީފުތަކާއެކު ރަންގްނިކް ބުނީ ފްރާންސަށް އިހުތިރާމު ކުރި ނަމަވެސް، ޖެހިލުން ނުވާނެ ކަމަށެވެ.
"ފްރާންސާ ދެކޮޅަށް ކުޅެން އަހަރެންގެ ޓީމު ތައްޔާރު. ޖެހިލުމެއް ނުވޭ، އެހެން ނަމަވެސް ވިސްނަން ޖެހޭނެ ބައިވަރު ކަންތައްތައް ހުންނާނެ. އެންމެ ގޯހެއް ހެދުނަސް، އުނދަގޫތަކާ ދިމާވާނެ. އެނގޭ ގްރޫޕް އުނދަގޫވާނެ ކަންވެސް. އެހެންވީމާ އަހަރެމެން ނުކުންނާނީ އެ އުނދަގުލާ ކުރިމަތިލާން،" ރަންގްނިކް އިތުރަށް ބުންޏެވެ.
ފްރާންސާއި އޮސްޓްރިއާ ހިމެނޭ ގްރޫޕް ޑީގައި ދެން ހިމެނެނީ ނެދަލޭންޑްސް އާއި ޕޮލެންޑެވެ. އެ ދެ ޓީމުން ކުޅުނު މެޗު އިއްޔެ 1-1 އިން އެއްވަރުވި އިރު، ރަންގްނިކް ބުނީ ބަހުގައި އިނދެ ޓްރެފިކް ޖެހިގެން އެ މެޗު ލައިވްކޮށް ނުބެލުނު ކަމަށާއި އަނެއް ޓީމުތަކުގެ މެޗަށް ދެން ވިސްނާނީ ފްރާންސް މެޗަށްފަހުގައި ކަމަށެވެ.
ފްރާންސާއި އޮސްޓްރިއާ ވާދަކުރާ މެޗު އޮންނާނީ މިރޭ މެންދަމު 12:00 ގައެވެ.
ޔޫރޯ 2024
ޔޫރޯ 2024
ޔޫރޯ 2024